ޤާނޫނުގައި ބުނާ މުއްދަތު ހަމަވިއިރުވެސް އޭސީސީއަށް މެންބަރަކު އައްޔަން ނުކުރެވޭ!

ޤާނޫނުގައި ބުނާ މުއްދަތު ހަމަވިއިރުވެސް އޭސީސީއަށް މެންބަރަކު އައްޔަން ނުކުރެވޭ!

Author
މުޙައްމަދު ޖިމީ
01 ފެބްރުއަރީ 2022 10:14
0

އެންޓި-ކޮރަޕްޘަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމުން ޢަލީ އަޝްރަފް އިސްތިއުފާދެއްވުމުން، އޭނާގެ ބަދަލުގައި އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރައްވަން ޖެހޭ މުއްދަތު ހަމަވެއްޖެއެވެ

ޤާނޫނުގައި ބުނާގޮތުން އޭސީސީން މެންބަރަކު ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި އެކޮމިޝަނަށް މެންބަރަކު އައްޔަންކުރަންޖެހެއެވެ. ނަމަވެސް އަޝްރަފް އިސްތިއުފާދެއްވުމާއި ގުޅިގެން މެންބަރަކު އައްޔަންކުރަންޖެހޭ 60 ދުވަހުގެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ. އޭސީސީގެ މެންބަރުކަމުން އަޝްރަފް އިސްތިއުފާދެއްވީ ޑިސެމްބަރު މަހުގެ 2ގައެވެ.

ޖުމްލަ 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި  އެ ކޮމިޝަން މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

މިމަހުގެ 5 ގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ތައްޔާރުވަމުން އަންނައިރު، އޭސީސީގައި މެންބަރުން ނެތި ޤާނޫނީ ހުސްކަމެއްގައި އޮތުމުން ވަނީ  އިންތިޚާބާއި ގުޅޭގޮތުން މައްސަލަތައް ހުށަނޭޅިފައެވެ. އަދި ހުށައެޅުނުނަމަވެސް ބެލޭނެ ގޮތެއް ނެތެވެ. އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެންނެވެ. އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.

އޭސީސީގެ މެމްބަރަކު ނެތި ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ކަންކަން ކުރިއަށްދާތީ ގިނަ ބައެއްގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ. ޚާއްސަކޮށް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގިނަ ކަންތައްތަކެއް ސަރުކާރުން ހިންގަމުންދާއިރު މިކަންކަން ބެލޭނެ ގޮތް ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.

އޭސީސޒީން އެންމެ ފުރަތަމަ އިސްތިއުފާދެއްވި ޢަލީ އަޝްރަފް މިހާރު ވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޓެންޑަރ ބޯޑްގެ ޗެއަރމަނަކަށް އައްޔަންކުރައްވާފައެވެ. އަޝްރަފަކީ މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.