އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ އެވަޓަންގެ ކޯޗަކަށް ފްރޭންކް ލަމްޕާޑް ހަމަޖައްސައިފިއެވެ.
އެވަޓަންގެ ކޯޗުގެ މަގާމާއި ލަމްޕާޑް ހަވާލުވީ، ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ލަމްޕާޑްއެވަޓަންގެ ކޯޗުގެ ގޮތުގައި ފެނިގެން ދާނެއެވެ.
އެވަޓަންގެ ކޯޗުގެ މަގާމު ހުސްވެފައިވަނީ ކުރިން ހުރި ކޯޗު ރަފައެލް ބެނިޓޭޒް މިމަހުގެ 18 ވަނަ ދުވަހު މަގާމުން ވަކިކުރުމުންނެވެ. ބެނިޓޭޒް އެވަޓަންގެ ކޯޗުކަމުން ވަކިކުރީ އެ ޓީމާ ހަވާލުވިތާ 200 ދުވަސް ފަހުންނެވެ.
ލަމްޕާޑް އެންމެ ފަހުން ކޯޗުކަން ކޮށްދިނީ، ޗެލްސީއަށެވެ. ޗެލްސީގެ ކޯޗުކަމާއި ލަމްޕާޑް ހަވާލުވީ 2019 ގައެވެ. އެ އަހަރުގެ ޖުލައިގައި މަގާމާއި ހަވާލުވުމަށްފަހު އޭނާއަށް ޗެލްސީގައި ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އެވަޓަންއަށް ލަމްޕާޑް އިރުޝާދު ދޭނެ ފުރަތަމަ މެޗަކީ އެފްއޭ ކަޕްގައި އެވަޓަން އިން ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ކޮމެންޓު ފޮނުވާ