އެފްރިކަން ކަޕް: ސެމީގެ ފަހު ދެ ޖާގަ މިސްރާއި ސެނެގާލް ހޯދައިފި

އެފްރިކަން ކަޕް: ސެމީގެ ފަހު ދެ ޖާގަ މިސްރާއި ސެނެގާލް ހޯދައިފި

Author
ޔޫސުފް
31 ޖެނުއަރީ 2022 04:27
0

ކެމަރޫންގައި މިހާރު ކުރިޔަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ މިސްރާއި ސެނަގާލް ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް މިސްރު ދަތުރުކުރީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ރޭ މޮރޮކޯ 1-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ސެނެގާލްސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާގެ ފަހު މެޗުގައި ރޭ އިކުއޭޓްރަލް ގިނީ 1-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މިސްރާއި މޮރޮކޯ ބައްދަލުކުރި ކުއާޓާ ފައިނަލުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މޮރޮކޯއިންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންމޮރޮކޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ، ސޮފިއާން ބޫފޮލްއެވެ. މިސްރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 53 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ޖެހި ގޯލުންނެވެ. މިސްރުގެ ޔާސީން ބޫނޯ ބޮލުން ޖެހި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ސަލާހް ވަނީ ހަމަޖެހިލާފައި ގޯލަށް ވައްދާލާފައެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް 1-1 އިން އެއްވަރުވެފައި އޮތުމުގެ ސަބަބުން ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފް ކުޅެން ޖެހުނެއެވެ. އެގޮތުންއިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހުކޮޅު މިސްރު މޮޅުވި ލަނޑު ސަލާހްގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ މަހުމޫދު ޓްރެޒެގޭއެވެ.

ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ ދަންވަރު ބައްދަލުކުރީ ސެނެގާލް އާއި އިކުއޭޓްރަލް ގިނީއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސެނެގާލް އިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ، ފަމާރާ ޑިއެދިއޯއެވެ. ނަމަވެސް ދެވަނަ ހާފުގައިއިކުއޭޓްރަލް ގިނީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެނިކް ބީލާއެވެ. ނަމަވެސް އޭގެ 10 ވަރަކަށްމިނެެޓު ފަހުން އަނެއްކާވެސް ސެނެގާލް އިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޗެއިކޫ ކުޔާޓޭއެވެ. ސެނެގާލް މޮޅުކަށަވަރުކޮށްދިން ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއިލާ ސާއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ސެނެގޯލް ނުކުންނާނީ ބުރްކީނާ ފާސޯއާ ދެކޮޅަށެވެ. ބުރާސްފަތި ދުވަހު ކުޅޭ ސެމީ މެޗުގައި މިސްރުވާދަކުރާނީ މުބާރާތް ބާއްވާ ކެމަރޫންއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.