ޔާމީނަށް ޙުކުމް އިއްވުން ޖޫން މަހަށް އަވަސްކޮށްފި

ޔާމީނަށް ޙުކުމް އިއްވުން ޖޫން މަހަށް އަވަސްކޮށްފި

Author
މުޙައްމަދު ޖިމީ
31 ޖެނުއަރީ 2022 03:43
0

ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސްޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޙުކުމް އިއްވުން ފަސް މަސް އަވަސްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރިން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމް ނޮވެމްބަރު 25 ވަނަ ދުވަހަށް ތައާވަލުކުރަން ނިންމާފައިވާކަމަށް ބުނެފައެވެ. ނަމަވެސް މިހާރު އެހުކުމް ޖޫން މަހުގެ 30އަށް އަވަސްކޮށްފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ޝަރީޢަތް އަވަސްކުރީ، ޖޭއެސްސީންނާއި ޖުޑީޝަރީ ކޮމިޓީން ނުފޫޒް ފޯރުވައިގެންކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ތުހުމަތުކުރެއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވިދާޅުވީ، ދަޢުވާއަށް ޖަވާބުދާރީ ވުމާއި އިބްތިދާއީ މަރުހަލާ އަންނަ މެއި މަހާ ހަމައަށް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި، އޮކްޓޫބަރު މަހު ޚުލާސާ ބަޔާން ހުށަހެޅުމާ ހަމައަށް ކުރިއަށް ގެންދަވާނެކަމަށާ، ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު މި މައްސަލައިގެ ޙުކުމް އިއްވާނެކަމަށް އިސް ޤާޟީ ޝަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މި ދައުވާގެ އަޑުއެހުންތައް ލައިވްކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާތީ، އިސް ޤާޟީ ޝަކީލް ވިދާޅުވީ، ޝަރީއަތް ލައިވްކޮށް ދެއްކޭނެ ވަސީލަތްތައް މި ވަގުތު ކޯޓުގައި ނެތްކަމަށެވެ. އެހެންކަމުން ޝަރީޢަތް މިވަގުތު ލައިވް ނުކުރެވޭނެކަމަށްވެސް އިސް ޤާޟީ ވިދާޅުވިއެވެ. ނަމަވެސް ވަސީލަތްތައް ލިބުމުން ލައިވްކުރާނެކަމަށާއި، ލައިވް ނުކުރިއަސް ޝަރީޢަތްތައް ކުރިއަށް ގެންދާނީ ޢާންމުކޮށް ހުޅުވާލައިގެންކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ރައީސް ޔާމީންގެ ދިފާޢީ ވަކީލް ވިދާޅުވީ، ރައީސް ޔާމީނަކީ ކުރީގެ ރައީސްކަންކުރައްވާފައިވާ ބޭފުޅަކަށްވާތީ، މި މައްސަލާގައި އާންމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ކުރިންވެސް ލައިވްކޮށްފައިވާކަމަށާއި، އެހެންކަމުން އާރަށު މައްސަލައިގެ ޝަރީޢަތްވެސް ލައިވް ކުރެވޭނެ ވަސީލަތްތައް ލިބެންދެން ޝަރީޢަތް މަޑުޖައްސާލުމަށް އެދިވަޑައިގަތެވެ.

މިކަމާއި ގުޅިގެން ދައުލަތުން ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ޝަރީޢަތް އަބަދުވެސް ލައިވްކުރަން އެދޭކަމަށާއި، ލައިވް ކުރެވެން ނެތްނަމަ ޢާންމުކޮށް ހުލުވާލައިގެން ޝަރީޢަތް ކުރިއަށް ގެންދަން ދައުލަތުން އެދޭކަމަށެވެ.

ރައީސް ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒް ފޯރުވަން މަސައްކަތްކުރާކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިކަމާއި ގުޅިގެން މައްސަލަ ބައްލަވާ އިސް ޤާޟީ ވިދާޅުވީ، އެ މައްސަލަ ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތަކަށް ކޯޓުގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެކަމަށެވެ. އަދި އެހެން މީހުން ދައްކާ ވާހަކަތަކަށް ކޯޓުން ނުބަލާނެކަމަށްވެސް އިސް ޤާޟީ ވިދާޅުވިއެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވުން އަވަސްކޮށްފައިވާއިރު، އަންނަ ރޯދައިގެ ކުރިން ރައީސް ޔާމީން ޖަލަށް ލާނެކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.