ޔާމީންގެ ހަށިކޮޅުގައި ދެން އަތެއް ނުލެވޭނެ، ޖަލަކަށް ނުގެންދެވޭނެ: އަދުރޭ

ޔާމީންގެ ހަށިކޮޅުގައި ދެން އަތެއް ނުލެވޭނެ، ޖަލަކަށް ނުގެންދެވޭނެ: އަދުރޭ

Author
މުޙައްމަދު ޖިމީ
30 ޖެނުއަރީ 2022 09:42
0

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ ހަސިކޮޅުގައި ދެން އަތް ނުލެވޭނެކަމަށާއި، އެމަނިކުފާނު ޖަލަށްވެސް ނުލެވޭނެކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން މި ވިދާޅުވީ، ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތަށް ފާޑުވިދާޅުވެ، ރައީސް ޔާމީން ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އަންނަ ރޯދަ މަހުގެ ކުރިން ޖަލަށް ލައްވާނެކަމަށް އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވުމާއި ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ހަށިކޮޅުގައި އިނގިލި ކުރިވެސް ޖައްސާ ނުލެވޭނެކަމަށެވެ. ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އަދުރޭ ވަނީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ ނަން ފާހަގަކުރައްވާ ރައީސް ޔާމީނާ ކުޅުއްވަން ނޫޅުއްވުމަށް ގޮވާލައްވާފައެވެ.

ހަސަން ލަތީފެއްކަމަކު، އެކަމެއް ނުކުރެވޭނެއޭ. ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ދެން ޔާމީން ޖަލަކަށް ނުލެވޭނެ. ޝިފާޒު ކައިރީ އަޅުގަނޑު ބުނެލަން ބޭނުންވަނީ އެކަމެއް ނުކުރެވޭނެއޭ..

– ޢަބްދުއްރަޙީމް ޢަބްދުﷲ

މިސަރުކާރުން ކޮމަންޑޫ ދާއިރާގެ އިންތިޚާބަށް ނުފޫޒް ފޯރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ސަރުކާރަކުން ކަމެއް ކޮށްދީފައި އޮތްނަމަ އެކަމެއް ކޮށްދެއްވީ ރައީސް ޔާމީންގެ ސަރުކާރުގައިކަމަށެވެ. އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ވެސް އެ ދާއިރާ ފެނިފައި ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ކެމްޕެއިން ފޯރި ވަނީ ގަދަވެފައެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވަން ރައީސްއާއި ނާއިބު ރައީސްއާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ކޯލިޝަންގެ ބައިވެރިންވެސް ގެންދަވަނީ އެ ދާއިރާއަށް ދަތުރުކުރައްވާ އެމްޑީީޕީގެ ކެނޑިޑޭޓަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވަމުންނެވެ. އަދި އެ ދާއިރާގައި ސަރުކާރުން ކުއްލިއަކަށް ގިނަ މަޝްރޫޢުތަކެއް ފެއްޓެވުމުން އެއީ އިންތިޚާބަށް ނުފޫޒް ފޯރުވުންކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.