ދަންނައެވެ. ލިޢާނު ކުރުންވަނީ ދެގޮތެއްގެ މަތިންނެވެ.
އެއްގޮތަކީ: އަނބިމީހާ ޒިނޭ ކުރިކަމުގެ އިލްޒާމު ފިރިމީހާ އަޅުވައި. ފިރިމީޙާ އަށް އެކަން ޘާބިތު ކުރުމަށް ހަތަރު ހެކިން ނުގެނެވިއްޖެނަމައެވެ. މިޙާލަތުގައި ލިޢާނު ކުރުމުން ފިރިމީހާގެ މައްޗަށް ގަޛްފުގެ ޙައްދު ނެތިގެން ދެއެވެ.
ދެވަނަ ގޮތަކީ: ދަރިފުޅު ނަފީ ކުރުމެވެ.
ލިޢާނު ކުރުން ޝަރްޢު ކުރެއްވި ކަމުގެ ދަލީލަކީ ނޫރު ސޫރަތުގެ 6 ވަނަ އާޔަތެވެ. (وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الصَّادِقِينَ) މާނައަކީ: " އަދި އެއުރެންގެ އަމިއްލަ نفسތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذفކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّهގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކުކަމަށެވެ".
މި އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ފިރިމީހާ އޭނާގެ އަނބިމީހާގެ ބޮލުގައި ޒިނޭގެ އިލްޒާމު އަޅުވައި ހަތަރުހެކިން ގެ ހެކިބަސް ގެނައުމަށް ނުކުޅެދިއްޖެނަމަ، އޭގެ ބަދަލުގައި (ހަތަރު ހެކިން ދެއްކުމުގެ ބަދަލުގައި) އޭނާ އަށް އޮތީ ތިމަންނާ މިހަދަނީ ތެދުކަމުގައި ބުނެ ހަތަރު ފަހަރު މާތް ﷲ ގަންދީ ހުވާ ކުރުމެވެ. އަދި ފަސްވަނަ ފަހަރުގައި ތިމަންނާ މިހަދަނީ ދޮގުކަމުގައިވާނަމަ މާތް ﷲ ގެ ލަޢްނަތް ތިމަންނާގެ މައްޗަށް ޙައްގުވެއްޖެޔޭ ބުނެ ހުވާ ކުރަން ޖެހެއެވެ. މިގޮތަށް ކަންކޮށްފިނަމަ (ލިޢާނުކޮށްފިނަމަ) އަބަދުގެ އަބަދަށް އެދެމީހުން ކައިވެނި ޙަރާމް ވެއްޖެއެވެ. މިހިސާބުން އަންހެން މީހާގެ މައްޗަށް ޒިނޭގެ ޙައްދު ވާޖިބު ވެއްޖެއެވެ. ނަމަވެސް ފިރިމީހާ އެހަދަނީ ދޮގު ކަމުގައިބުނެ ހަތަރުފަހަރަށް ހުވާ ކުރުމަށްފަހުގައި، ފިރިމީހާ އެހަދަނީ ތެދުކަމުގައިވަނީނަމަ މާތް ﷲ ގެ ކޯފާ ތިމަންނާގެ މައްޗަށް ޙައްގުވެގެންވެޔޭ ބުނެ ހުވާ ކުރުމުން އަންހެން މީހާ ޒިނޭގެ ޙައްދުން ބަރީއަ ވާނެއެވެ.
މާތް ﷲ ވަޙީ ކުރައްވައެވެ. (وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ ﴿٨﴾وَالْخَامِسَةَ أَنَّ غَضَبَ اللَّـهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ) މާނައަކީ: "ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّهގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حدޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިން ވާމީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّهގެ ކޯފާ އެކަނބުލޭގެމައްޗަށް ހުރިކަމަށެވެ".
والله أعلم
ކޮމެންޓު ފޮނުވާ