ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ސަރުކާރަށް ކާމިޔާބު ކޮށްދިނުމަށް ގާސިމްވަނީ ކެމްޕޭން ކޮށްދެއްވާފަ

ގާސިމްގެ ތާއީދު އެމްޑީޕީއަށްތައް ނޫނީ ރައީސް ސާލިހަށްތަ؟

ގާސިމްގެ ތާއީދު އެމްޑީޕީއަށްތައް ނޫނީ ރައީސް ސާލިހަށްތަ؟

ރާއްޖޭގައި ފަހަކަށް އައިސް ރާއްޖޭގައި ބޭއްވިގެންދިޔަ ކޮންމެ އިންތިޚާބެއްގައިވެސް ޖުމުހޫރީ ޕާޓީ ވެގެން ގޮސްފައިވަނީ ކޮންމެވެސް އެއް ބަޔަކަށް ވެރިކަން ހޯދާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ ޕާޓީއެއްގެ ގޮތުގައެވެ. އަދި އެޕާޓީގެ ލީޑަރު ފާހަގަވެގެން ގޮސްފައިވަނީ، ފަހަކަށް އައިސް ރާއްޖޭގެ ވެރިކަމަށް ވަޑިގެންނެވި ހަމަ ކޮންމެ ބޭފުޅަކަށް ކަހަލަ ގޮތަކަށް ވެރިކަމަށް ވަޑައިގެންނެވުމުގައި އެހީތެރިކަން ފޯރުކޮށްދިން ބޭފުޅޭއްގެ ގޮތުގައިވެސް މެއެވެ.

ފެށުނީއްސުރެ، މަހުޖަނު ގާސިމް އިބުރާހުމްގެ ލީޑަރޝިޕްގައި އޮތް ޖުމުހޫރީ ޕާޓީއަކީ ހަމަ އެކަނި އިންތިޚާބުތަކަށް ފޮޅޭ މަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރަމުންދަނީވެސް މިފަދަ ބައެއް ސަބަބުތަކާހެދި ކަމުގައިވެސް މިފުރުސަތުގައި ފާހަގަ ކޮށްލަންޖެހެއެވެ. އެޕާޓީގެ ފަރާތުން އިންތިޚާބުތަކުގައި ވާދަކުރުމުގެ ބަދަލުގައި، އިންތިޚާބުތަކުގައި ވަދަކުރާ ބައެއް ފަރާތްތަކަށް އެޕާޓީގެ އެހީތެރިން ފޯރުކޮށްދީ، އަދި އަންދާޒާ ކޮށްލުން އުދަގޫ ބައެއް ނިންމުން ބައެއް ހާލަތަތަކުގައި އެޕާޓީން ނިންމަމުން ދާތީވެސްމެއެވެ.

މިގޮތުން ބަލާއިރު، ރައީސް ސާލިހުގެ ވެރިކަމުގައި މިހާތަނަށް އައި ގިނަ އިންތިޚާބުތަކުގައި ސީދާ އެޕާޓީން ވާދަކޮށް، ޕާޓީގެ ކެނޑިޑޭޓުން މަގާމްތަކަށް އިންތިޚާބު ކުރުމުގެ މާބޮޑު ޝައުގުވެރިކަމެއް އެޕާޓީން ދައްކާފައެއް ނުވެއެވެ، މިގޮތުންވެސް އެންމެ ޚާއްސަގޮތެއްގައި ފާހަގަވާން އޮތީ ފާއިތިވެދިޔަ ކައުންސިލް އިންތިޚާބާއި މިހާރު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއެވެ.

މިގޮތުން، މިހާރު ކުރިޔަށްދާ ކޮމަންޑޫދާއިރާގެ ބައި އިލެކްޝަންގެ ފޯރި އިންތިހާއަށް ގަދަވެ، އިންތިޚާބުގައި ވާދަނުކުރާ ޕާޓީތަކުންވެސް ކެނޑިޑޭޓުންނަށް އެންޑޯސްމަންޓް ދޭން ފަށާފައިވާއިރު، ޖުމުހޫރީޕާޓީންވަނީ، މިދާއިރާއަށް ވާދަކުރަމުންދާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދުކޮށް، އަދި އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްވަނީ އެ ދާއިރާއަށް ދަތުރުވެސް ކުރައްވަން ފައްޓަވާފައެވެ. އަދި މި ދަތުރުތަކުގައި ގާސިމްވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ނޫން އެހެން ކެނޑިޑޭޓަކަށް ވޯޓު ނުދިނުމަށް އެދާއިރާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އެމްޑީޕީގެ ކެނޑިޑޭޓަށް ކެމްޕޭން ކުރައްވަމުން ގާސިމް ވިދާޅުވެފައިވަނީ ރައީސް ހިތުގަ ޖައްސައިއިފިނަމަ ތަރައްގީގެ މަޝްރޫޢަތަކަށް އަސަރު ކުރާނެކަމަށް

 

ކޯލިޝަންގެ އެއް ޕާޓީއެއް ފިޔަވާ އެހެން ޕާޓީތަކުގެ ތާއީދު ރައީސް ސާލިހަށް!

ރައީސް ސާލުހުއަކީ އެންމެ ދިގު މުއްދަތަކަށް މިހާތަނަށް ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ދެމެހެއްޓެވި ރައީސްކަމުގައި މިވަނީ ވެގެން ގޮސްފައެވެ. ސަބަބަކީ ކޯލިޝަން ވެރިކަމަށް 3 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، މިސަރުކާރު ވެރިކަމަށް އައި ކޯލިޝަން އަދިވެސް އޭގެ ގޮތުގައި ދެމި އޮވެފައި ވާތީއެވެ.

އެއީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާއި ލީޑަރުންގެ އަނބިންނާއި އަދި ދަރިންވެސް ސަރުކާރުގެ އިސް މަގާމްތަކުގައި ދެމިތިބެގެން ކަމުގައިވި ނަމަވެސް، އެގަގީގަތް އޮތީ އެގޮތުގައެވެ.

އެހެންނަމަވެސް، ސީދާ ރައީސް ސާލިހު ކާމިޔާބު ކުރެއްވުމަށް ގަދައަޅާ މަސައްކަތް ކުރައްވަމުން ގެންދަވާ، ކޮމަންޑު ދާއިރާގެ މި ބައި އިލެކްޝަނުން ފާހަގަވާން އޮތް އެންމެ މުހިންމު އެއްކަމަކީ، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ސަރުކާރު ކެނޑިޑޭޓަށް ތާއީދު ކުރަމުން ދާއިރު، ރައީސް މައުމޫންގެ އެމްއާރުއެމްގެ ތާއީދު ސަރުކާރު ކެނޑިޑޭޓަށް މިހާތަނަށް ލިބިގެން ގޮސްފައި ނުވާކަމެވެ. އޭގެ ބަދަލުގައި އެޕާޓީން ގޮވާލާފައިވަނީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުން ނުފޫޒުން އެއްކިބާވެ ތިބެ ވޯޓު ދިނުމަށެވެ.

އެހެންކަމުން، ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކުންވެސް ސަރުކާރުގައި ދެމި ތިބިއެއްކަމަކު، މުޅި ކޯލިޝަން އެކީ ރައީސް ސާލިހުގެ ފަހަތްޕުޅުގައި އެއް އަމާޒަކަށް މިސްރާބު ހިފައިގެން އޮތްކަމުގައި ދެންނެވެން ނެތް އެއް ސަބަބަކީ އެމްއާރުއެމްއިން އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރުމަށް ފަސްޖެހިފައިވާ ޖެހުންކަމުގައި މިއަދު ދެންނެވެން އެބައޮތެވެ. އަދި މިއީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ކަންހިގުން އެންމެ ގާތް ގޮތްކަމުގައި މިއަދު ގިނަ ބަޔަކު ސިފަ ކުރަން ފަށާފައިވާކަންވެސް މި ފިރިސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

އެމްއާރުއެމްއިން ގޮވާލާފައިވަނީ ނުފޫޒުން އެއްކިބާވެ ތިބެ ވޯޓު ދިނުމަށް

 

ގާސިމްގެ ތާއިދު އެމްޑީޕީއަށްތަ ނުވަތަ ރައީސް ސާލިހަށްތަ؟

ފާއިތުވެދިޔަ ގިނަ އިންތިޚާބުތަކެކޭވެސް އެއްފަދައިން، މިހާރު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، މި އިންތިޚާބަށް ކެނޑިޑޭޓަކު ނެރުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީން އިޚްރިޔާރު ކޮށްފައިވަނީ، މިދާއިރާއަށް ވާދަކުރަމުންދާ އެމްޑީޕީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މިގޮތުން، މިދާއިރާއަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ފާއިތުވެދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭންޖެހޭ ގިނަގުނަ ސަބަބުތަކެއް ހާމަ ކޮށްދެއްވާފައި ވެސްމެއެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު އެމްޑީޕީގެ ކެނޑިޑޭޓަށް ރައްޔިތުން ތާޢީދުކުރަން ޖެހޭކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތައް މުޅިންވެސް ބައްޓަން ކުރައްވާފައިވަނީ، ރައީސް ސާލިހުގެ އޯގާތެރިކަން ލިބިގެން މެނުވީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިޔަށް ނުދާނެކަން ރައްޔިތުންނަށް ފަހުމް ކޮށްދިނުމަށްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ގާސމް ވިދާޅުވި ގޮތުގައި، ރައީސް ސާލިހު ހިތުގައި ޖައްސައިގެން ދާއިރާގެ ރައްޔިތުންނަށް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެއެވެ. އަދި އެއީ އެމީހެއްގެ ބައްޕަވިޔަސް މަންމަވިޔަސް، މި އިންތިޚާބުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓު ދޭންވާނީ ސަރުކާރު ކެނޑިޑޭޓަށް ކަމުގައިވެސް މިދައިރާއަށް ކުރެއްވި ދަތުރުފުޅުގައި ގާސިމް ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ގާސިމް އެމްޑީޕީގެ ކެނޑީޑޭޓަށް ތާއީދު ހޯއްދެވުމަށް ދަތުރު ކުރެއްވި ކަމުގައިވި ނަމަވެސް، ގާސިމްގެ ވިސްނުންފުޅަކީ، ވެރިކަން ކުރާ އެމްޑީޕީއާއި ވަރަށް ގިނަ ކަންކަމުގައި ތަފާތު ވިސްނުން ފުޅެއްކަމެވެ. އަދި ވަކީން ޚާއްސަކޮށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ގިނަ ކަންކަމުގައި ޚިޔާލު ތަފާތު ބޭފުޅެއްގެ ގޮތުގައި މި ވެރިކަމުގެ ފާއިތުވެދިޔަ 3 އަހަރެއްހާ ދުވަހުގެ މުއްދަތުގައި ގާސިމްވަނީ ވަރަށްވެސް ބޮޑަށް ފާހަގަވެގެން ގޮސްފައެވެ.

މިގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކޮށްލެއްވުމަށް ގެންގުޅުއްވަމުން އަންނަ ވިސްނުމާއި ފިކުރަށްވެސް އެންމެ ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދަވާ އެއް ބޭފުޅަކީ ގާސިމް އިބުރާހިމްއެވެ.

އަދި އޭގެ އިތުރުން، ރައީސް ނަޝީދުގެ ވެރިކަމުގައި ކަންހިގާފައިވާ ގޮތުންނާއި، އަދި އޭގެ ފަހުންވެސް އައި އެއްވެސް ރިޔާސީ އިންތިޚާބެއްގައިވެސް އަދި އެނޫން އިންތިޚާބެއްގައިވެސް ގާސިމް ސީދާ ނަޝީދަށް ސިޔާސީ ގޮތުން ތާއީދު ކުރައްވާފައި ނުވާއިރު، އަމިއްލަފުޅު ހައިސިއްޔަތުން ގާސިމް ނަޝީދަށް އިތުބާރު ނުކުރައްވާނޭކަމީ، ވަރަށް ގިނަ ބަޔަލު ގަބޫލުކުރާ ހަގީގަތެއްވެސް މެއެވެ.

އަދި ހަމަ އެފަދައިން، ޖުމްހޫރީ ޕާޓީގެ ލީޑަރަށް ސަރުކާރުގެ ކެނޑިޑޭޓް ނޫން އެހެން ކެނޑިޑޭޓަކަށް ތާއީދު ނުކުރެއްވެން އެންމެ މުހިންމު އެއް ސަބަބެއްގެ ގޮތުގައި ގިނަބަކު ފާހަގަކުރާ އަނެއް ސަބަބަކީ، ގާސިމް އިބުރާހިމްގެ އެއް އަނބިކަބަލުން ކަމުގައިވާ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ ވަޒީފާ ހިމާޔަތް ކުރެއްވުމެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުގައި ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ ދެމިއޮތް އޮތުމުގެ އެއް އަސްލަކީވެސް ޓްރާންސްޕޯޓު މިނިސްޓްރީގެ ވަޒީރުކަމުގެ މަގާމްގެ ގޮތުގައި ގިނަބަޔަކު ދެކެމުން ދާއިރު، މި އިންތިޚާބިގައި، ރައީސް ސާލިހުގެ ފަރާތުން އިންތިޚާބަށް ނުކުމެހުރި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއިދު ކުރުން ނޫން ހައްލެއް ޖުމްހޫރީ ޕާޓީގެ ލީޑަރަށް ނެތްކަމީވެސް ގިނަބަޔަކު އެއްބަސްވާ އެއް ހަގީގަތެއްގެ ގޮތުގައި ފާގަހަވާން އޮތް ކަމެކެވެ.

ކޮމަންޑޫ ދާއިރާގަ އޮތް އެމްޑީޕީ ބައި އިލެކްޝަން ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ރައިސް ސާލުހު ވާހަކަ ދައްކަވަނީ: އިންތިޚާބަށް އަމާޒުކޮށް ސަރުކާރުން ވަނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ފަށާފަ

އަދި އަމުދުން މިހާރު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، މިގޮޑި ކާމިޔާބު ކުރުމަށް ރައީސް ސާލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްތަކަށް އެކަނި ވިސްނާލުމުންވެސް، މި ގޮނޑި ކޮންމެފަދަ އަގެއް ދައްކައިގެން ނަމަވެސް ކާމިޔާބު ކުރެއްވުމަށް ރައީސް ސާލިހު ބޭނުންފުޅު ވެލައްވާކަން މިއީ ސަރުކާރުން އިންތިޚާބަށް ކުރަމުންދާ ހޭދަތަކާއި އަދި އިންތިޚާބަށް އަމާޒުކޮށް ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ހަގީގީ ތަރުޖަމާއެވެ.

އެހެންކަމުން، މިހުރިހާ ތަރުޖަމާއަކަށް ބަރޯސާކޮށް ދަންނަވާނަމަ، ޖުމްހޫރީޕާޓީގެ ލީޑަރުގެ ތާއީދަކީ އެމްޑީޕީއަށް އޮތް އޮތުމެއްގެ ބަދަލުގައި މިއީ ހަމައެކަނި ރައީސް ސާލިހަށް ކުރެއްވި ތާއީދެއްގެ ގޮތުގައި މިއަދު ސިފަކުރެވެން އޮތްކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *