އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ދެކަނބަލުން އެބޭފުޅުން އާ އާއިލީ ބުޅަލަށް ވައިޓް ހައުސްއަށް މަރުހަބާ ވިދާޅު ވެއްޖެއެވެ.
ގައިގެ ކެހެރިތައް ކުރު، އުމުރުން 2 އަހަރުގެ މި ބުޅަލަށް ދީފައިވާ ނަމަކީ ވިލޯވްއެވެ. މި ބުޅަލަށް މި ނަން ދީފައިވަނީ، އެމެރިކާގެ ފަސްޓް ލޭޑީ، ޖިލް ބައިޑްންގެ އުފަން އަވަށް ކަމަށްވާ، އެމެރިލާގެ ޕެންސެލްވޭނިއާގެ ވިލޯވް ގްރޫވް އަވަށަށް ނިސްބަތް ކޮށެވެ.
އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑްންގެ ޕްރެސް ސެކެޓްރީ މިޝެލް ލަރޯސާ ބައެއް މީޑިއާތަކަށް މައުލުމާތު ދެއްވާފައިވާ ގޮތުގައި، މި ބުޅަލާއި ބައިޑްންއާއި އެންމެ ފުރަތަމަ ބައްދަލުވީ 2020 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭއިން އިވެންޓެއްގެ ތެރެއިންނެވެ.
ޖިލް ބައިޑްންގެ ޕްރެސް ސެކެޓްރީ މިޝެލް ލަރޯސާ ވިދާޅުވެފައިވާ ގޮތުގައި، 2020ވަނަ އަހަރު އޮތް ކެމްޕެއިން އިވެންޓެއް ކުރިޔަށް ދަނިކޮށް މި ބުޅާ ކުއްލި ގޮތަކަށް ފުއްމާލީ ބައިޑްން ވާހަކަ ދައްކަވަން ހުންނެވި ސްޓޭޖް މައްޗަށެވެ. އަދި ހަމަ އެވަގުތު، މި ސްޓޭޖް ހަދާފައިހުރި، ބިމުގެ ވެރިފަރާތަށް މި ބުޅާ ބައިޑްންއަށް ހުރި ޝައުގުވެރިކަން ފާހަގަ ކުރެވިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.
"ވިލޯވް މިހާރުދަނީ، އޭނާ އެންމެ ޝައުގުވެރިވާ ކުޅޭ އެއްޗިއްސާއި، ކާތަކެއްޗާއި އަދި އޭނާ ދުވެހަދާ ބައިވަރު ޖާގަތަކަށް ހޭނެމުން،" ލަރޯސާ އާންމު ކުރައްވާފައިވާ ސްޓޭޓްމަންޓުގައި ވިދާޅުވެފައި ވެއެވެ.
ފާއިތުވި އެޕްރިލްމަހު ދެއްވި އިންޓަވިއުއެއްގައި، ފަސްޓް ލޭޑީ ޖިލް ބައިޑްންވަނީ، "ވިންގްގައި އޮތް ބުޅަލަށް" މަރުހަބާ ވިދާޅުވުމުގެ އިންތިޒާރީގައި ހުންނެވިކަމަށް ވިދާޅުވެފައެވެ. ފާއިތުވެދިޔަ މަސްތަކުގައި، މިބުޅާ ވަނީ ކަމުގެ ތަޖުރިބާ ކާރުންގެ އެހީގައި ވައިޓް ހައުސްއަށް އަހުލުވެރި ކުރުވާފައެވެ.
ވިލޯވްއަށް މިހާރު ވައިޓް ހައުސްގައި އޭނާގެ އެކުވެރިއެއްގެ ގޮތުގައި އޮތީ، ފާއިތުވެދިޔަ އަހަރު ޑިސެމްބަރުމަހު ބައިޑްންގެ ދެކަނބަލުން އޮޅު ކޮށްފައިވާ، ކޮމާންޑަރުގެ ނަމުން ނަން ދީފައިވާ ކުއްތާއެކެވެ. ބައިޑްން އެހާތަނާއި ހަމައަށް އޮޅުކޮށްގެން ގެންގުޅެމުން އައި ކުއްތާވަނީ ފާއިތުވެދިޔަ އަހަރުގެ ޖޫންމަހު، އުމުރުން 13 އަހަރުގައި މަރުވެފައެވެ.
ބައިޑްން ގެންގުޅެމުން އައި މޭޖަރގެ ނަމުން ނަން ދީފައިވާ އަނެއް ކުއްތާ، ވައިޓް ހައުސްގެ މުވައްޒަފެއްގެ ގައިގައި ދަތް އެޅުމާއި ގުޅިގެން އުޅެމުންދަނީ، ވައިޓް ހައުސްއިން ބޭރުގައެވެ. މި ކުއްތާއަކީ 2018ވަނަ އަހަރުން ފެށިގެން އޮޅުކޮށްގެން ބައިޑްން ގެންގުޅެމުން އަންނަ ކުއްތާއެކެވެ.
އެންމެ ފަހުން ވައިޓް ހައުސްގައި އޮޅު ކޮށްގެން ބުޅަލެއް ގެންގުޅެފައިވަނީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައެވެ. އެ ބުޅަލަށް ދީފައިވާ ނަމަކީ އިންޑިއާއެވެ.