ސިޔާސީ ގޮތުން ކޮންމެ ފިކުރަކަށް ތާއީދު ކުރި ކަމުގައި ވީނަމަވެސް، އެއްވެސް މީހަކަށް ލިބެންޖެހޭ އަސާސީ ހައްގަކުން މަހުރޫމް ނުކުރެވޭނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބް ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީއަށް ތާއީދު ނުކުރާނަމަ ދައުލަތުން ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާ ދިނުމަށް ޤާނޫނެއްގެ ދަށުން ދެމުން އަންނަ އާސަންދަ ހިދުމަތް ނުލިބިދާނެ ކަމަށް ދޭހަވާ މޭރުމަކުން ވެރިކަން ކުރާ ކޯލިޝަނުގެ އެއް ބައިވެރިއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާހަކަ ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
އުޝާމް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮއެދޭ ވެރިންގެ އިހުލާސްތެރިކަން ހުރި މިންވަރު މިފަދަ ވާހަތަކުންވެސް ހާމަވާކަމަށެވެ. ޞިއްޚީ ޚިދުމަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގަކަށްވާއިރު، ސިޔާސީ ގޮތުން މީހާ ތާއީދު ކުރާ ފިކުރެއްގެ ސަބަބުން، މިޚިދުމަތް ހަނިކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.
މިފެންނަނީ މިބޭފުޅުންގެ އަސްލު ސިފަ. ސިއްހީ ހިދުމަތަކީ އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ ރައްޔިތަކަށްވެސް ދޭންޖެހޭ އަސާސީ ހައްގެއް. ކޮންމެ ޕާޓީއަކަށް ތާއީދު ކުރިއަސް ރައްޔިތުންނަށް ކޮށްދޭންޖެހޭ އެންމެ އަސާސީ ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމްކަމެއް.
– އުޝާމް ވިދާޅުވިއެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ މަޖިލީސް ގޮނޑިއަށް، އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ މުހައްމަދު ރާޝިދަށް ތާއީދު ހޯއްދެވުމަށް މިއަދު ށ.ފޯކައިދޫގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އާސަންދަ ދޭން އިންނާނީ އެމްޑީޕީ ދެކެ ލޯބިވާ، އެމްޑީޕީއަށް އިހުލާސްތެރި، އަދި މިއަދުގެ ސަރުކާރުދެކެ ލޯބިވާ، ރައީސް ސޯލިހަށް އަމާނާތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެހެން ކަމުން މާފަސޭހައިން އާސަންދައިގެ ޝަރުތު ފުރިހަމަވެއޭ ބުނާނީ ކިހިނެއްތޯ ކަމަށާއި، އެހެން މިހެން ހަދާފައި ކަޓުވާނުލާނެ ކަމަށް ވިސްނެނީތޯ ޤާސިމް ސުވާލު ކުރެއްވިއެވެ.
އެންމެ ކުޑަވެގެން އާސަންދަ ދޭން އިންނާނީ ވެސް އެމްޑީޕީ ދެކެ ލޯބިވާ، އެމްޑީޕީ އަށް އިހުލާސްތެރި މިއަދުގެ ސަރުކާރަށް ލޯބިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާނާތްތެރި ބޭފުޅުން. ދެން ކިހިނެއްތޯ މާ ފަސޭހައިން އާސަންދައިގެ ޝަރުތުތައް ފުރިހަމަވެއޭ ބުނާނީ، އެހެން މިހެން ހަދާފައި ކަޓުވާނުލާނެ ކަމަށް އަޅުގަނޑުމެންނަށް ވިސްނެނީތޯ. ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އެމްޑީޕީގެ މޫނު މަތީގައި އެތިފަހަރެއް ޖެހުމުން ލިބޭނެ މޮޅެއް ނެތް ކަމަށެވެ. އަދި މިހާރުވެސް ކޮމަންޑޫ ދާއިރާގައި ސަރުކާރުން އެތައް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު ހިންގަމުންދާ ކަމަށާއި ކުރިއަށް އޮތްތާވެސް އެތައް ޕްރޮޖެކްޓުތައް އެބަހުރި ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް އިންތިހާބުގައި ތަފާތުކަން ބޮޑުކޮށް އެމްޑީޕީ ކެނޑިޑޭޓު ހޮވާ ސަރުކާރާއި އެކު ތިބިކަން ހާމަކޮށްދޭން ވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވަމުން، ޤާސިމް ވަނީ ރައީސް ސޯލިހުގެ އިހުލާސްތެރިކަމާއި ގުޅޭގޮތުންވެސް ދިގުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރަށް މިދުވަސްވަރު ތާއީދު ކުޑަވެގެންދާތަން ފެނުމަކީ ރައީސް ސޯލިހް ހިތް ރުހޭނެ ކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ