މާލެ މީހުން ދެނެގަންނަން ނޭނގޭ ބަޔަކު ކައުންސިލަރުންނަށް ތިބުމަކީ މުސީބާތެއް: މޫސަ

މާލެ މީހުން ދެނެގަންނަން ނޭނގޭ ބަޔަކު ކައުންސިލަރުންނަށް ތިބުމަކީ މުސީބާތެއް: މޫސަ

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2022 08:37
0

މާލެއިން ގޯތި ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްގެ މެންބަރުންގެ އިއްތިފާޤުން އިއްޔެ ނިންމި އެ ނިންމުމަށް ފާޑުވިދާޅުވެ މޫސަ ވަނީ މާލެއިން ގޯތިބޭނުންވާ މީހުނަށް އިތުރު ދަފްތަރެއް ހަދަން ޖެހޭތޯ ސުވާލުކުރައްވާފައެވެ. އަދި ވިދާޅުވީ، މާލެއަށް އުފަން މާލެއަށް ވިހާބޮޑުވެ ކާފަމާމަ މާލެމީހުންކަން މާލޭގެ ރަޖިސްޓްރީން ދެނެގަންނަން ނޭނގޭބަޔަކު ކައުންސިލަރުންނަށް ތިބުމަކީ މުސީބާތެއްކަމަށެވެ.

މޫސަ ވަނީ މާލެއިން ދިރިއުޅެން ބިންކޮޅެއް ބޭނުންވާ ކޮންމެ މީހަކު މައިންބަފައިންގެ ފުށުން ލިބޭ ވާރުތަ ކައުންސިލަށް ހިބައިން ދިނުމަށްފަހު، ފަޅުމަތިން ތަންކޮޅެއް ހޯދުމުން، އެއީ ކައުންސިލުން މާލޭމީހުނަށް ގޯތި ދިނީ ތޯ ސުވާލުކުރައްވާފައެވެ. އޭނާ ވަނީ މާލޭގަ ހުރި ބިންތަކުގެ އޮޑިޓެއްހެދުމަށް ގޮވާލައްވާފައެވެ.

މާލެއިން ގޯތި ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމަށް މޫސަ ފާޑުވިދާޅުވެފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރަށް ދަންނަވައިގެން މިހާތަނަށް ކުރި މަސައްކަތުގެ ނަތީޖާގެ އަލީގައި ދެން ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކޮށްފައެވެ.

މި ޖަލްސާގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަނީ މާލޭގައި ކުދި ބިންތައް ހުރި މީހުން އެ ބިންތައް ދޫކޮށްލުމާއެކު މާލެ ސިޓީން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުމާއި، އެކަމަށް ޝައުޤުވެރިކަން ހުރި މީހުން ދެނެގަތުމަށް މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އޮންލައިން ޕޯޓަލެއް ޤާއިމުކުރުމަށް ހުށަހަޅުއްވާފައެވެ. މިކަމަށް ތާޢީދު ކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް އެވެ.

މިކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން ޤައުމީ އިދާރާތަކުން މާލެ ސިޓީގެ އިޚްތިޞާޞްގައިވާ ސަރަޙައްދެއްގައި އެއްވެސް މަޝްރޫޢެއް ހިންގަންވާނީ ސިޓީ ކައުންސިލާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ޤާނޫނުގައިވާ ފަދައިން މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ހުޅުމާލޭގައި އެޗްޑީސީން ކުރިއަށްގެންދާ އެއްވެސް ކަމެއްގައި ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލާ ކަންކަމުގައި މަޝްވަރާކުރާނަމަ، މާލޭ ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލާގައި ވެސް ރައްޔިތުން އެދޭ ގޮތްތައް ސަރުކާރަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. މާލޭގައި ކުދި ގޯތިތައް ހުރި މީހުންވެސް އެފަދަ ގޯތިތައް ދޫކޮށްލުމަށްފަހު ހުޅުމާލެއިން ގޯތި ދޫކުރާނަމަ އެ ފުރުޞަތު ބޭނުންވާ ކަމަށް އެދި މޭޔަރަށް ސިޓީ ހުށަހަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން އެފަދަ ފުރުޞަތެއް ހުޅުވާލާއިރު މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމާ ގުޅޭ މިފަދަ ދަފުތަރެއް އެކުލަވައިލެވިފައި އޮތުމުން ކަންކަން ތަންފީޒުކުރަން ސަރުކާރަށް ވެސް ފަސޭހަވާނެ ކަމަށެވެ.

މިކަމާ ގުޅޭ މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މާލޭގައި ކުދި ބިންކޮޅު ހުރި މީހުން އެ ބިންތައް ދޫކޮށްލުމަށްފަހު ހުޅުމާލެއިން ނުވަތަ މާލޭގެ އެހެން ސަރަޙައްދަކުން ވެސް ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުޞަތު ބޭނުންވާ މީހުން ދެނެގަތުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ މީހުން ދެނެގަތުމަށްފަހު އެ ދަފުތަރު ސަރުކާރަށް ހުށަހެޅުމަކީ ސަރުކާރަށްވެސް އަދި ސިޓީ ކައުންސިލަށް ވެސް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.

މާލޭ ސިޓީން ގޯތި ބޭނުންވާ މީހުންގެ ދަފުތަރު އެކުލަވައިލުމަށް ހުށަހެޅުނު ހުށަހެޅުން ފާސްވީ ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.