އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުލިބި ހުރި ސްޓޭޓްތަކުގެ ތެރެއިން އެންމެ ބޮޑު ސްޓޭޓް ޕެންސެލްވޭނިއާގައި ޓްރަމްޕްގެ މައްޗަށް ބައިޑަން ކުރި ހޯއްދަވައިފިއެވެ.
ޕެންސެލްވޭނިއާ ކާމިޔާބު ކުރާ ކެނޑިޑޭޓަކަށް 20 އިލެކްޓޯރަލް ވޯޓު ލިބިލައްވާނެއެވެ. މި އީ އިންތިޚާބު ކާމިޔާބު ކުރަން 2 ކެނޑިޑޭޓުންނަށްވެސް މުހިންމު ސްޓޭޓެކެވެ. މިހާރުގެ ނަތީޖާ ދައްކާގޮތުން ޕެންސެލްވޭނިއާގައި ބައިޑަން އުޅުއްވަނީ 7000 އެއްހާ ވޯޓު ކުރީގައެވެ. ނަމަވެސް އިންސައްތައިން ބަލާނަމަ މިއީ އަދިވެސް ކުޑަ އަދަދެކެވެ. ސަބަބަކީ އެ ސްޓޭޓުން އަދި މިހާތަނަށް ގުނައި ނަތިޖާ ކަށަވަރު ވެފައި ވަނީ 95 އިންސައްތަ ވޯޓު ކަމަށް ވާތީއެވެ.
ޕެންސެލްވޭނިއާ އަކީ ބައިޑަންގެ އުފަން ސްޓޭޓް ކަމަށް ވާއިރު އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެ ސްޓޭޓް ކާމިޔާބު ކުރެއްވީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އަދި މިއަދާ ޖެހެންދެން ލިބުނު ނަތީޖާ ތަކުގައި ވެސް ކުރީގައި އުޅުއްވީ ޓްރަމްޕެވެ. ނަމަވެސް މިހާރު ޕެންސެލްވޭނިއާގެ ނަތީޖާ އެނބުރިފައި މިވާގޮތުން އެ ސްޓޭޓުގެ 20 އިލެކްޓޯރަލް ވޯޓާއިއެކު ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ގާތްގަނޑަކަށް މިވަނީ ކަށަވަރުވެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް ނަތީޖާ ކަށަވަރު ނުވާ އިތުރު ސްޓޭޓްތަކަށް ބަލާއިރު، ޖޯޖިޔާ ގައި ވެސް ކުރީގައި އުޅުއްވަނީ ބައިޑަންއެވެ. އެ ސްޓޭޓްގެ ވޯޓު ކާމިޔާބު ކުރައްވާ ކެނޑިޑޭޓަށް 16 އިލެކްޓޯރަލް ވޯޓު ލިބިލައްވާނެއެވެ. މީގެ އިތުރުން ދެން ނަތީޖާ ކަށަވަރު ނުވާ ނޯތު ކެރޮލީނާ ގައި ކުރީގައި އުޅުއްވަނީ ރައީސް ޓްރަމްޕެވެ. ނޯތު ކެރޮލީނާ ކާމިޔާބު ކުރައްވާ ބޭފުޅަކަށް 15 އިލެކްޓޯރަލް ވޯޓު ލިބިލައްވާނެއެވެ.
މި އިންތިޚާބު ޖޯބައިޑަން ކާމިޔާބު ކުރައްވައިފިނަމަ އޭނާ ވެގެންދާނީ މުޅި އެމެރިކާގެ ތާރީޚުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅާއަށެވެ. މިއީ މިހާތަނަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދަމަހައްޓަމުން އައި ރެކޯޑެކެވެ.
އިންތިޚާބުގެ ކާމިޔާބީ ވަރަށް އަވަހަށް ޖޯބައިޑަން އިއުލާންކުރާނެ ކަމަށް ބަލާ، އެމެރިކާގެ ސީކްރެޓް ސާވިސްގެ ފުރިހަމަ ރައްކާތެރިކަމުގެ ދަށަށް ބައިޑަން މިހާރު ވަނީ ގެންދަވާފައެވެ. އެގޮތުން ހުކުރުދުވަހުން ފެށިގެން ސީކްރެޓް ސާވިސްއިން ވަނީ ބައިޑަން ދިރިއުޅުއްވާ އަވަށް ކަމުގައިވާ ވިލްމިންގްޓަންގައި ބައިޑްންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ. އަދި ބައިޑަން ދިރިއުޅުއްވާ ގޭގެ ވައިގެ ސަރަހައްދުވެސް ގެންދަނީ ބަލަހައްޓަމުންނެވެ.
މިހާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއިންތިޚާބަކީ ފާއިތުވެދިޔަ 120 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެމެރިކާގައި ރައްޔިތުން ވޯޓުލާން ނިކުތް އިންތިޚާބެވެ. މިހާރު ދައްކާގޮތުން މިއިންތިޚާބުގައި %66.9 ރައްޔިތުން ވަނީ ވޯޓުލާފައެވެ. އަދި އެހެން އަހަރުތަކުގެ އިންތިޚާބުތަކާއި ޚިލާފަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 100 މިލިއަނަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުންވަނީ ދުރާލާ ވޯޓު ލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާފައިވަނީ ޕޯސްޓުގެ ޒަރީއާއިންނެވެ.