ބަރު ހަތިޔާރުތަކާއި، އަސްކަރީ ޓޭންކުތަކާއި، ޖައްވުގައި އުދެހެމުންދިޔަ ހަގުރާމަމަތީ ފައިޓަރ ޖެޓްތަކުގެ އަޑުތަކާއެކު، އިންޑިއާއިން އެގައުމުގެ 73ވަނަ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ އަސްކަރިއްޔާގެ ހަތިޔާރުގެ ގާބިލްކަން ދައްކާލައިފިއެވެ.
އިންޑިއާއިން އެގައުމުގެ ގާނޫނު އަސާސީ ބަލައިގަތް ދުވަސް ކަމުގައިވާ ޖެނުއަރީމަހުގެ 26ވަނަ ދުވަސް ފާހަގަ ކޮށްފައިވަނީ، މިސައިލް ލޯންޗުތަކާއި، މަތިން އުދުހެމުންދިޔަ ޖެޓްތަކާއި، މޮޓޯ ސައިކަލް ސްޓަންޓުތަކާއި، ޖަމަލު މަތީ ސަބާވަރުވެ ތިބި ބޯޑަރ ސެކިއުރިޓީ ފޯސްގެ ބްރާސް ބޭންޑުގެ މިއުޒިކާ އެކީއެވެ.
އިންޑިއާގެ އަސްކަރިއްޔާއާއި އަދި އަދި ޕޮލިސް ލަޝްކަރުތައް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއަށް ކުރުނީސް ކުރަމުން މާޗްކޮށްފައިި ދިޔައިރު، އާންމު ގޮތެއްގައި މިރަސް މިއްޔާތުގައި ބައިވެރިވާ ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ ޝަރަފު އެރުވުމެއް މިއަހަރަކު ނެތެވެ. މި ރަސްމިއްޔާތުހައި މިބައި މިއަހަރު ހިމަނާފައި ނުވަނީ، އިންޑިއާގައި މިހާރު ގޯސްވެފައިވާ ކޯވިޑް19ގެ ހާލަތާއި ގުޅިގެންނެވެ.
އާންމު ގޮތެގައި މި ރަސްމިއްޔާތު ކުރިޔަށް ދާއިރު، މަގުގެ ދެފަރާތުގައި މީހުން ތޮއްޖެހިފައި އޮންނަ ނަމަވެސް، މިއަހަރު ރައްމިއްޔަތަށް ހާޒިރުވުމުގެ ފުރުސަތު ދީފައިވަނީ އެންމެ 4،000 މީހުންނަށެވެ. ރަސްމިއްޔާތު ބެލުމަށް އިތުރު މީހުންނަށް ތިބެން ޖެހުނީ ރަސްމިއްޔާތާ މާ ދުރުގައެވެ.
މިއަހަރުގެ ޖުމުހޫރީ ދުވަހުގެ ކުރީ ރޭ އިންޑިއާގައި، ކޯވިޑް ކާރިސާ ފެށުނުފަހުން މިބައްޔަށް ޕޮޒިޓީވް ވީ މީހުންގެ އަދަދު 40 މިލިއަނަށް އަރާފައިވާކަން އެގައުމުގެ ސިއްޙީ އިދާރާތަކުން ވަނި ހާމަ ކޮށްފައެވެ.

އިންޑިއާއިން މިހާރު ތައްޔާރުވަމުން ދަނީ، އިނރޭސިންގެ އިސްތިއުމާރުން އެގައުމު މިނިވަން ވިދާ 75 އަހަރު ފުރުން ފާހަގަ ކުރުމަށެވެ. ޖުމުހޫރީ ދުވަހު އިންޑިއާއިން ބޭއްވި ހަރާކާތްތަކުންވަނީ، އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންވުމަށް، 20 ވަނަ ގަރުނުގެ ފުރަތަމަ ބައިގައި އެގައުމުން ކުރި ދިގުދެމިގެންދިޔަ އުދަގޫ މަސައްކަތްތައް ތަމްސީލު ކޮށްދީފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ސަރުކާރުންވަނީ، ފާއިތުވެދިޔަ އަހަރު ނިމެމުން ދަނިކޮށް ހެލިކޮޕްޓަރ ވެއްޓުމު ހާދިސާގައި މަރުވެފައިވާ ކުރީގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރަވަތަށް އިންޑިއާގެ ދެވަނައަށް އެންމެ މަތީ މަދަނީ ޝަރަފް "ދަ ޕަޑްމާ ވިބުޝާން"ގެ ޝަރަފް އެރުވުމަށް ނިންމާފައިވާކަންވެސް އިއުލާން ކޮށްފައެވެ.
ކޮމެންޓު ފޮނުވާ