الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ސުވަރުގޭގައި އެންމެ މަދުން އަނބިން ލިބޭ މީހަކަށްވެސް ދެއަނބިން ލިބޭނެއެވެ. ގިނައިން ލިބޭ މީހުންވެސް ތިބެއެވެ. ވަކި ޢަދަދެއް ސުންނަތުން ޘާބިތުވަނީ ހަމައެކަނި ﷲ ގެ މަގުގައި ޖިހާދު ކުރަނިކޮށް ޝަހީދުވީ ޝަހީދުންނަށެވެ. އެމީހުންނަށް 72 ޙޫރުލް ޢީނުން ލިބޭނެކަމަށެވެ.
ދަލީލަކީ:عن المقدام بن معدي كرب قال : قال رسول الله صلى الله عليه وسلم : " للشهيد عند الله ست خصال : يغفر له في أول دفعة من دمه ، ويرى مقعده من الجنة ، ويجار من عذاب القبر ، ويأمن من الفزع الأكبر ، ويوضع على رأسه تاج الوقار الياقوتة منها خير من الدنيا وما فيها ، ويزوج اثنتين وسبعين زوجة من الحور العين ، ويشفع في سبعين من أقاربه " .މާނައަކީ: "މިގްދާމް ބިން މަޢްދީ ކަރްބި ވިދާޅުވިއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ ޙަޟްރަތުގައި ޝަހީދުންނަށް ހަކަމެއް ލިބޭނެއެވެ. ހަށިގަނޑުން އެންމެ ފުރަތަމަ ލޭފޮދު އޮހޮރުމާއެކު އޭނާގެ ފާފަ ފޮހެވޭނެއެވެ. އަދި ސުވަރުގޭގައި އޭނާގެ މަގާމު ފެންނާނެއެވެ. އަދި ކަށްވަޅުގެ ޢަޛާބުން ސަލާމަތް ވާނެއެވެ. އަދި އެންމެ ބޮޑު ބިރުވެތިކަމުން ސަލާމަތް ވާނެއެވެ. އަދި ދުނިޔެއާއި އެތަނުގައި ވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑު ޔާގޫތުން ތައްޔާރު ކުރެވިފައިވާ ތާޖެއް އޭނާގެ ބޮލުގައި އެޅުވޭނެއެވެ. އަދި 72 ޙޫރުލް ޢީނު ލިބޭނެއެވެ. އަދި އޭނާގެ ގާތްތިމާގެ މީހުންކުރެ 70 މީހުންނަށް ޝަފާޢަތްތެރި ވެވޭނެއެވެ".
ސުވަރުގޭގައި ލިބޭ ޙޫރުލް ޢީނުންގެ ތެރޭގައި އޭނާގެ ދުނިޔޭގެ އަންހެނުންވެސް ހިމެނިގެންވެއެވެ. ފިރިމީހާ މަރުވުމަށް ފަހުގައި އަންހެން މީހާ އިތުރު މީހަކާ ކައިވެނި ކޮށްފިނަމަ، ސުވަރުގޭގައި އެއަންހެން މީހާ ލިބޭނީ ކޮން ފިރިޔަކަށްތޯ، މިކަމާއި މެދުގައި ޢިލްމުވެރިން 3 ގޮތަކަށް ވިދާޅުވެފައިވެއެވެ. އެއީ:
- އެ އަންހެނާ އާއިއެކު ދުނިޔޭގައި އެންމެ ރަގަޅަށް ޞާލިޙްކޮށް އުޅުނު ފިރިހެނަކަށް ލިބޭނެކަމަށް ބުނާ ބުނުން. ނަމަވެސް މިގައުލު އަށް ބާރުލިބޭނެ ވަރުގަދަ ދަލީލެއް ނެތެވެ.
- އަންހެން މީހާ ބޭނުން ފިރިޔަކު އިޚްތިޔާރު ކުރުމުގެ ފުރުޞަތު ގިޔާމަތް ދުވަހުން އެމީހަކަށް ލިބޭނެކަމަށް ބުނާ ބުނުން. ނަމަވެސް މިބަހަށްވެސް ބާރުލިބޭނެ ވަރުގަދަ ދަލީލެއް ނެތެވެ.
- ދުނިޔޭގައި އޭނާ ކައިވެނިކުރި އެންމެ ފަހުގެ ފިރިމީހާ އަށް ލިބޭނެކަމަށް ބުނާ ބުނުން. މި ގައުލުގެ ދަލީލު ތަކުގެ ތެރޭގައި: ޙުޛައިފާ ރަޟިޔަﷲ ޢަންހު- އޭނާގެ އަނބި ކަބަލުންނަށް ވިދާޅުވިއެވެ. (إن شئت أن تكوني زوجتي في الجنة فلا تزوجي بعدي فإن المرأة في الجنة لأخر أزواجها في الدنيا فلذلك حرم الله على أزواج النبي صلى الله عليه وسلم أن ينكحن بعده لأنهن أزواجه في الجنة) މާނައަކީ: "ސުވަރުގޭގައި ތިމަންނާގެ އަންބެއްގެ ގޮތުގައި ހުރުމަށް ކަމަނާ އެދޭނަމަ، ތިމަންނާގެ ފަހުން އެހެން މީހަކާ ކައިވެނި ނުކޮށް ހުންނާށެވެ. ހަމަކަށަވަރުން، ސުވަރުގޭގައި ކަމަނާ ލިބޭނީ ދުނިޔޭގެ އެންމެ ފަހުގެ ފިރިމީހާ އަށެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބި އަނބި ކަބަލުން އެކަލޭގެފާނަށް ފަހުގައި އެހެން މީހަކާ ކައިވެނި ކުރުން މަނާ ކުރެވުނީ ވެސް އެހެން ވެގެންނެވެ. ސަބަބަކީ އެކަނބަލުންނަކީ އެކަލޭގެފާނުގެ ސުވަރުގޭގެ ވެސް އަނބި އަނބި ކަބަލުންނެވެ".
އަބުއް ދަރްދާއު- ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أيما امرأة توفي عنها زوجها ، فتزوجت بعده ، فهي لآخر أزواجها) މާނައަކީ: "އަންހެނަކު އޭނާގެ ފިރިމީހާ މަރުވުމަށް ފަހުގައި އެހެން ފިރިހެނަކާ ކައިވެނި ކޮށްފިނަމަ، އޭނާ ވާހުށީ އެންމެ ފަހުން ކައިވެނި ކުރި މީހަކާ އެކުގައެވެ".
والله أعلم.