ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވި ދެ ކުއްޖެއްގެ މަންމައަކީ ދިވެއްސެއްކަމަށް ފެމިލީ ކޯޓުން ޙުކުމްކޮށްފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވާ ކުދިންނަކީ ދިވެހިންކަން ސާބިތުކުރުމަށް ފެމިލީ ކޯޓަށް ހުށައަޅަންވާނެކަމަށެވެ. އެހެންކަމުން ފެމިލީ ކޯޓަށް މި މައްސަލަ ހުށައެޅީވެސް ހަނގުރާމަވެރި ސަރަހައްދެއްގައި އުޅުނު ދިވެއްސެކެވެ. އެ އަންހެން މީހާ ހުށައެޅި މައްސަލާގައި ވަނީ އޭނާއަށް ލިބުނު ދެ އަންހެން ދަރިންނަކީ އޭނާގެ ދަރިކަން ސާބިތުކުރުމަށެވެ.
އެ ދެ އަންހެން ކުދިންނަކީ ހަނގުރަމަވެރި ސަރަހައްދުގައި އުޅުނު ދިވެހި އަންހެންމީހާގެ ދަރިކަން ފެމިލީކޯޓުން ކަނޑައެޅީ އެ ދެކުދިންގެ ޑީއެންއޭއާއި، އަންހެން މީހާގެ ޑީއެންއޭއާ އަޅާކިއުމަށްފަހުއެވެ. އަދި ދިވެހި ފުލުހުން ހަދާފައިވާ މެޓާނިޓީ ޑީއެންއޭ ތަހްލީލް ރިޕޯޓަށްވެސް ރިޔާއަތްކޮށްފައިވާކަމަށާއި، އެ ރިޕޯޓް އެކުލަވާލި މީހާގެ ހެކިބަހާއި އެނޫންވެސް ހެކިތަކަށް ރިޔާޢަތްކޮށްފައިވާކަމަށްވެސް ފެމިލީ ކޯޓުން ބުންނެވެ.
ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވި ދެ ކުއްޖެއްގެ މަންމައަކީ ދިވެއްސެއްކަމަށް ފެމިލީ ކޯޓުން ހުކުމް ކުރިނަމަވެސް އެމީހުންނާއި ބެހޭ މަޢުލޫމާތު އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ދެ ކުދިންނަކީ ދިވެއްސެއްގެ ދަރިންކަމަށް ފުރަތަމަ ފަހަރަށް ކޯޓުން ހުކުމްކޮށްފައިވާއިރު މިއީ އެފަދަ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރުވެސްމެއެވެ.
ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ އުސޫލުގެ ނަމުގައި ޑީއެންއާރުން ވަނީ މިއަދު އުސޫލެއްވެސް އާންމުކޮށްފައެވެ.
ޑީއެންއާރުން ގެޒެޓްކުރި ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވަނީ އެފަދަ ތަނަކަށް އުފަންވާ ކުދިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކޮށްފައި ނުވާނަމަ، އެ ކުދިންގެ އުފަންވުން، ދިވެހިރާއްޖޭގައި ރަޖިސްޓަރ ކުރަންވާނެކަމަށެވެ.
އެފަދަ ކުދިން ރަޖިސްޓްރީކޮށްދެވޭނީ، ދަށުން ކުއްޖެއްގެ އުފަންވުން ރަޖިސްޓަރކޯށްދެވޭނީ، އެ ކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކު ކަމާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި، ކޯޓަށް މައްސަލަ ހުށަހަޅައި، އެ ކުއްޖެއްގެ އުފަންވުމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. މިގޮތުން ކޯޓުން ނިންމާ ނިންމުން ލިބޭތާ ހަތަރު ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާގެ ޕަވަރ އޮފް އެޓަރނ އެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރ ކުރުމަށާއި، އުފަންދުވަހުގެ ސެޓުފިކެޓު ހެދުމަށް، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓ އެއްގެ ކައުންސިލަށް ހުށަހަޅަންވާނެކަމަށްވެސް މި އުސޫލުގައިވެއެވެ.މިގޮތަށް ހުށައަޅާއިރު ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓްވެސް ހުށައަޅަންވާނެކަމަށް އުސޫލުގައި ވެއެވެ. އަދި ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ކުއްޖެއްގެ އުފަންވުން، އެ ކައުންސިލަކުން ރަޖިސްޓަރ ކޮށްދޭންވާނެކަމަށް ޑީއެންއާރުން ބުންޏެވެ.
ކުޖެއްގެ އުފަންވުން ރަޖިސްޓަރ ކުރުމަށްފަހު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް މަޢުލޫމާތު ދިނުމަށް "ގެމެން ޕޯޓަލް" މެދުވެރިކޮށް އެ މަޢުލޫމާތު ކައުންސިލުން ހުށަހަޅަންވާނެކަމަށާއި، އުފަންވުން ރަޖިސްޓަރ ކުރުމަށްފަހު، އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ކައުންސިލުން ހަދައިދޭންވާނެކަމަށްވެސަ މި އައު އުސޫލުގައިވެއެވެ.
ކޮމެންޓު ފޮނުވާ