الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
މަރުވެފައިވާ މީހުންގެ ހަނދާނުގައި ޖަލްސާތައް ނުވަތަ ބައްދަލުވުންތައް ބާއްވާ އެމީހެއްގެ ރަގަޅު ވާހަކަ ދައްކާ ހެދުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް އަންނަނިވި ޝަރްޠުތަކުގެ މަތިންނެވެ.
- އެކަމުގެ މަގްޞަދަކީ މައްޔިތާގެ ފަރާތުން ލިބިފައިވާ ހެޔޮކަންތަކަށް ޝުކުރު އަދާކޮށް، މައްޔިތާގެ ޝަޚްޞިއްޔަތުން ޢިބްރަތް ޙާޞިލް ކޮށް މީސްތަކުންނަށް ހެޔޮކަންތައް ކުރުމަށް ބާރުއެޅުން ކަމުގައިވުން. މީގެ ބަދަލުގައި މިފަދަ ބައްދަލުވުން ތަކުގެ ބޭނުމަކީ ލިބުނު ހިތާމާގައި ރޮއި އަޑުގަދަކޮށް ހެދުން ކަމުގައި ވެގެން ނުވާނެއެވެ. ސަބަބަކީ މިފަދަ ޢަމަލުތަކަކީ ކެތްތެރި ކަމާއި، ﷲ ގެ ގަޟާ ގަދަރަށް ރުހި ގަބޫލު ވުމާއި ފުށޫ އަރާ ކަންތައްތައް ކަމަށް ވުމެވެ.
- މިފަދަ ބައްދަލުވުންތަކަކީ ކޮންމެ އަހަރަކު އެއްފަހަރު އަންނަ ޢީދެއް ކަމުގައި ނުހެދުން. މުސްލިމުންގެ ޢީދަކީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ. އެނޫން ޢީދެއް ފާހަގަ ކުރުމަކީ މުސްލިމުންނަށް ހުއްދަ ވެގެންވާ ކަމެއް ނޫނެވެ.
- މިފަދަ ޖަލްސާތަކުގައި ދެކެވޭ ވާހަކަ ތަކަކީ ޙައްގު ތެދުކަމުގައިވުން. މައްޔިތާގެ ފަރާތުން މުޖްތަމަޢަށް ލިބިފައިވާ ހެވާއި ލާބައިގެ ވާހަކަތައް މުބާލަޣާ (އިތުރު ކުރުން) އެއް ނެތި ސީދާ ތެދުބަހުން ދެއްކުން. އަދި މިފަދަ ވާހަކަތަކުގެ މަގްޞަދަކަށް ވާންޖެހޭނީ މީސްތަކުންނަށް އެފަދަ ކަންތަކުން ޢީބްރަތް ޙާޞިލް ކުރުމަށް ބާރު އެޅުން ކަމުގައިވާން ޖެހޭނެއެވެ. މިއާއި ޚިލާފަށް ނުބައި ނުލަފާ މީހެއް މަރުވުމުން އެމީހާ އަކީ ރަގަޅު މީހަކަށް ހަދައިގެން ޖަލްސާ ބާއްވާ ވާހަކަ ދައްކާ ހަދައިގެން ނުވާނެއެވެ.
- މިފަދަ ބައްދަލުވުން ތަކުގައި އެއްވެސް ކަހަލަ މުންކަރާތެއް އެކުލެވިގެން ނުވާނެއެވެ. އަދި މިފަދަ ބައްދަލުވުންތައް ބޭއްވެނީ ވަކި ދުވަހަކާ ދިމާކޮށް ކަމުގައި ވެގެން ނުވާނެއެވެ. މިޘާލަކަށް މައްޔިތާ މަރުވިޔާ ހަފްތާ އެއް ނުވަތަ ސާޅީސް ދުވަސް ވުމުން ބޭއްވޭ ބައްދަލުވުމަކަށް ނުވަތަ ޖަލްސާ އަކަށް ވެގެން ނުވާނެއެވެ.
والله أعلم.