ބައި އިލެކްޝަންގެ ކެމްޕޭން މެކުހަށް! އަސްލު މަންޒަރާއި ނަތީޖާ ތަފާތު ވެދާނެތަ؟

ބައި އިލެކްޝަންގެ ކެމްޕޭން މެކުހަށް! އަސްލު މަންޒަރާއި ނަތީޖާ ތަފާތު ވެދާނެތަ؟

ގުޅުންހުރި

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދެވި، އަދި އެދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މެމްބަރު ހުސެއިންވަހީދު ފާއިތުވި ޑިސެމްބަރ މަހުގެ 14ވަނަ ދުވަހު އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓާކާ ބޭއްވުމަށް ހަމަ ޖެހިފައިވާ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝްންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އަދި މި އިންތިޚާބު އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމާއެކު އިންތިޚާބުގައި 3 ސިޔާސީ ޕާޓީއަކުން ވާދަކުރާނެކަން އިއުލާންކޮށް، އިންތިޚާބަށް ތިން ޕާޓީންވެސް ދަނީ ވަރުގަދަޔަށް ކެމްޕޭން ކުރަމުންނެވެ.

މިގޮތުން، ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން އަލަށް އުފެއްދި އެމްއެންޕީއިންވެސް ގެންދަނީ ޕާޓީތަކަށް ނިސްބަތްވާ ކެނޑިޑޭޓުންނަށް ތާއީދުހޯދުމަށް ދާއިރާގައާއި އަދި ވެރިރަށް މާލޭގަވެސް ޖަގަހަތައް ހުޅުވާ، ދޮރުން ދޮރަށް ހިގާ އަދި ކެމްޕޭން ޖަލްސާތައްވެސް ކުރިޔަށް ގެންދަމުންނެވެ.

އަދި މީގެ އިތުރުން، ޕާޓީތަކުގެ ލީޑަރޝިޕުން ގެންދަނީ، ލީޑަރޝިޕްގެ އިސްބޭފުޅުން ރަށްތަކަށް ދަތުރުކޮށް، ޕާޓީގެ ކެނޑިޑޭޓަށް ތާޢީދު ހޯދުމަށް  ކެމްޕޭން އިވެންޓްތަކުގައި ބައިވެރިވެ ވަޑައިގެން ދޮރުން ދޮރަށްވެސް ހިންގަވަމުންނެވެ.

އެމްޑިޕިގެ ރައީސް ނަޞީދު ބައިވެރިވެ ވަޑައިގެންނެވި ކެމްޕެއިން ޖަލްސާއެއް ރޭވަނީ ފޯކައިދުގައި ބާއްވާފަ

އެހެންކަމުން އަންނަ ފެބްރުއަރީމަހުގެ 5ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް މިހާރު އެންމެ ދެހަފްތާއަށް ވެގެން ގޮސްފައިވާއިރު، ކޮމަންޑޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މިވަނީ މެކުހަށް ޖަހާފައެވެ. އަދި ގޮޑި ކާމިޔާބު ކުރުމަށްޓަކާ ސަރުކާރުން ބޮޑި ވައުދުތަކެއްވެ، އަދި ޕާޓީތަކުން ކުރަމުންދާ ބޮޑެތި ޚަރަދުތަކާއެކު، ގޮނޑި ކާމިޔާބު ކުރާނީ ވަކި މިވެނި ޕާޓީއެއްކަން ސާފުނުވާ މިންވަރަށް ވާދަކުރާ ތިން ޕާޓީންވެސް ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

 

މަންޒަރުން އެންމެ ބޮޑު ދެ ޕާޓީ! ނަތީޖާ ތަފާތު ވެދާނެތަ؟

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެންމެ ބޮޑަށް ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ މިއިންތިޚާބުގައި ރާއްޖޭގައި މިވަތު އޮތް އެންމެ ބޮޑު ދެޕާޓީ ކަމުގައިވާ އެމްޑީޕީއާއި އަދި ޕީޕިއެމްއާއި ވާދަކުރުމަށް މުޅިން އަލަށް އުފެއްދި އެމްއެންޕީން ނިންމި ނިންމުމެވެ.

މިގޮތުން ދާއިރާގެ އެންމެ ބޮޑު ރަށް ކަމުގައިވާ ކޮމަންޑޫއަށް ނިސްބަތްވާ، ތަޢުލީމީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ހަންނާން އިދުރީސް އެމްއެންޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި، ހުސްވެފައިވާ ގޮޑިއަށް ވާދަ ކުރައްވަން ނިންމަވާ އޭނާގެ ކެމްޕޭން އެމްއެންޕީއިން ފަށާފައިވަނީ އެޕާޓީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވުނުތާ 3 މަސް ދުވަސް ފާއިތުވެ ގޮސްފައި ނުވަނީހެވެ.

ނަތީޖާއެއްގެ ގޮތުން، މި ކެމްޕޭންގައި، ރަގަޅު ގްރާސް ރޫޓެއް މި ދާއިރާގައި އޮތް އެމްޑީޕީއާއި އަދި ޕީޕިއެމްއާއި ވާދަކުރުމަށް އެޕާޓީން ނިންމި ނިންމުމާ ދޭތެރޭ ވަރަށް ގިނަބަޔަކު ޝައްކުގެ ނަޒަރުން ދެކެފައި ވެއެވެ. އެއްބަޔަކު ގަބޫލު ކުރި ގޮތުގައި އެޕާޓީގެ ބޭނުމަކީ ރައީސް ސާލިހަށް މި ގޮޑި ކަށަވަރު ކޮށްދިނުމަށް މަގުފަހި ކުރުމެވެ. އަނެއް ބަޔަކު ދުށް ގޮތުގައި އެޕާޓީގެ ހަގީގީ މަގުސަދަކީ ހަމަ އެކަނި ނަމެއްގައި ވާދަ ކޮށްލުމެވެ.

އެހެންނަމަވެސް، ފާއިތުވެދިޔަ 3 ހަފްތާއެއްހާ މުއްދަތުގައި، މި އިންތިޚާބު ކާމިޔާބު ކުރުމަށް އެމްއެންޕީގެ ލީޑަރޝިޕުން ކޮށްފައިވާ މަސައްކަތަކާއި އަދި އެ ޕާޓީގެ ކެނޑިޑޭޓު ކޮށްފައިވާ ކެމްޕޭނަށް ބަލާއިރު، އެންމެ ބޮޑު ދެޕާޓީއަށް ގޮންޖަހާ މިއިންތިޚާބު ކާމިޔާބު ކުރުމުގެ އަޒުމުގައި އެޕާޓީން މަސައްކަތް ކުރަމުންދާ މަންޒަރު ވަރަށްވެސް ރަގަޅަށް ދަނީ ތަސައްވުރު ވަމުންނެވެ.

އަދި އަމުދުން މުޅިން އަލަށް އުފެއްދި ޕާޓީއަކަށް ބަލާ، މި ދާއިރާގައި އެޕާޓީގެ ގްރާސް ރޫޓެއް ނެތި، ނެތް ތާއީދަކުން ފަށާ އެޕާޓީން ގޮނޑި ކާމިޔާބު ކުރުމަށް ކުރަމުންދާ ކެމްޕޭންގެ ތެރެއިން މިއަދާހަމަޔަށް އައިއިރު ފެންނާން އޮތް ތާއީދަކީ، އުއްމީދީ ކުލަވަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

އެހެންނަމަވެސް، އެމްޑީޕީއާއި ޕީޕީއެމްއިން އެޕާޓީތަކުގެ ލީޑަރޝިޕްތަކުގެ ދަތުރުތަކުގައި ދައްކަމުންދާ މީހުންގެ އަދަދުތަކާއި އަދި ބާއްވަމުންދާ ޖަލަސާތަކަށް ހާޒިރުވަމުންދާ މީހުންގެ އަދަދަށް އެކަނި ބަލާ، އެ ހިސާބު ކިތާބުތަކުގެ މައްޗަށް ގޮތް ނިންމާނަމަ މި އިންތިޚާބުގައި ވާދަވެރިކަން އޮތީ އެމްޑީޕީއާއި ޕީޕީއެމްގެ މެދުގައި ކަމުގައި ދެންނެވިދާނެއެވެ.

އެމްއެންޕިއިން ގެންދަނީ އެޕާޓީގެ ކެމްޕޭން ދާއިރާގެ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ގެންދަމުން

އެހެންނަމަވެސް، ފަސްހާސް ރައްޔިތުންގެ މައްޗަށް އެކުލެވޭ އަދި ދެހާހެއްހާ ރައްޔިތުން ވޯޓު ލާނެ އާންމު އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޖަލްސާތަކަށް ހާޒިރުވާ މީހުންގެ ނިސްބަތުން ނަތީޖާ ވަޒަން ކުރުމަކީ އެއްވެސް ހައިސިއްޔަތަކުން ރަގަޅު ހިސާބެއް ކަމުގައި ދެންނެވޭނެ ޖާގައެއް ނޯނާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

އެހެންކަމުން، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ޕާޓީން މިހާރު ކުރަމުންދާ ކެމްޕޭނަށް ބަލާއިރު އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކޮށް ވަކި ޕާޓީއަކަށް އޮތް ކަމުގައި ދެންނެވުން އުދަގޫ ހާލަތުގައި މަންޒަރު ސިފަވަމުން ދާއިރު، ރާއްޖޭގައި ބޭއްވޭ ގިނަ އިންތިޚާބުތަކުގައި، ނަތީޖާއަށް އަސަރު ކުރާވަރުގެ ބޮޑެތި ބަދަލުތައް އާންމު ގޮތެއްގައި ކެމްޕޭންގެ އެންމެ ފަހު ހަފްތާގައި އަންނަމުންދާކަން މިއީވެސް ވަކީން ޚާއްސަކޮށް މަޖިލިސް އިންތިޚާބުތަކުގައި ފާއިތުވެދިޔަ ތަނުގައި ވަރަށްވެސް ރަގަޅަށް ފެނިގެން ގޮސްފައިވާ ހަގީގަތެއް ކަމުގައި ދަންނަވަން ޖެހެއެވެ.

 

ބޮޑު ދެޕާޓީގެ ބޮޑެތި ވައުދުތަކަށް ރައްޔިތުން އިތުބާރު ކުރުމާއި ނުކުރުން!

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެންމެ ޚާއްސަ ގޮތެއްގައި ފެންނާން އޮތް އެއް ތަފާތަކީ، މި އިންތިޚާބާ ދިމާކޮށް ސަރުކާރުން އެ ދާއިރާއަށް ވީ ތަރައްގީގެ ބޮޑެތި ވައުދުތަކާއި އަދި އަމަލީ ގޮތުން މުޅިން އަލަށް ފަށާފައިވާ، އެތައް ސަތޭކަ މިލިއަން ރުފިޔާގެ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެވެ. މީގެ ތެރޭގައި ހިމެނޭ ބޮޑެތި ބައެއް މަޝްރޫޢުތައް ސަރުކާރުން މިހާރުވަނީ ފަށާފައެވެ. އޭގެ ތެރޭގައި ދެކޮމަންޑޫ ބްރިޖާއި، ފޯކާއިދޫ ފުޓްސަލް ދަނޑާއި އަދި މަރޮށީ ބަނދަރުގެ މަޝްރޫއު ވަކީން ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެއެވެ.

އަދި މީގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި މިދާއިރާގެ ތިން ރަށުގައި ކުރިޔަށް ގެންދާނެ މިނޫނަސް ތަރައްގީގެ އެތައް މަސައްކަތްތަކެއް ސަރުކާރުންވަނީ އިއުލާން ކުރައްވާފައެވެ.

ކުރިޔަށް އޮތް ބައި އިލެކްޝަންއާއި އަމާޒުކޮށް ސަރުކާރުން މިދާއިރާގައި ކުރިޔަށް ގެންދާނެކަމަށް ވައުދުވެފައިވާ ތަރައްގީގެ މަޝްރޫޢުތަކުގެ އިތުރުން، އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕުން މި ދާއިރާއަށް ކުރި ދަތުރުގައި ކުރީގެ ރައީސް ޔާމިންވަނީ، މިއިންތިޚާބު އެޕާޓީއަށް ކާމިޔާބު ކުރެވިއްޖެނަމަ، މިދާއިރާގައި އެއަރޕޯޓެއް އަޅުއްވާ ދެއްވާނޭކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ހުރިހާ ގޮތަކުންވެސް ވެގެން ގޮސްފައި މިވަނީ ތަރައްގީގެ ވައުދުތަކުން ފުރިގެންވާ ކެމްޕޭނަކަށެވެ. އެހެންނަމަވެސް، މިގޮތުން ކުރިޔަށްދާ ކޮންމެ އާންމު އިންތިޚާބަކީވެސް، މި ބީދައިން އޭރަކު އޮންނަ ސަރުކާރަކުންނާއި އަދި އިދިކޮޅުންވެސް ގިނަގުނަ ވައުދުތަކެއްވެ، އެހެންނަމަވެސް އެކަންކަމުގެ ހަގީގީ ފޮނި މީރުކަން ރައްޔިތުންނާއި ހަމައަށް ފޯރާފައިނުވާ ވައުދުތަކަށް މާޒީގައި ވެގެން ގޮސްފައިވާތީ، މިކަންކަމާ ދޭތެރޭ ވިސްނާ ފިކުރުކޮށް، ޝަކުގެ ނަޒަރުން މިކަންކަން ވަޒަން ކުރާ އާންމު ރައްޔިތުންވެސް މިއަދު ހުރިހާ ދައިރާއެއްގައިވެސް ތިބިކަން މިއީ ގަބޫލުރަން ޖެހޭ ވަރަށްވެސް ބޮޑު ހަގީގަތެކެވެ.

ގިނަ ބަޔަކު ދެކެނީ ބައި އިލެކްޝަނަކީ އިދިކޮޅު ޕީޕީއެމްގެ އިންޑިއާ އައިޓް ކެމްޕޭނަށް ކުރިމަތި ވެގެންދާ އިމްތިހާނެއްގެ ގޮތުގައި

އޭގެ އެންމެ ބޮޑު އެއް މިސާލެއްގެ ގޮތުގައި ފެންނާން އޮތީ ފާއިތުވެދިޔަ އަހަރު ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބެވެ. މި އިންތިޚާބުގައި ސަރުކާރު ހިންގާ އެންމެ ބޮޑު ޕާޓީ އެމްޑީޕިއަށް އެޕާޓީން އުއްމީދު ކުރިވަރުގެ ކާމިޔާބިއެއް ލިބިގެން ނުދިޔައީ، ރައްޔިތުންގެ އުއްމީދުތަކާއި އެއްވަަރަށް ވައުދުތައް ފުއްދާ ނުދެވިގެންކަން ޚުދު އެޕާޓީގެ އިސްވެރިވެސް ވަނީ އޭގެ ފަހުން ވިދާޅުވެފައެވެ.

އެހެންކަމުން ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެގެން ދާނީ، ފާއިތުވެދިޔަ މުއްދަތުގައި ސަރުކާރުން ތަންފީޒު ކޮށްފައިވާ ތަރައްގީގެ މަޝްރޫޢުތަކާއި، އަދި ގެންގުޅެމުން އައިސްފައިވާ ސިޔާސަތުތަކަށް ކުރިމަތިވެގެން ދާނޭ ވަރަށްވެސް ބޮޑު އިމްތިހާނަކަށް ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި ހަމަ އެފަދައިން، އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ކެމްޕޭނަށްވެސް ކުރިމަތިވެގެންދާ އެހާމެ ބޮޑު އިމްތިހާނަކަށެވެ. ހަމައެއާއެކު، އަލަށް އުފެއްދި އެމްއެންޕީގައި ސިޔާސީ ހަކަތަ ހުރީ ކިހާ މިނަވަރަކަށްތޯ ވަޒަން ކޮށްލުމަށްވެސް ލިބޭ ރަގަޅު ފުރުސަތަކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ