ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ އަމިއްލަ ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހޭނެކަމަށާއި، އެއީ ސަރުކާރާއި ބެހޭ ކަމެއް ނޫންކަމުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ދުވާފަރުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއިއެކު މިއަދު ހަވީރު ބޭއްވި "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގޭގޭ ފާރުތަކަކީ އެމީހެއްގެ އަމިއްލަ މިލްކުގައިވާ ތަންތަން ކަމަށެވެ. ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމުން އެކަމާއި ކަންބޮޑުވި ނަމަވެސް އެއީ ހުއްޓުވޭނެ ކަމެއްނޫންކަމަށާއި، އެއީ ސަރުކާރާއި ބެހޭވެސް ކަމެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަޅުގަނޑުމެން ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހީމަ އުދަނގޫވާ ބަޔަކު އެބަ އުޅޭ. އެއީ އަޅުގަނޑުމެން ހިތުގެ ޝުއޫރު. އަޅުގަނޑުމެންގެ ފާރު އެއީ. އެއީ ދައުލަތާ ބެހޭ ކަމެއް ނޫން.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ލ. މާވަށު ރައްޔިތުން ފާރުތަކުގައި "India Out" ސްޕްރޭ ކުރަމުން ދަނީ#IndiaOut pic.twitter.com/aHoHThrMm7
— Progressive Party of Maldives (@ProgressPartyMV) January 21, 2022
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ރައްޔިތުން އެއް އަޑަކުން ގޮވާލަމުންދަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށް ކަމަށެވެ. މިއަޑު އިވެމުންދަނީ ހަމައެކަނި މާލެ ސަރަހައްދުން ނޫންކަމަށާއި، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކޮންމެ ހިސާބެއްގައި މިނިވަންކަމުގެ އަޑު ވަނީ ގަދަވެފައިކަމަށެވެ.
މިނިވަންކަން ދިފާއުކުރުމަށް ދިވެހި ރައްޔިތުންނަކީ ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ބައެއްކަން މާޒީގައި ހާމަކޮށްދީފައިވާއިރު، މިއަދުވެސް އެކަން ކުރަން ދިވެހި ރައްޔިތން ފަސް ނުޖެހޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ގެންގުޅެންޖެހޭ އެއްވެސް ސަބަބެއް އެސްވެސް ހުއްޖަތެއް ސަރުކާރަށް ނުދެއްކޭއިރު، މިނިވަންކަމަށް އަސަރުކުރާފަދަ މިފަދަ ބޮޑު ނިންމުމެއް ސަރުކާރަށް ނިންމައިގެން ތާއަބަދަށް ނުތިބެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ދިވެހި ރައްޔިތުންގެ ޤައުމީ ހަރަކާތެއްކަމަށް ވިދާޅުވެފައެވެ. މިހަރަކާތަކީ ދިވެހިންގެ މިނިވަންކަމާއި ގުޅިފައިވާ ކުދިބޮޑު އެންމެންގެ ހަރަކާތަކަށްވާއިރު، މިހަރަކާތް ހުއްޓުވުމަށް ސަރުކާރަށް މިހާތަނަށް މަގުބޫލު އެއްވެސް ހުއްޖަތެއް ދެއްކިފައި ނުވާކަމަށެވެ. އަދި ހުއްޓާލަންޖެހޭ ސަބަބެއްވެސް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ