އިންޑިއާ ސިފައިން ބޭލުމަށް ދުވާފަރުގައިއޮތް ތާއީދު ރައީސް ޔާމީން ވަޑައިގަތުމުން ދައްކާލައިފި

އިންޑިއާ ސިފައިން ބޭލުމަށް ދުވާފަރުގައިއޮތް ތާއީދު ރައީސް ޔާމީން ވަޑައިގަތުމުން ދައްކާލައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2022 05:10
0

އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ރ.ދުވާފަރަށް ވަޑައިގަތުމުން އެރަށުން އިންޑިއާ އައުޓަށް އޮތް ތާއީދު ދައްކާލައިފިއެވެ.

ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތް ފުޅާކުރުމަށް ރައީސް ޔާމީން ގެންދަވަނީ އަތޮޅުތަކަށްވެސް ދަތުރުކުރައްވަމުންނެވެ. މިއަދު އެމަނިކުފާނާއި، އިދިކޮޅު އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމުން ދުވާފަރަށް ވަޑައިގަތުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

އަދި މުޅިދުވާފަރުގައި އޮތީ އިންޑިއާ މިލިޓަރީ އައުޓް ބެނާތަކާއި، ލިޔުންތަކުން ރަށް ޒީނަތްތެރި ކޮށްފައެވެ. އިންޑިއާ އައުޓް ކެމްޕެއިންގައި އެންމެފަހުން ރައީސް ޔާމީން ވަޑައިގެންފައިވަނީ ށ.ފުނަދޫއަށެވެ. އެރަށުން ރައީސް ޔާމީނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މިހަރަކާތް ހިންގުމަށް ދެން ޖާގަ ނުދޭނެކަމަށް ބުނެފައެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހަރަކާތް ދެން ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.

ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ ފޮޓޯ ބޭރު ދުނިޔެއަށްވެސް ފެންނަން ޖެހޭކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅު ހެދުމުގެ ގޮތުން ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށްވެސް ގޮވާލައްވާފައެވެ.

ޔާމީން ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމް ކުރަމުން ނުދާކަމަށެވެ. ރާއްޖެ މިހާރު މި އޮތް ހާލަތަށް ގޮސްފައިމިވަނީ ބަލިމަޑުކަމުގެ ސަބަބުން ނޫންކަމަށެވެ. މިއީ ސަރުކާރުން ޤައުމު ގެންދިޔަ ހާލަތުކަމަށާއި، މިސަރުކާރުން ބޭނުންވާ ކަންކަން ކުރަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތައް ވައި ކޮށްފައިވާކަމަށާއި، އަތާ ފަޔާ ބާނައިގެން ބޮޑެތި އަދަދުތަކުން ފައިސާ ސަރުކާރާ ގާތް ކުންފުނިތަކަށް ދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަނެއް ދިވެހިރާއްޖެ ބޭނުން ނުވާކަމަށާއި، ދިވެހިން ބޭނުންވަނީ ދިވެހިރާއްޖެކަމަށެވެ.

އިންޑިއާއަކީ ގާތް ރަހުމަތްތެރި ޤައުމެއްކަމަށާއި، އިންޑިއާއާއި އެޤައުމުގެ ރައްޔިތުންނާ މައްސަލަ ނެތްކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، މައްސަލަަ އޮތީ އިންޑިއާ ސަރުކާރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.