ކޮރަޕްޝަންފެ އެކި މައްސަލަތައް ތަހުޤީގު ކުރުރުމުގެ ޤާނޫނީ ބާރުވެރިކަން ދީފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަޤާމުން ވަކި ކުރުމަށް ދައުރުން ބޭރުން ޖަލްސާ ބޭއްވުނު ގޮތަށް، އޭސީސީއަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލީހުން މަސައްކަތް ކުރާތަން ނުފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުން ފަސް މެމްބަރުން ވެސް އިސްތިއުފާ ދެއްވައި ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ރައީސް އޮފީހުން ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ. ނަމަވެސް މުއްދަތު އިތުރު ކުރީ ކޮން ސަބަބާއި ހެދިކަމެއް ރައީސް އޮފީހުން ވިދާޅެއްނުވެއެވެ.
އޭސީސީގެ މެމްބަރުން މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ، ކޮމިޝަންގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށްބުނެ، މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން މެމްބަރުން ވަކި ކުރުމަށް ނިންމައި ތަޅުމަށް ފޮނުވުމުންނެވެ. މަޖިލީހުގެ މިދިޔަ އަހަރުގެ ދައުރު ނިންމައި ޗުއްޓީގައި ތިއްބައި، ދައުރުން ބޭރު ޖަލްސާ ބާއްވައި ވަނީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ބޭއްވުނު ގޮތަށް އޭސީސީއަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލީހުން އެކަށީގެންވާ ޝައުގުވެރިކަމެއް ނެތްކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މިހާ ގިނަ ދުވަސްވަންދެން އޭސީސީގައި މެމްބަަރަކު ނެތި ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތްއިރުވެސް މިކަމާއި މެމްބަރުން ވަކި ކުރެއްވި މަޖިލީހުގެ މެމްބަރުންގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް އުޝާމް ވިދާޅުވިއެވެ.
ACC ފަދަ މުހިންމު މުއައްސަސާއެއް ގާނޫނީ ހުސްކަމެއްގެ ތެރޭގައި މިހާގިނަ ދުވަސް ވަންދެން ބޭއްވުން މިއީ ވަރަށް ސީރިއަސް މައްސަލައެއް. މެންބަރުން ވަކިކުރަންވީމަ ދައުރުން ބޭރު ޖަލްސާވެސް ބޭއްވުނު. މެންބަރުން އައްޔަންކުރަންވީމަ މި ފެންނަނީ އެކަން ލަސްކުރަން ކުރެވުނުހާ ކަމެއް ކުރާތަން.
– އުޝާމް ވިދާޅުވިއެވެ.
މި ވެރިކަމުގައި އޭސީސީ އަށް އައްޔަންކުރި މެމްބަރުން އިސްތިއުފާ ދެއްވައި ކޮމިޝަން ގާނޫނީ ހުސް ކަމަކަށް ދިޔައީ މައްސަލަތައް ބެލުމުގައި ލަސްކަމަށް ބުނެ ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައި އެ ނިންމުން ފާސްކުރުމުގެ ކުރިން މެމްބަރުން އިސްތިއުފާ ދެއްވީއެވެ.
ކުރީގެ ސަރުކާރުގައި ނޫފޫޒުގެ ދަށުވެފައިވާ ކަަމަށް ތުހުމަތުކުރި މުއައްސަސާ އަށް ފަހުން އައްޔަންކުރި މެމްބަރުންނާ އެކު، އޭސީސީ ނުފޫޒެއްގެ ދަށުނުވެ މަސައްކަތް ކުރަމުން އަންނަނިކޮށް ތުހުމަތުތަކެއް ކުރުމުގެ އެއް ސަބަބަކީ މިނިވަންކަމާ އެކު މަސައްކަތް ކުރާ ތަން ބަލައިނުގަނެވޭ ބަޔަކު ތިބުން ކަމަށް އިސްތިއުފާ ދެއްވި މެމްބަރުން ވަނީ ވިދާޅުވެފައެވެ.