އެމްއެންޑީއެފްގެ އޮފިސަރުންނާއި ސެއިލަރުން ތަމްރީންކުރުމަށް މަޝްވަރާކޮށްފި

އެމްއެންޑީއެފްގެ އޮފިސަރުންނާއި ސެއިލަރުން ތަމްރީންކުރުމަށް މަޝްވަރާކޮށްފި

Author
މުޙައްމަދު ޖިމީ
16 ޖެނުއަރީ 2022 10:33
0

އެމްއެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް ޝާހީން އިޤްބާލް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

ބަންޑާރަކޮށީގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ދެޤައުމުގެ ދެމެދުގައިވާ ގާތް، ބަދަހި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމު ހިމެނޭ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިފާޢީ އަދި ސަލާމަތީ ރޮނގުން، އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމްއެންޑީއެފްއާއި ބަންގްލަދޭޝް ނޭވީއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން، އެމްއެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފްކަމުގައި ހުންނަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ. މިކަމުން ދޭހަކޮށްދެނީ ދެޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ދިވެހި ސަރުކާރުން ގެންގުޅުއްވާ އިންޓަރނޭޝަނަލް ޑިފެންސް ޑިޕްލޮމަސީ އެންޑް ކޯޕަރޭޝަން ސިޔާސަތުގެ ހަރުދަނާކަންވެސް މިކަމުން ރަމްޒުކޮށްދޭކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މިބައްދަލުވުމަށްފަހު، މިނިސްޓަރ މާރިޔާ ވަނީ، އެޑްމިރަލް ޝާހީންގެ އަނބިކަނބަލުން އަދި ބަންގްލަދޭޝް ނޭވީ ފެމިލީ ވެލްފެއަރ އެސޯސިއޭޝަންގެ ރައީސާ މުނީރާ ރައުޝަން އަޚްތަރާ ފޯނުން ވާހަކަފުޅުދައްކަވައި، އެކަމަނާއަށް ހެޔޮ އެދުންތައް ރައްދުކުރައްވައި، ރާއްޖެ ޒިޔާރަތްކުރެއްވީތީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.