އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރޮބޮޓެއްގެ އެހީގައި ޑްރޯން ހަމަލާއެއް ދީނާ އޭނާ މަރާނޭ ގޮތުގެ އެނިމޭޓެޑް ވީޑިއޯއެއް އިރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚާމަނެއިގެ ރަސްމީ ވެބްސައިޓުގައި އާންމު ކޮށްފިއެވެ.
މި ވީޑިއޯއަކީ، އެމެރިކާއިން އިރާނުގެ އިސްލާމިކް ރޮވޮލިއުޝަނަރީ ގާރޑްސް ކޯޕް (IRGC)ގެ ކޮމާންޑަރު ގައްސާމް ސުލައިމާނީ ޑްރޯން ހަމަލާއެއްގައި އަވަހާރަ ކޮށްލިތާ 2 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި މުބާރާތަކަށް ތައްޔާރު ކޮށްފައިވާ އެނިމޭޓެޑް ވީޑިއޯއެކެވެ.
އިރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚާމަނައިގެ އޮފީހުގެ ވެބްސައިޓުގައި އާންމު ކޮށްފައވާ މި ވީޑިއޯއިން ފެންނަނީ، ޑޮނަލްޑް ޓަރަމްޕް ފްލޮރިޑާގައި އޮންނަ އޭނާގެ މާރަލާގޯގެ ގޯލްފް ކޯރސްގައި ހުންނަވަނިކޮށް، އޭނާ މަރާލުމަށްޓަކާ ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓްކުރާ ރަބަޓެއްގެ އެހީގައި، ޑްރޯން ހަމަލާއެއް ދޭތަނެވެ.
މި ވީޑިއޯ މިހާރުވަނީ ސޯޝަލް މީޑިއާގައިވެސް އެތައް ބަޔަކު ޝެއަރ ކޮށްފައެވެ.
އަދި މީގެ އިތުރުން، ގައްސާމް ސުލައިމާނީގެ މަރުގެ ޒިންމާ ޑްރޯން ހަމަލާ ދިން މީހުންގެ އިތުރުން އެ ހަމަލާގެ އޯޑަރު ދިން މީހުންވެސް އުފުލަން ޖެހޭނެ ކަމަށާއި އޭގެ އަގު އަދާ ކުރަންޖެހޭނަކަމަށް ލިޔެފައިވާ މެސެޖު ތަކުރާރުކޮށް މި ވީޑިއޯއިން ފެންނާން ހުރެއެވެ.
މިމަހު ކުރީކޮޅު އިރާނުގެ މިހާރުގެ ރައީސް އިބުރާހިމް ރައީސީވަނީ، ސުލައިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ ކުރީގެ ރައީސްގެ މައްޗަށް ޝަރީއަތް ހިންގާ، އަދި އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.
"އެހެން ނޫންކަމަށް ވާނަމަ އަހަރެން އެމެރިކާއަށް ހަނދާން ކޮށްދެން، ޝައްކު ނުކުރާތި.. އުއްމަތުގެ އަތްތަކުން ބަދަލު ހިފާނެ،" ދުނިޔޭގެ ހުރިހާ މުސްލިމުންނަށް އިޝާރާތް ކުރައްވާ ރައިސީ ވިދާޅުވެފައި ވެއެވެ.