އައްޑޫ ސިޓިގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ބޭރުގެ ދެ ކުންފުންޏަކާއެކު އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ސޯޝަލް އަދި ރެޒިޑެންޝަލް ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުތަކެކެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާ އަދި ތުރުކީގެ ކުންފުންޏަކާއެވެ.
އައްޑޫ ސިޓީގައި އާބާދީ އިތުރުވެ ގޯތި ދޫނުކުރާތާ ގިނަ އަހަރުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެދަށުން އައްޑޫ ސިޓީގައި ސޯޝަލް އަދި ރެޒިޑެންޝަލް ހައުސިންގ ޔުނިޓުތަކެއް ޤާއިމުކުރުމަށް ވަނީ އެއްބަސްވުން އެކުލަވާލާފައެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އެސިޓީގައި ސޯޝަލް ހައުސިންގ ޔުނިޓު އެޅުމަށް އެއްބަސްވުން އެކުލަވާލާފައިވަނީ ޗައިނާގެ ބީ.ޔޫ.ސީ.އެން.ޖީ ކުންފުންޏާއެކުގައިކަމަށެވެ. އަދި ރެޒިޑެންޝިއަލް ހައުސިންގ ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ ތުރުކީގެ ވިޒްޔޮން ވިލާއާއެކުގައެވެ.
އައްޑޫ ސިޓީގައި ދޫކޮށްފައިވާ ގޯތިތަކުގައި ތަފާތު ސަބަބުތަކާއެކު ގެދޮރުއެޅުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އައްޑޫ ސިޓީ ކައުންސިލުން އަންނަނީ އެކި މަސައްކަތް ކުރައްވަމުންނެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ތުރުކީގެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތްކުރާނީ މިފަދައިން ގެދޮރު ޢިމާރާތްނުކުރެވި ހުރި ހުސްބިންތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ކަމަށެވެ.
އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް އައްޑޫސިޓީ ކައުންސިލް އާއި ޗައިނާގެ ބީ.ޔޫ.ސީ.އެން.ޖީ ކުންފުންޏާއި ދެމެދުވެވުނު ފްރޭމްވޯކް އެގްރީމަންޓްގައި ސޮއިކުރުމާއި، 1/2 pic.twitter.com/MN8kj4Nm8a
— Addu City Council (@AdduCityCouncil) January 13, 2022
ޗައިނާގެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި 1000އާއި 2000 ސޯޝަލް ހައުސިންގ އެޅުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިއީ ފްލެޓު އުސޫލުން އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ރާއްޖޭގެ ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށާއި މާލޭގެ އިތުރުން ހުޅުމާލޭގައި ފްލެޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން މިހާރުވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 6000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ބޯހިޔާވަހިކަން ކަށަވަރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން "ގެދޮރުވެރިޔާ ލޯނު" ސްކީމެއްވެސްވަނީ ތަޢާރަފްކޮށްފައެވެ.
ކޮމެންޓު ފޮނުވާ