ޔާމީން އެދެނީ ޝަރީއަތް ލައިވްކުރުމަށް، ޔޫސުފް ނައީމް ލައިވްކުރުމާއި ދެކޮޅު

ޔާމީން އެދެނީ ޝަރީއަތް ލައިވްކުރުމަށް، ޔޫސުފް ނައީމް ލައިވްކުރުމާއި ދެކޮޅު

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2022 12:02
0

ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތް ލައިވް ކޮށްދިނުމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން އެދިވަދައިގެންފިއެވެ.

ވ.އާރަށުގެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ، ޝަރީއަތް ލައިވްކޮށް ދިނުމަށް އެދިފައެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަންމުކޮށް ހުޅުވާލައިގެން ޝަރީއަތް ކުރުމުގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން މިޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށް ޑރ.ޖަމީލް ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް މިމައްސަލާގައި ދައުވާ އުފުލާފައިވާ ޔޫސުފް ނަޢީމްގެ ފަރާތްޕުޅުންވަނީ ޝަރީއަތް ލައިވް ކުރުމަށް އިންކާރުކޮށްފައެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ލައިވްކޮށް ގެންދިޔަ ނަމަވެސް މިމައްސަލާގައި އޭނާގެ މައްސަލަ ވަކިން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

މިމައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ މައްސަލަ ކޯޓުން ކުރިއަށް ގެންދަނީ އެހެން އާންމު މައްސަލަތަކެކޭ ވެސް އެއް އުސޫލަކުން ކަމަށެވެ. އަދި ޝަރީއަތް ލައިވްކުރަން އެދިފައިވާތީ އެކަމާ މެދު އަންނަ ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވީ މިމައްސަލައިގައި މިހާތަނަށް ނުލިބިވާ ލިޔުންތައް ދައުވާ ލިބޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކޯޓަށް އެންގެވުން އެދޭ ކަމަށެވެ. މިމައްސަލައިގެ އަޑުއެހުމެއް ދެން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހު އޮންނާނީ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުމެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.