ދިމާވާ މުސީބާތްތަކަށް ކެތްތެރިވާނީ ކިހިނެތް؟

ދިމާވާ މުސީބާތްތަކަށް ކެތްތެރިވާނީ ކިހިނެތް؟

Author
ހުސެއިން
13 ޖެނުއަރީ 2022 08:06
0

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ދިމާވާ މުޞީބާތްތަކަކީ ﷲ ތިމާ އަށް ކުރިމަތި ކުރެއްވި އިމްތިޙާނެއް ކަމަށް ދަންނަންވާނެއެވެ. އަދި ކޮންމެ އުނދަގުލަކަށް ފަހު ފަސޭހަ ކަމެއްވެސް އަންނާނެ ކަން ދަންނަންވާނެއެވެ.

ސޫރަތުއް ޝަރްޙުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "إِنَّ مَعَ الْعُسْرِ يُسْرًا" މާނައަކީ: " ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ". މީގެ އިތުރުން ކެތްތެރީންނަށް މާތް ﷲ ދެއްވާ ޖަޒާގެ މަތިން ހަނދާން ކުރާށެވެ. ސޫރަތުއް ޒުމަރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. "إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ"މާނައަކީ: " ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حسابއެއް ނެތިއެވެ".

ތިމާއަށް ދިމާވެފައި މިވާ މޫޞީބާތުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި އަންނަނިވި ދުޢާ ކިޔާށެވެ. "إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ، اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْرًا مِنْهَا" މާނަ: ހަމަކަށަވަރުން އަހަރެމެން މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ. އަދި ހަމަކަށަވަރުން އަހަރެމެން އެނބުރި ދާހުށީވެސް މާތް ﷲ ގެ ޙަޟްރަތަށެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ. މިއަޅާއަށް ދިމާވެފައިވާ މުޞީބާތުން ސަލާމަތް ކުރައްވައި ފާންދޭވެ. އަދި އެއަށްވުރެ ހެޔޮ ރަގަޅު ގޮތެއް މިއަޅާ އަށް މެދުވެރި ކުރައްވާ ފާންދޭވެ.

އަދި ﷲ ގެ ރަޙްމަތުން މާޔޫސް ނުވާށެވެ. ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. "لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ" މާނައަކީ: " ތިޔަބައިމީހުން اللَّهގެ رحمةން އުންމީދު ކަނޑައި ނުލާށެވެ! ".ޔޫސުފް ސޫރަތުގެ 87 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. "وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ" މާނައަކީ: "އަދި اللَّهގެ رحمةން ތިޔަބައިމީހުން اميد ކަނޑައި ނުލާށެވެ! ހަމަކަށަވަރުން، كافرވިމީހުން މެނުވީ، اللَّهގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ."

واللهأعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.