2019ވަނަ އަހަރު ނިމެމުން ދަނިކޮށް މުޅި ދުނިޔޭގައި ފެތުރެންފެށި ކޯވިޑް19ގެ ހާލަތު، އޮމިކްރޮން ވޭރިއެންޓް ޔޫރަޕްގައި މިހާރު ފެތުރެމުންދާ މިސްރާބަށް ބަލާއިރު، ޕެންޑަމިކް (މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ ސިއްޙީ ކާރިސާ)އެއްގެ ހާލަތުން އެންޑަމިކް (ބައްރުތަކަށް ނުވަތަ ގައުމުތަކަށް ޚާއްސަވެގެން ފެތުރެމުންދާ ކާރިސާ)އެއްގެ ހާލަތަށް ބަދަލުވަމުން ދާކަމުގައި، ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ބުނެފިއެވެ.
އެ އޭޖެންސީން ބުނެފައިވާ ގޮތުގައި، ޔޫރަޕް ބައްރުގައި އޮމިކްރޮން ވޭރިއެންޓް ފެތުރެމުންދާ ބާރު މިނަށް ބަލާއިރު، ބަލީގެ ހާލަތު މިހާރު ބަދަލުވަމުން ދަނީ، މި ބައްޔާއި އެކު، މީހުންނަށް ދިރި އުޅެވޭނެ ވަރުގެ ބައްޔެއްގެ ހާލަތަށެވެ.
ޔޫރަޕްގެ ބައްރުގެ އިތުރުން، ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައިވެސް، އޮމިކްރޮން ވޭރިއެންޓް އާދަޔާ ޚިލާފަށް ފެތުރި، ބަލި ޖެހޭ މީހުންގެ ނިސްބަތް ދަނީ އާދަޔާ ޚިލާފަށް މަތި ވަމުންނެވެ.
މި ގޮތުން ސައުދީ އަރަބިއާގަ، ކޯވިޑް19 ފެތުރެން ފެށިފަހުން ފުރަތަމަ ފަހަރަށް ވަނީ ދުވާލަކަށް 5،000 މީހުން ޕޮޒިޓިވް ވެފައެވެ. އަދި ޖާމަނީގައި ވަނީ ކޯވިޑް ޖެހޭ މީހުންގެ އަދަދު ދުވާލަކަށް 80،000 އަށް އަރާފައެވެ. މިއީ ކޯވިޑް ކާރިސާ ފެށުނު ފަހުންވެސް ޖާމަނީގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ކޯވިޑަށް ޕޮޒިޓިވްވީ ފަހަރެވެ. އަދި މީގެ އިތުރުން ބަލްގޭރިއާގައިވެސް ކޯވިޑަށް ޕޮޒިޓިވް ވާމީހުންގެ އަދު ދުވާލަކަށް 7،062އަށް އަރާ، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ރެކޯޑް އަދަދަކަށް މަތިވެގެން ގޮސްފައެވެ.
ޔޫރަޕް ބައްރުގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަތިވަމުން ދާއިރު، ރެޑް ކްރޮސްއިން ބުނެފައިވާ ގޮތުގައި، އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ސައުތު އޭޝިއާގެ ގައުމުތަކުގެ ސިއްޙި ނިޒާމްތަކަށް ނުކަތާވަރަށް ހާލަތު މިހާރުވަނީ ގޯސްވެފައިކަމުގައެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އަންނަ މާރޗްމަސް ނިމުމުގެ ކުރިން މުޅި ޔޫރަޕް ބައްރުގެ އާބާދީގެ ދެބައިކޮށްފަ އެއްބައި މީހުން އޮމިކްރޮންއަށް ޕޮޒިޓިވް ވާނެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، އަލަށް ތައާރަފް ވަމުންދާ ވޭރިއެންޓުން ސަލާމަތް ވުމަށްޓަކާ ތަކުރާރުކޮށް ބޫސްޓަރ ޑޯޒް ޖެހުމަކީ އެންމެ ރަގަޅު ސްޓަރޓެޖީއެއް ނޫންކަމަށާއި، އޭގެ ބަދަލުގައި ފުރަތަމަ ޑޯޒްވެސް އަދި ޖަހާފައި ނުވާ، ދުނިޔޭގެ ފަގީރު ގައުމުތަކުގެ އަބާދީތަކަށް ވެކްސިން ޖެހުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައެވެ.