އިސްލާމް ދީނުގައި، ހެދުން އެޅުމުގައި އަމަލް ކުރަންޖެހޭ އުސޫލަތަކެއް ވޭތަ؟

އިސްލާމް ދީނުގައި، ހެދުން އެޅުމުގައި އަމަލް ކުރަންޖެހޭ އުސޫލަތަކެއް ވޭތަ؟

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:

އިސްލާމް ދީނުގައި ޙުކުމް ކުރެވޭނީ ބޭރުފުށަށެވެ. ވީމާ، ބޭރުން މީހުންނަށް ފެންނަން ހުންނަ ހިސާބު ގަނޑުގައި އަންނަނިވި ޝަރްޠުތައް ހަމަވާން ޖެހޭނެއެވެ. މިޝަރްޠުތައް ހަމަވާނަމަ އެތެރެއިން އެއްޗެއް ލިޔަސް ނުލިޔަސް މައްސަލަ އެއް ނެތެވެ.

  1. މޫނާއި ދެއަތްތިލާ ފިޔަވައި އަންހެނާގެ މުޅި ހަށގަނޑު ފޮރުވޭ ހެދުމެއް ކަމުގައިވުން. ޢިލްމުވެރިންގެ ވަނީ އަންހެނާގެ މޫނާއި ދެއަތްތިލާ ފިޔަވައި މުޅި ހަށިގަނޑު ނިވާކުރުމަކީ ވާޖިބެއްކަމަށް ވިދާޅުވެފައެވެ. މޫނާއި ދެއަތްތިލައާއި މެދު އިޚްތިލާފުވެ ވަޑައިގެންފައެވެ.
  2. އަންހެނާ އަޅާ ހެދުން އޭގެ ޒާތުގައި ޒީނަތްތެރިކަމެއްވާ ހެދުމެއް ކަމުގައިނުވުން. އެބަހީ އެހެދުމަކީ އޭގެ ޒީނަތްތެރިކަމުން މީސްތަކުންގެ ނަޒަރު އެއަށް ހުއްޓޭ ހެދުމަކަށްނުވުން. ﷲ ވަޙީކުރައްވާފައި ވެއެވެ. { وَلَا يُبْدِينَ زِينَتَهُنَّ }{ النور :31}. މާނައީ:"އެކަނބަލުންގެ ޒީނަތްތެރިކަން ފާޅު ނުކުރާ ހުށިކަމެވެ".
  3. އެހެދުމަކީ ތުނި ހެދުމެއްކަމުގައި ނުވުމާއި އަދި ގައިގެ ހަމުގެ ކުލަ ފާޅުނުވާ ހެދުމެއްކަމުގައި ނުވުން. ތުނިހެދުމަކުން ހަށިގަނޑު ނިވާކުރުން ހާސިލެއްކޮށެއް ނުދެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. { نِسَاءٌ كَاسِيَاتٌ عَارِيَّاتٌ }{ رواه مسلم}. މާނައީ:"ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ".
  4. ގަޔަށް ބާރުވެ ގައިގެ ވަނާތައް ފާޅުވާ ހެދުމަކަށް ނުވުން. އެއީ ހަށިގަނޑު ނިވާކުރުން ހާޞިލްކޮށް ނުދިނުމުގެ އިތުރަށް ފާޙިޝް ކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.
  5. ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން ނުވަތަ ފިރިހެނުން އަޅާ ހެދުމާއި އެއްގޮތް ހެދުމަކަށް ނުވުން. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. {لَيْسَ مِنَّا مَنْ تَشَبَّهَ بِالرِّجَالِ مِنَ النِّسَاءِ ، وَلاَ مَنْ تَشَبَّهَ بِالنِّسَاءِ مِنَ الرِّجَالِ}{ رواه أحمد}. މާނއީ:"އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތްވާ މީހުންނީ ތިމަންމެން( މުސްލިމުން)ގެ ތެރެއިންވާ ބަޔެއް ނޫނެވެ. އަދި ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތްވާ މީހުންނީ ތިމަންމެން (މުސްލިމުން)ގެ ތެރެއިންވާ ބަޔެއް ނޫނެވެ.".
  6. ޣައިރު މުސްލިމު އަންހެނުންގެ ހެދުމާއި ވައްތަރު ހެދުމަކަށް ނުވުން. ޣައިރު މުސްލިމުންނާއި ޚިލާފުވެ އެމީހުންނާއި އެއްގޮތްވުމުން ދެރުހެލިވުމަކީ އިސްލާމްދީނުގެ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. { وَمَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ }{ رواه أحمد وأبو ‏داود}. މާނައީ:"ބަޔާކައި އެއްގޮތްވެއްޖެ މީހާވާހުށީ އެބައެއްގެ ތެރެއިންނެވެ".
  7. މީރުވަސްދުވާ ހުވަނދުފަދަ ތަކެތި ލައިގެން ހިލޭ ފިރިހެނުންގެ ތެރެއަށް ނުނިކުތުން. ސަބަބަކީ މިއީ ފިރިހެނުންގެ ހިއްތައް އަންހެނާއި އާއި ދިމާލަށް ލަނބުވާލާ އަދި ފިތުނަވެރި ކުރުވާ ކަމެކެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. {أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَافَهِيَ زَانِيَةٌ }{ رواه أبو داود الترمذي والنسائي}. މާނައީ:"އެއްވެސް އަންހެނަކު މީރުވަސްދުވާ ހުވަނދުލައި ބައެއްގެ ތެރެއިން ގޮސް އެބަޔަކަށް އޭނަގެ އެހުވަނދުވަސް ދުވައިފިނަމަ އޭނައަކީ ޒިނޭކުރާ މީހެކެވެ. (ޒީނޭ ކުރާމީހެކޭ ބޭނުން ކުރެވިފައި މިވަނީ މަޖާޒީ ގޮތެއްގައެވެ. ސަބަބަކީ މިކަމަކީ ޒިނޭއަށް މަގުފަހިކޮށްދޭ ކަމެކެވެ)".
  8. ޝުހުރަތުގެ ހެދުމެއްކަމުގައި ނުވުން. އެބަހީ މީސްތަކުންނަށް ތިމާގެ މަޝްހޫރުކަން ދައްކާ ހެދުމެއްކަމުގައި ނުވުމެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. { مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللَّهُ ثَوْبَ مَذَلَّةٍ يَوْمَ الْقِيَامَةِ }{ رواه أبو داود وحسنه الألباني والأرناؤوط}. މާނައީ:" ދުނިޔެމަތީގައި މަޝްހޫރު ކުރުވަނަނިވި (އެބަހީ މީސްތަކުންގެ ކުރިމަތީގައި ފާޅުކަންބޮނޑުކޮށް މީސްތަކުންގެ ނަޒަރު އެހެދުމަށް ހުއްޓި ހެދުންލައިގެން ހުރި މީހެއްގެ ހިތަށް ބޮޑާކަމާއި ކިބުރުވެރިކަން ވަންނަ) ހެދުމެއް ލައިފިމީހާ ﷲ ޤިޔާމަތްދުވަހު އޭނައަށް ނިކަމެތިވެގެންވާ ހެދުމެއް ލައްވާހުއްޓެވެ. (އޭނާ މީސްތަކުން ކުރިމަތީގައި ބޮޑާވެ އުޅުމުގެ ސަބަބުން އޭނައަށް ނިކަމެތިކުރުމުގެ ގޮތުންނެވެ)".

والله أعلم

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *