ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރުގެ މޭޑޭގައި ކުރި މުޒާހަރާއަކީ ބަޣާވާތެއްގެ ގޮތުގައި މިސަރުކާރުގެ ފުރަތަމަ ޖެންޑަ މިނިސްޓަރ ޝިދާތާ ޝަރީފް ސިފަ ކުރައްވައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި އިވެންޓުގައި ރައީސް ޞާލިހު ދެއްކެވި ވާހަކަތަކުގެ ތެރެއިން ބަޣާވާތް ކުރެއްވުމާއި ގުޅޭގޮތުން ދެއްކެވި ވާހަތަކަށް ޝިދާތާ ވަނީ ރައްދު ދެއްވާފައެވެ. ބަޣާވާތުގެ ވާހަކަ ރައީސް ދައްކަވާއިރު، 2015 ވަނަ އަހަރުގެ މޭޑޭގައި ރައީސް ޞާލިހު ނިކުންނެވީ ދަމު ނަމާދު ކުރައްވަންތޯ ޝިދާތާ ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިދައްކަވަނީ ކޮން ބަޣާވާތެއްގެ ވާހަކަވާ. 2015ގެ މޭޑޭގައި އެމަނިކުފާނު އަޅުގަނޑުމެންނާއި އެކީ ނިކުންނެވީ ދަމު ނަމާދު ކުރައްވަންތޯ؟
– ޝިދާތާ ވިދާޅުވިއެވެ.
Raees @ibusolih mi dhakkavanee kon bagaavaatheh ge vaahaka baa. 2015 ge mayday gai e manikfaanu alhugadu menna ekee nikunnevee dhamu namaadhu kuravvan tho?
— Shidhatha Shareef (@iamshidhatha) January 8, 2022
ރައީސް ޞާލިހު އެރޭގެ ޖަލްސާގައި ވިދާޅުވީ މިއިންތިޚާބުގައި ވޯޓު ދެއްވަން ޖެހޭނީ ބަޣާވާތާއިވެސް ދެކޮޅަށް ކަމަށެވެ. ރައީސް ވިދާޅުވި ބަޣާވާތަކީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި، އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްއާއި، ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒަށް އިޝާރާތް ކުރައްވައެވެ.
2015 ވަނަ އަހަރުގެ ގިނަ އަދަދެއްގެ ބަޔަކާއިއެކު މާލޭގައި ކުރި މުޒާހަރާއަކީ މިހާރުވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އިސްނަގައިގެން ބޭއްވި މުޒާހަރާއެކެވެ. އަދި އެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ޓެރަރިޒަމްގެ ދައުވާކޮށް ވަނީ ޖަލަށްލާފައެވެ. އެމުޒާހަރާގައި އިމްރާންވަނީ ނޫސްވެރިޔާ ރިލުވާން ގެއްލުވާލުމުގެ ހަގީގަތް އެނގޭކަމަށްވެސް ވިދާޅުވެ ގަނޑުތަކެއްވެސް ދައްކާފައެވެ.
މޭޑޭގެ މުޒާހަރާ ގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، މިމުޒާހަރާގެ އެންމެ ބޮޑު ބޭނުމަކީ އޭރުއޮތް ޤާނޫނީ ސަރުކާރު ވައްޓާލުންކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ.