މިސަރުކާރުން ވެރިކަމަށް އައީ ވައުދުތައް ވެގެން ކަމަށާއި، ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައިވެސް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ޖާގަ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމްޑީޕީން ކޮމަންޑޫ ދާއިރާއަށްވެސް ބޮޑެތި ވައުދުތަކެއް ވެފައިވާކަމަށެވެ. އެކަން ކުރެވޭނީ އެމްޑީޕީގެ ކެނޑިޑޭޓަކު އިންތިޚާބު ކޮށްގެންކަމަށާއި، ސަރުކާރާއި ދެކޮޅު ވިސްނުމުގެ މީހަކު އިންތިޚާބު ކޮށްގެން ކުރެވޭނެ ކަމެއް ނެތްކަމަށެވެ.
އަޅުގަނޑު ދަންނަވަން ބޭނުމީ މިދާއިރާގައި ވާދަކުރައްވާ އެހެން ޕާޓީތަކުން އިހަށް ވާނީ މަޑުކޮށްލަން. އަޅުގަނޑުމެން ވެފައުވާ ވައުދުތައް އެބަހުރި، އެކަން ކުރެވޭނީ މި އެމްޑީޕީއަށް. މިދާއިރާގައިވެސް އެބަހުރި އަޅުގަނޑުމެންގެ ވައުދުތަކެއް. ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑުމެންގެ ވައުދެއް. މިދާއިރާގެ ހުރިހާ ރައްޔިތުންވެސް ވައުދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދަށް ހުރިހާ ރައްޔިތުން ވޯޓު ދޭށޭ.
– ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ މިދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ހުސެއިން ވަހީދަކީ ވަރަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ވަރަށް ގާތް ބޭފުޅެއްކަމަށެވެ. އަދި އެއީ ޚިދުމަތުގެ ގޮތުން ނަމޫނާ ބޭފުޅެއްކަމަށެވެ. އެމަނިކުފާނަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީ ކުރުމަށް ނުހަނު ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih ބައިވެރިވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ލޯންޗިންގް ޖަލްސާ ފެށިގެން ކުރިއަށްދަނީ pic.twitter.com/EOA7MBvEp6
— ???????????? (@Simwarr) January 7, 2022
ނިމިދިޔަ ތިން އަހަރަކީ ކޮމަންޑޫދާއިރާއަށް މިއިން ޒަމާނަކު ނުފެންނަ ވަރުގެ ތަރައްޤީ ގެނެވުނު ތިންއަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ހުސެއިން ކުރެއްވި ޚިދުމަތާއި، ގުޅަމުންދިޔަ ފޯނު ކޯލުތަކަކީ ދުވަހަކުވެސް ހަދާނުން ފޮހެލެވޭނެ ކަންތައްތަކެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަރުހޫމްގެ މަސައްކަތް ކޮށްދެވޭނީ އެވިސްނުން ހުރި ބޭފުޅަކަށް ކަމަށާއި، އެއީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަން ކުރަމުންދާ ފަރާތްތަކާއި، ދެކޮޅު ފިކުރެއްގެ މީހަކު ކޮމަންޑޫ ދާއިރާއަށް އިންތިޚާބު ކުރުމަކީ ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ. ޚާއްސަކޮށް ސަރުކާރުން ބޭނުންވާ ތަރައްޤީ ގެނައުމުގައި އެމްޑީޕީ ނޫން ޕާޓީއެއްގެ ކެނޑިޑޭޓަކު އިންތިޚާބު ކޮށްފިނަމަ ބޮޑެތި ހުރަސްތަކާއި ކުރިމަތިވާނެކަމަށެވެ.
ރައީސް ވަނީ މިރޭގެ ޖަލްސާގައި ކޮމަންޑޫ ދާއިރާއަށް ގިނަ ކަންތައްތަކެއް ކުރިއަށް އޮތް މަދު ހަފްތާގެ ތެރޭގައި ފަށާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް މިއީ ކެމްޕެއިނާއި އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.