ޤައުމީ ދުވަސްތައް އާކުރެވިގެންދާއިރު ޤައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ޤައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ކޮންމެ މުޢާޠިނެއްގެ ޒިންމާއެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވިދާޅުވެ ފޮނުއްވި ވީޑިއޯ މެސެޖުގައެވެ.
1443 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ވިދާޅުވީ ހުރަވީ ދުވަސްފަދަ ޤައުމީ ދުވަސްތައް ފާހަގަ ކުރަމުންދާއިރު ޤައުމީ އަބްޠާލުންގެ ޛިކްރާތައް އާކޮށް އެބޭފުޅުން ޤައުމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.
ޤައުމީ ދުވަސްތައް އާކުރެވިގެންދާއިރު ޤައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ޤައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ތިމާގެ ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ކޮންމެ މުޢާޠިނެއްގެ ޒިންމާއެއް.
– މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތުގެ އެންމެ މަތީބަހާތަކަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހިތާރީޚާއި ސަގާފަތް ކަމަށާއި އެކަންކަން ދިރުވައި އާލާ ކުރުމަށް ކޮންމެ ދިވެހި ފަރުދެއްގެ ބޮޑު ޒިންމާއެއް އޮންނަ ކަމަށެވެ. އަދި އެޒިންމާ އަދާކޮށްގެން މެނުވީ އަންނަން އޮތް ޖީލުތަކާ ހަމައަށް ޤައުމު މިނިވަންކަމާއި އިސްތިޤްލާލާއެކު ފޯރުކޮށްދިނުމަކީ ނުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން އެންމެން އަޒުމް ކަނޑައަޅަންވީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢިއްޒަތާއި ޝަރަފާއެކު ދިވެހިޤައުމިއްޔަތުގެ މިނިވަންކަމާއި އިސްތިޤްލާލު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުން ކަމަށެވެ.
މިއަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ބާއްވާ ރަސްމީ ޖަލްސާއާއި ރަސްމީ ހަރަކާތްތައް މިއަރު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 28 އަދި 29 ވަނަ ދުވަހު ކ. ހުރާގައެވެ.
ހުރަވީ ދުވަހު މި މިނިސްޓްރީން ކ.ހުރާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން އިސްރަށްވެހިންނާއި ކުޑަކުދިންނަށް، ކުޑަކުދިންގެ ހަވީރަކާއި ދިވެހި ތާރީޚާ ގުޅޭ މައުލޫމާތު ސެޝަނެއްގެ އިތުރުން ސަގާފީ ކުޅިވަރު ހިމެނެއެވެ.
ކޮމެންޓު ފޮނުވާ