ނޫމަޑި މައްސަލާގައި މުއިއްޒަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުންވެސް ކެންސަލް

ނޫމަޑި މައްސަލާގައި މުއިއްޒަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުންވެސް ކެންސަލް

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2022 10:31
0

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދިން މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ވެއްޖެއެވެ.

މިއަދު 10 ޖަހާއިރު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުން ކެންސަލްވި ސަބަބެއް ހާމަކޮށްފައި ނުވެއެވެ. މިމައްސަލާގައި އެންމެފެހުން ތާވަލްކުރި އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ. އެދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޑރ.މުއިއްޒުގެ ވަކީލުން ސްޕްރީމް ކޯޓުގައި އެދުވަހު ކުރިއަށްދިޔަ ރައީސް ޔާމީންގެ ޝަރީއަތަށް ވަޑައިގަންނަވަން ޖެހުމުން، ދިފާއީ ވަކީލުންގެ އެދިވަޑައިގަތުމުންނެވެ.

މިމައްސަލާގައި ދެން އަޑުއެހުމެއް ބާއްވަނެ ވަކި ތާރީހެއްވެސް ސާފުވެފައި ނުވެއެވެެ. މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހުށަހެޅި މިމައްސަލައަކީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ.ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާތީ، މުޢިއްޒުގެ މައްޗަށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ނޫމަޑީގެ މައްސަލައިގައި މުއިއްޒުވަނީ ފުލުހުގެ އިދާރާއަށްވެސް ހާޒިރުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށްވެސް ހާޒިރުކޮށް އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 25 ޖޫން 2019ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަލް ނަމަކަށް ކިޔާ ކުންފުނި (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލައިގައި އެކުންފުނީގެ ހެކިވެރިއަކަށް ވެފައިވަނީ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒުކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.