ސްޕެނިޝް ލީގުގެ އެއްވަަނައިގައި އޮތް ރެއާލް މެޑްރިޑް ލީގުގައި މިއަހަރު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
މިއަދު ހަވީރު ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗުން ރެއާލް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.
ގެޓާފޭގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ކުޅުނީވެސް ގެޓާފޭއިންނެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ގެޓާފޭއިންވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އެނެސް އުނަލްއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރުމަށްރެއާލްއަށް ފުރުޞަތު ލިބުނު ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވޭގޮތްވަނީ ނުވެފައެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ފުރަތަމަ ހާފަށް ވުރެއް ބޮޑަަށް ކުޅުން ރަނގަޅުކޮށް ގެޓާފޭގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ކަރީމް ބެންޒެމާއަށްލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ.
ގެޓާފޭ އަތުން ރެއާލް ބަލިވި ނަމަވެސް އެޓީމު އޮތީ 20 މެޗުން ލިބުނު 46 ޕޮއިންޓާއެކު ލީގު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި 18 މެޗުން ލިބުނު 38 ޕޮއިންޓާއެކު ސެވިއްލާއެވެ. އަދި ތިންވަނައިގައި 33 ޕޮއިންޓާއެކު ރެއާލް ބެޓިސް އޮތްއިރު، ހަތަރު ވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެއެވެ. އެއީ 32 ޕޮއިންޓާއެކުއެވެ. ރެއާލް އަތުން މޮޅުވި ގެޓާފޭ އޮތީ 16 ވަނައިގައެވެ.