އިސްރާއީލުގައި ކޮންމެ ދުވަހަކުވެސް ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، އާދަޔާ ޚިލާފު ބާރު މިނުގައި އޮމިކްރޮން ވޭރިއެންޓު ފެތުރެމުން ދިއުމުގެ ސަބަބުން، އިސްރާއީލުގެ އާބާދީއަށް ހާރޑް އިމުނިޓީގެ ރައްކާތެރިކަން ލިބިގެން ދިއުން އެކަށީގެންވާކަމަށް އެގައުމުގެ ސިއްޙީ މާހިރުން ވިދާޅުވެއްޖެއެވެ.
ހާރޑް އިމުނިޓީއަކީ، މުޖުތަމައުގެ ގިނަ ބަޔަކަށް ބަލިޖެހި، (ނުވަތަ ގިނަ ބަޔަކަށް ވެކްސިން ދެވުމާއެކު) ވައިރަހާއި ދެކޮޅަށް ހަގުރާމަ ކުރުމުގެ ގާބިލްކަން ގިނަބައެއްގެ ހަށިގަޑުގެ ދިފާއީ ނިޒާމަށް ލިބިގެން ދިއުމުން، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލްވުމުގެ ފުރުސަތު ވައިރަހަށް ގެއްލިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މުޅި މުޖުތަމަށްއަށް ގުދުރަތީ ގޮތުން ލިބިގެންދާ ރާއްކާތެރި ކަމެވެ.
ގައިންގަޔަށް ފެތުރުމުގެ ގާބިލްކަން އާދަޔާ ޚިލާފަށް ބޮޑަށް ލިބިގެން ގޮސްފައިވާ އޮމިކްރޮން ވޭރިއެންޓްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދު ދަނީ އިންތިހާއަށް އިތުރު ވަމުންނެވެ.
މިގޮތުން ދުނިޔޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ. އަދި ރޮއިޓާސްއިން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފާއިތުވި ޑިސެމްބަރ މަހުގެ 24 ވަނަދުވަހުން ފެށިގެން 30ވަނަ ދުވަހުގެ ނިޔަަލަށް އެވްރެޖްކޮށް ދުވާލަކު ދުނިޔެއިން 1 މިލިއަން މީހުންވަނީ ކޯވިޑަށް ޕޮޒިޓިވް ވަމުން ގޮސްފައެވެ.
އެހެންނަމަވެސް، މި ބަލީގައި މަރުވަމުންދާ މީހުން އަދަދު މި ނިސްބަތުން އިތުރުވަމުން ނުދާތީ، އޮމިކްރޮން ވޭރިއެންޓަކީ އެހާ ނުރައްކާތެރި ވޭރިއެންޓަަކަށް ވެގެން ގޮސްފައި ނުވާކަމުގެ އުއްމީދުވަނީ ވަރަށް ބޮޑަށް އާވެގެން ގޮސްފައެވެ.
ފާއިތުވި ޑިސެމްބަރު މަހާހަމައަށް އޮމިކްރޮން ވޭރިއެންޓް ފެތުރުން އިސްރާއީލަށް ކޮންމެވެސް ވަރަކަށް ކޮންޓްރޯ ކުރެވުނު ނަމަވެސް، އެގައުމުގައި މިހާރުދަނީ މި ވޭރިއެންޓަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް އާދަޔާ ޚިލާފަށް މަތިވަމުންނެވެ. އަދި ދުވާލަކަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް ކުރިޔަށް އޮތް ހަފްތާތަކުގައި ރެކޯޑް މިންވަރަކަށް މައްޗަށް ދާނެކަމަށް ވަނީ ލަފާ ކުރެވިފައެވެ.
މީގެ ސަބަބުން ހާރޑް އިމިއުނިޓީގެ ރައްކާތެރިކަން ލިބިގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމުގައި، އިސްރާއީލުގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ނަޝްމޭން އޭޝް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަލިޖެހިގެން ހާރޑް އިމިއުނިޓީގެ ރައްކާތެރިކަން ލިބިގެން ދާނީ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހިގެން ކަމަށާއި އެއީ ހާރޑް އިމިއުނިޓީގެ ރައްކާތެރިކަން ހޯދަން އެގައުމުން ބޭނުންވާ ގޮތް ނޫން ކަމުގައެވެ. އޭގެ ބަދަލުތައި ހާރޑް އިމުނިޓީގެ ރައްކާތެރިކަން ހޯދަން އެގައުމުން ބޭނުންވަނީ ގިނަ ބަޔަކަށް ވެކްސިން ދީގެން ކަމުގައިވެސް އޭނާ ވިދާޅުވެފައި ވެއެވެ.
އިސްރާއީލުގެ 9.4 މިލިއަން މީހުންގެ އާބާދީގެ %60 އަށް މިހާރުވަނީ ވެކްސިން ދީ ނިންމާފައެވެ. އެގައުމުގައި މައިގަޑު ގޮތެއްގައި ދީފައިވަނީ ފައިޒަރ/ބައޯއެންޓެކް ވެކްސިނެވެ.