ލިޔުންތައް، ދިރާސާކުރަން ވަގުތު ބޭނުންވާތީ ޔާމީންގެ އަޑުއެހުން މިމަހުގެ 13 އަށް

ލިޔުންތައް، ދިރާސާކުރަން ވަގުތު ބޭނުންވާތީ ޔާމީންގެ އަޑުއެހުން މިމަހުގެ 13 އަށް

ވ.އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގެ މިއަދު އަޑުއެހުން ކުރިއަށްނުގެންދެވި ފަސްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހައްގުތައް ކަށަވަރުކުރުމުގެ ބައެވެ. މިއަދުގެ އަޑުއެހުން ފެށުމުން، ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ.ޖަމީލް ވަނީ މިމައްސަލައިގެ ބައެއް ލިޔެކިޔުން މިއަދު ލިބުމުން، ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވަކީލްގެ މިވާހަތަކަށްފަހު އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ހައްގުތައް ކަށަވަރުކުރުމަށާއި އަދި ދައުވާ ސާފުކޮށްދިނުމަށް މިމަހުގެ ތެރޭގައި އިތުރު ދެ އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އެއީ މިމަހުގެ 13 އަދި 27 ވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާއެވެ. އަދި ދެވަނަ ދައުވާއެއްގެ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އާރަށުގެ އަގުގެ ގޮތުގައި ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް މިފަހަރު ކޮށްފައިވަނީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގެ ދައުވާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *