އއ.މަތިވެރި އަންހެން ވޮލީ ޓީމަށް ކުރިއަށް ގެންދިޔަ އެޑްވާންސްޑް ވޮލީ ޓްރެއިނިންގ ކޭމްޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި.
މިއީ މަތިވެރީ އެސޯސިއޭޝަން ފޯރ ރެކްރިއޭޝަން އެން ސްޕޯރޓް (މާރންސް) ޖަމިއްޔާ އާއި ފުލުހުންގެ ޚިދުމަތާއި ގުޅިގެންް 2021 ޑިސެމްބަރ 20 ވަނަ ދުވަހުން ފެށިގެން 2021 ޑިސެމްބަރ 29 ވަނަ ދުވަހުގެ ނިޔަލަށް އއ.މަތިވެރި އަންހެން ވޮލީ ޓީމަށް ކުރިއަށް ގެންދިޔަ 10 ދުވަހުގެ އެޑްވާންސްޑް ވޮލީ ޓްރެއިނިންގ ކޭމްޕެކެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އއ.އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާޢުއެވެ. މި ކޭމްޕުގައި ޖުމްލަ 18 ފަރާތަކުން ބައިވެރިވެ ޓްރެއިނިންގ ފުރިހަމަ ކޮށްފައި ވެއެވެ. މި ކޭމްޕުގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވެފައިވަނީ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޙާލިދު މުޙައްމަދުއެވެ.

މި ކޭމްޕުގައި ފިޒިކަލް ޓްރެއިންނިންގ އާއި ކޯޓް ކަވަރިންގ އަދި މެޗުތަކުގައި ގޭމް ޕްލޭން ކުރިއަށް ގެންދާނެ ގޮތުގެ ތަމްރީން ކޭމްޕު ގެ ބައިވެރިންނަށް ދެވިފައި ވެއެވެ. މީގެ އިތުރުން ވެސް އިތުރު ވޮލީ ބޯލް އެޑްވާންސް ޓެކްނިކްތައް ދަސްކޮށްދެވިފައި ވެއެވެ. އަދި މިފަދަ ކުޅިވަރު ކުޅޭ ޒުވާނުން ދުޅަހެޔޮކޮށް ތިބުމަށް ބާރުއެޅިފައި ވެއެވެ.
މާރންސް ޖަމިއްޔާއިން އިސްނަގާގެން މިފަދަ އެތައް ޕްރޮގްރާމްތަކެއް ކުރިއަށް އޮތް ތަނުގައިވެސް ފެނިގެން ދާނެ ކަމަށް އެޖަމިއްޔާއިންވަނީ ބުނެފައެވެ. މީގެ އިތުރުން މިހާރުވެސް މާރންސް ޖަމިއްޔާއާއި އަންބަރު ގްރޫޕް ގުޅިގެން މަތިވެރީ ފުޓްސަލް ލީގުގެ ނަމުގައި މަތިވެރީގައި ލީގެއް ހިންގަމުން ދާކަންވެސް އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ