الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފިރިމީހާ އަނބިމީހާއަށް އަޅާ ނުލުން ފަދަ މަގްބޫލު ސަބަބަކާ ނުލާ ފިރިމީހާގެ ގާތުން ވަރިއަށް އެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلاقًا فِي غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّة) މާނައަކީ: "ކަމަކާ ނުލާ ވަރިއަށް އެދޭ އަންހެނާ އަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެއްޖެއެވެ".
ނަމަވެސް، މަގްބޫލު ސަބަބެއް އޮވެއްޖެނަމަ، ވަރިއަށް އެދުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެންވެއެވެ. ނޫންނަމަ ޚުލްޢުވާން އެދުމުގެ ޙައްގުވެސް ލިބިގެންވެއެވެ. "ޚުލްޢު" އަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ހަދިޔާއެއް ނުވަތަ ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ނުވަތަ އެއިން ބައެއް ދިނުމަށްފަހު ކައިވެނި ރޫޅާލުމަށް އެދުމެވެ.
މިކަމުގެ ދަލީލަކީ ސާބިތުބިން ގައިސްގެ އަބިކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ސާބިތްބިން ގައިސްގެ އަޚުލާގާއި ދީންވެރިކަމާއި ބެހޭގޮތުން ބަދުބަހެއް ބުނާކަށް އަހުރެން ބޭނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމް ވުމަށްފަހު ކުފުރުވުމަށް އަހުރެން ނުރުހެމެވެ. (މާނައަކީ އިސްލާމް ވުމަށްފަހުގައި ކާފިރުކަމުގެ އަޚްލާޤަށް ނުވަތަ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ސިފަ ގެންގުޅޭކަށް ތިމަން ކަމަނާ ނުރުހެމެވެ. ތިމަން ކަމަނާ ސާބިތްބިން ގައިސްއާ އެކު އުޅޭކަމުގައި ވާނަމަ ނުކިޔަމަންތެރި ވެވިދާނެއެވެ. ނުވަތަ ސާބިތްބިން ގައިސްއާ އެކު އުޅެން ވެއްޖެނަމަ ތިމަންކަމަނާ ކުފުރުގެ ތެރެއަށް އެބުނރި ހިނގައިދާނެއެވެ.)
ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ކަމަނާ ސާބިތް ބިން ގައިސްގެ ހަދީގާ (ބަގީޗާ) އަނބުރާ ދެއްވާ ހުށީމު ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސާބިތް ބިން ގައިސްއާއި މުޚާޠަބު ކުރައްވާ ހަދީޘް ކުރެއްވިއެވެ. އެ ހަދިޔާ ޤަބޫލުކޮށް އެކަމަނާ ދޫކޮށްލާށެވެ."
(ނަމަވެސް މިފަދަ ނިންމުމަކާ ހަމަޔަށް ދިއުމުގެ ކުރިން ދެމަފިރިން ރަނގަޅަށް މަޝްވަރާކޮށް ދެމީހުން އެކުގައި އުޅެވޭތޯ މަސައްކަތްކޮށް އެކަމަށް ތައުފީޤުދެއްވާތޯ ދުޢާކުރަން ވާނެއެވެ. ތިމާޔަށް ހެޔޮއެދޭ ޞާލިޙް ފިރިއެއް ލިބުމަކީ ވަރަށްބޮޑު ނިޢުމަތެކެވެ. އަދި ފޫހިވުމަށް މެދުވެރިވާ ސަބަބުވެސް ﷲގެ އިރާދަފުޅުން ނެތި ކުރައްވަފާނެއެވެ. "އެއްޗެއްގެ އަގު ވަޒަން ކުރެވޭނީ އެއެއްޗެއް ތިމާގެ އަތުން ބީވެގެން ދިޔުމުންނެވެ.")
والله أعلم