ޤައުމަށް ހެޔޮއެދޭނަމަ، މޭމަތި ފުރެންދެން "އިންޑިއާ އައުޓް" ޖައްސަވައިގެން ވަޑައިގަންނަވާ: އަދުރޭ

ޤައުމަށް ހެޔޮއެދޭނަމަ، މޭމަތި ފުރެންދެން "އިންޑިއާ އައުޓް" ޖައްސަވައިގެން ވަޑައިގަންނަވާ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2021 10:39
0

ދިވެހި ޤައުމަށް ހެޔޮއެދޭ ކަމުގައިވާނަމަ މޭމަތި ފުރެންދެން "އިންޑިއާ އައުޓް" ޖައްސަވައިގެން އިދިކޮޅު ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަނެއްކާވެސް ދައުވަތު ދެއްވައިފިއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ އެއްބައިވަންތަ ކަމުގެ ދުވަހެއް ފާހަގަކުރާއިރު އޮތް އެންމެ ބޮޑު ހިތާމައަކީ ދިވެހިންގެ އެއްބައިވަންތަކަން ދޫކޮށް، ބޭރުގެ ޤައުމެއްގެ އެއްބައިވަންތަކަން ނަގެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުމެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ކަންކަން ގޮސްފައިވާއިރު، މިހާލަތުގައިވެސް އިސްކުރަމުންދަނީ ބޭރު ޤައުމެއްގެ މަސްލަހަތު ކަމަށެވެ.

ޤައުމުގެ އެއްބައިވަންތަކަން ނެގެހެއްޓުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ކުރަމުންދާ ޤައުމީ މަސައްކަތަކީ ދިވެހިންގެ މިނިވަން ކަމުގެ ދިފާއުގައި ކުރަމުންދާ މަތިވެރި ޖިހާދެއްކަމަށް އަދުރޭ ވިދާޅުވިއެވެ. "އިންޑިއާ އައުޓް" ހަރަކާތަކީ މިކަމުގެ އެންމެ ބޮޑު ހަރަކާތް ކަމަށާއި، މޭމަތި ފުރެންދެން އިންޑިއާ އައުޓް ޖައްސަވައިގެން ރައްޔިތުނގެ ހައްހުގައި މަގުތަކުގައި އަޑު އުފުލުމަކީ މިއަދު ފަހުރުވެރިވާ ކަމެއްކަމަށް އަދުރޭ ވިދާޅުވިއެވެ.

އެއްބައިވަންތަ ވާންނީ ދިވެހި ރައްޔިތުންނާއި، ބޭރުގެ ފަރާތްތަކާއިނޫން. އިންތިޚާބެއް އޮޅުވާލި ބޭރުގެ ފަރާތްތަކާއި ނޫން އެއްބައިވަންތަ ވާންވީ. ހުރިހާ ސިޔާސީ ޕާޓީއަކުން މިއަދު ޤައުމަށްޓަކައި ގުޅިވަޑައި ގަންނަވަންވީ ޕީޕީއެމްއާއި، ޤައުމަށް ހެޔޮ އެދެންޔާ މޭމަތި ފުރެންދެން އިންޑިއާ އައުޓް ޖަހައިގެން ވަޑައިގަންނަވާ.

– އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިން ކުރުމުން އެކަން ހުއްޓުވުމަށް އިންޑިއާއިން ބޭނުންވާ ގޮތަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ކޯލިޝަންގައި ތިބި ޕާޓީތަކުން ބަޔާންނެރެ މިހަރަކާތާއިމެދު ރައްޔިތުންގެ ހިތުގައި ރުޅިވެރިކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތަކީ ކާމިޔާބު ވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިޕާޓީތަކުގެ ލީޑަރުން ފިޔަވައި އާންމު މެމްބަރުން ތިބީ ދިވެހި ރައްޔިތުންނާއިއެކު އިންޑިއާ އަސްކަރިއްޔާ ބޭލުމަށް ކަމަށާއި، އެކަން ދިވެހި ރައްޔިތުން ކުރާނެކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބާލައި ދިވެހިންގެ މިިނިވަންކަން ދެމެހެއްޓުމަށް ކުރާ ކެމްޕެއިން އިހުނަށްވުރެއް ވަރުގަދަކޮށް ކުރިއަށް ގެންދާނެކަމަށެވެ. މިކަމުގައި ދައްކާބިރަކަށް ފަހަތަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.