ނުދިޔޭގެ ނުފޫޒުގަދަ ބާރުތަކުގެ ކުރިމަތީގައި ދިވެހިންގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލު ކުރިއަށް ނެރެ، ޤައުމުގެ މަސްލަހަތު ހިމާޔަތް ކުރެއްވި ހަމައެކަނި ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓަރ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި މެމްބަރު ނަޝީދުވަނީ ވާހަކަ ދައްކަވައި، ޕީޕީއެމްއާއި ގުޅޭނެކަމުގެ އިޝާރާތެއްވެސް ކުރައްވާފައެވެ. ރައީސް ޔާމީންވެސް ބައިވެރިވެ ވަޑައިގެންނެވި މިޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ބޭރުގެ ބާރުގަގަދަ ނުފޫޒުތަކުގެ ކުރިމަތީގައި ސާބިތުކަމާއިއެކު ބަސްބުނެ، އެފަރާތްތަކުގެ ކުރިމަތީގައި ރައީސް ޔާމީން ވަނީ ސާބިތުކަން ދައްކާފައިކަމަށެވެ.
ނަމަވެސް މިއަދު ފެނިގެން މިދަނީ މުޅި ޤައުމު އިންޑިއާގެ އަޅުވެތިކަމަށްދާތަން ބޭރުގެ ނުފޫޒުގަދަ ބާރުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެއްސެވި ހަމައެކަނި ރައީސަކީ ޔާމީން: ނަޝީދުކަމަށާއި، މިކަމާއި ދެކޮޅަށްވެސް ހައްގުބަސް ބުނަންކެރުނު ހަމައެކަނި ވެރިޔަކީ ރައީސް ޔާމީންކަމަށެވެ. ނަޝީދު ވިދާޅުވީ ޤައުމު މިހާރު މިދާ މިސްރާބުން ސަލާމަތްކުރުމަށް މީގެ ކުރިންވެސް ބޮޑު ތިލަދުންމަތިން އުފެދުނުފަދަ ހިތްވަރުގަދަ އަބްތާލުން އުފެދި މިޤައުމު މިނިވަންކަމުގެ އައްސޭރިއަކަށް ގެންދާނެކަމަށެވެ. ޚާއްސަކޮށް ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން އެރަށުން ބާލައި އިންޑިއާގެ އަސްކަރީ ސިފައިން މިޤައުމުން ބާލާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ މިފަސްގަނޑަށް ހެޔޮ އެދިގެން ވެރިކަން ކުރެއްވި ހަމައެކަނި ރައީސް. ބޭރުގެ ބާރުތަކުގެ ކުރިމަތީގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސެވި ހަމައެކަނި ރައީސަކީ ރައީސް ޔާމީން.
– ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހެޔޮ އެދޭކަމަށް ސަރުކާރުން ދައްކާއިރު، މިވީ ތާރީހުގައިވެސް އިންޑިއާއިން ރާއްޖެއަށް ހެޔޮ އެދިގެން ކޮށްދިން އެއްވެސް ކަމެއް ނެތްކަމަށެވެ. އެންމެ ކުޑަމިނުން ބޭސްފަރުވާގެ ކަންކަންވެސް ހަމަޖައްސަން ޖެހެނީ ބޮޑެތި އަދަދުތަކުން ފައިސާ ދައްކާފައިކަމަށާއި، 2019 ވަނަ އަހަރު އެކަނިވެސް 400 މިލިޔަން ޑޮލަރު ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށް ހޭދަކޮށްފައިވާކަމަށެވެ.
އިންޑިއާއިން މިޤައުމުގައި ސިފައިން ބައިތިއްބައިގެން އޮޅުވާލައިގެން ކުރަމުންދާ މަސައްކަތަކީ އެމީހުންގެ އަތްދަށަށް މިޤައުމު ގެންދިއުންކަމަށާއި، އެކަމަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ