ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. އެ ސިޔާސަތު ދެމެހެއްޓޭނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރެއް އޮތުމުގެ ބޭނުމަކީވެސް އެއީ. ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އެ ދައުލަތެއްގައި ޝާމިލުވާ އެންމެންގެ އަޑުއަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރުން.
– ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކޯވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ގިނަ ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް އިޤްތިޞާދީ ނަޒަރަކުން ބަލާއިރު ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ކޯވިޑުން ރައްކާތެރިވުމަށް މިކުރާ މަސައްކަތުގައި، މާތް ﷲގެ ވާގިފުޅާއެކު ރާއްޖެ މިވަނީ، މި ސަރަހައްދުގެ ޤައުމުތަކާ އަޅާބަލާއިރު އެކަށީގެންވާ ކުރިއެރުމެއް ހޯދާފައި. އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަމާއި، އިޤްތިޞާދީ އެހެން މަސައްކަތްތައްވެސް އަލުން ފަށައިގަނެވިއްޖެ. މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިޤްތިޞާދީ ނަޒަރަކުން ވިސްނާ ނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި.
– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކޯވިޑްގެ ކުރިން އޮތް ޙާލަތަށް ނުވަތަ އެއަށް ވުރެ ރަނގަޅު ޙާލަތަކަށް، ޤައުމުގެ އިޤްތިޞާދު ގެންދިއުމަށްޓަކައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. އަދި ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ