ޖުމްހޫރީ މައިދާން ސަރަހައްދު މާދަމާ ބަންދުކުރަނީ

ޖުމްހޫރީ މައިދާން ސަރަހައްދު މާދަމާ ބަންދުކުރަނީ

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2021 04:35
0

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށްޓަކައި ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރުމަށް ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ ޖުމްހޫރީ މައިދާން ސަރަހައްދު 26 ޑިސެންބަރު 17:30 އިން ފެށިގެން އެކި ވަގުތުތަކުގައި ޢާއްމު ޓްރެފިކަށް ބަންދުކުރުމަށްވަނީ ހަމަޖެހިފައިކަމަށެވެ. ފުލުހުން ވަނީ މަގު ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިމެނޭ ޗާޓެއްވެސް ހިއްސާ ކުރައްވާފައެވެ.

ޗާޓުގައި ފާހަގަކޮށްފައިވާ ޕާރކިންގ ޒޯންތަކުގައި ޕާރކު ކުރުން މަނާ ކުރެވި، އެ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ، މާދަމާ މެންދުރުފަހު 14:00 ގެ ކުރިން އެ ޒޯންތަކުގައި ހުރި އުޅަނދުތައް ނަންގަވައި، ޒޯންތައް ހުސްކޮށްދެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމާ މުޚާޠަބު ކުރައްވާނެކަމަށް ވަނީ ހަމަޖެހިފައެވެ.

ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ ބާއްވަވާ ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި 1 މިނިޓުގެ ސުކޫތެއް ގެންނަވާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުންވެސް އޮންނާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން، މި މަހުގެ 20 ވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އެ މަނިކުފާނުގެ ޚިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުމަށްވަނީ ހަމަޖެހިފައިވަކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.