ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދެވި، އަދި އެދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މެމްބަރު ހުސެއިންވަހީދު މިމަހުގެ 14ވަނަ ދުވަހު އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓާކާ ބޭއްވުމަށް ހަމަ ޖެހިފައިވާ ބައި އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝްންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަކުން މި ބައި އިލެކްޝަން މިމަހުގެ 15ވަނަ ދުވަހު އިއުލާންކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، އަންނަ ޖެނުއަރީމަހުގެ 2 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާއިރު، މި އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅު ކޮށްފައިވަނީ 3 ސިޔާސީ ޕާޓީއަކުންނެވެ. އެއީ ވެރިކަން ކުރާ އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއިންނާއި ރައްޔިތުންގެ މަޖިލިހުގެ ދަގެތީ ދާއިރާގެ މެމްބަރު ކާރނަލް ނާޒިމް އިސްވެ ހުންނަވާ އަލަށް އުފެއްދެވި ނޭޝަނަލް ޕާޓީންނެވެ.
2008 ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގެންފައިވާ އާ ގާނޫނު އަސާސީން ގެނައި މަލްޓީ ޕާޓީގެ ޑޮމިކްރަޓިކް ނިޒާމުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ސިޔާސީ ޕާޓީތަކެއް ވުޖޫދުވެ ނެތިގޮސް އަދި އަލަށް އެކި ފަހަރުމަތިން އާޕާޓީތައް އުފެދުމުން ފޮރޮޅެމުން މިއަދާހަމައަށް އައިސް، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީވެފަ އޮތް 11 ސިޔާސީ ޕާޓީ އެބައޮތެވެ.
އެހެންނަމަވެސް މި 11 ސިޔާސީ ޕާޓީގެ ތެރެއިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށްޓަކާ ޕްރައިމަރީތަކުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލި ތިން ޕާޓީ ފިޔަވާ އެހެން އެއްވެސް ޕާޓީއަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވާއިރު، އިތުރު ޕާޓީއަކުން ދެން މި އިންތިޚާބުގައި ވާދަކުރާނެކަމަށް ބެލެވިފައެއް ނުވެއެވެ.

އެމްއެންޕީގެ ފުރަތަމަ ތަޖުރިބާ! ތިން ޕާޓީގެ ގަދަ ހިފުމެއް!
އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ރަޖިސްޓްރީ ކޮށްފައިވާ 11 ސިޔާސީ ޕާޓީގެ ތެރެއިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝްންގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަންއިން ހުޅުވާލުމާއިއެކު، އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައީ އަލަށް އުފެއްދި އެމްއެންޕީން މި އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރި ކުރުމެވެ. އުފެއްދިތާ އަދި އެންމެ 3 މަސްނުވާ ޕާޓީއަކުން، މަޖިލިސް ބައި އިލެކްޝަންގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލި ހުޅުވާލުމެވެ.
މިގޮތުން، އެމްއެންޕީ އަކީ، ފަހަކަށް އައިސް ރާއްޖޭގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި ތަފާތު ދައްކާފައިވާ ޕާޓީއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަ ކުރާއިރު، ކޮމްނަޑޫ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށަށް ނިސްބަތްވާ ކެނޑިޑޭޓަކު އެޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުންވެސް ވެގެން ގޮސްފައިވަނީ، މި އިންތިޚާބާ ދޭތެރެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިގެން ދިޔަ ތަފާތެއްގެ ގޮތުގައެވެ.
އަދި ހަަމަ އެފަދައިން، ވުޖޫދުވެ، އެތައް އަހަރެއްވަންދެން ސިޔާސީ މަސްރަހުގައި އަޑުގަދަ ކަމަށް ފާހަގަ ވަމުންއައި ބައެއް ޕާޓީތަކުންނާއި، ސިޔާސީ ގޮތުން ނަންހިގާފައިވާ ތަޖުރިބާހުރި ލީޑަރުންނާއި ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބެވި ސިޔާސީ ޕާޓީތަކުން މި އިންތިޚާބުގައި ވާދަކުރުމާމެދު އަދިވެސް ގޮތެއް ނުނިންމި، ފަހަތު ފަޔަށް ބުރަވެފައި ވަނިކޮށް، އުމުރުން 3މަސް ނުވާ އެމްއެންޕީއިން، އިންތިޚާބިގައި ވާދަ ކުރުމަށް ނިންމާ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޕާޓީއާއި ވާދަކުރުމަށް އެޕާޓީން ނުކުތުމަކީ، ޕާޓީގެ ތެރޭގައި ސިޔާސީ ވިސްނުމާއި ޝައުގުވެރިކަން ހުރިކަން ރަމްޒު ކޮށްދޭ ކަމެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
އެހެންކަމުން، ވެރިކަން ކުރާ އެމްޑީޕީއާއި، އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްއިން ނެރޭނެ ދެ ކެނޑިޑޭޓުންނާއި، އެމްއެންޕީގެ ކެނޑިޑޭޓު މިއިންތިޚާބުގައި ވާދަކުރާ ކުރުމަކީ، ނަތީޖާ ނުކުމެގެން އަންނަ ގޮތެއްގެ މައްޗަށް ރާއްޖޭގެ ސިޔާސީ މަސްރަހުން އާދަޔާ ޚިލާފު ބޮޑު ބަދަލެއް ފެނިގެންދިއުމުގެ އިތުރުން މިއީ އެޕާޓިއަށްވެސް ކުރިމަތި ވެގެންދާނެ ވަރުގަދަ އިމްތިހާނެއްގެ ގޮތުގައިވެސް މިއިންތިޚާބު ދަނީ ސިފަކުރެވެމުންނެވެ.

އިންތިޚާބު ތަކުގައި ވާދަ ނުކުރާ، ސިޔާސީ ގިނަ ޕާޓީތަކެއް!
ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ފާހަގަވާން އޮތް އެންމެ މުހިންމު އެއްކަމަކީ، އެހެން ބައެއް ގައުމުތަކާ ޚިލާފަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސިޔާސީ ގިނާ ޕާޓީޖަތެއް އުފެދިގެން ގޮސްފައި ވުމެވެ. އަދި އުފެދި އުވެމުންދާ ޕާޓީތަކުގެ އަދަދުވެސް ގިނަކަމެވެ.
މިގޮތުން، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައިވާއިރު، އުފެދުމަށްފަހު، ހިންގާނެ ސިޔާސީ ހަރާކާތެއް ނެތި، ވަޅުޖެހިފައިވާ އެތަކެއް ސިޔާސީ ޕާޓީތަކެއް މިއަދުވެސް ފެންނާން އެބަހުއްޓެވެ. ނަތީޖާއަކަށް ވެގެންދަނީ، މިޕާޓީތައް އުފެއްދުމުގައި، ނުހަނު އުއްމީދާއެކު އެތައްބަޔަކު މަސައްކަތް ކުރިކަމުގައިވި ނަމަވެސް، އަދާކުރާނެ މަސްއޫލިއްޔަތެއް ނެތުމުން، ހިންގާނޭ ސިޔާސީ ހަރަކާތެއް ނެތުމުން، މެމްބަރުން އެޕާޓީތަކާއި ދުރަށްގޮސް ޕާޓީތައް ވަޅުޖެހިގެން ދަނީއެވެ.
މިގޮތުން މިހާރުވެސް، އުފެދުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކޮންގްރެސް ނުބޭއްވި، އުވިގެންދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ޕާޓީތައް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވާއިރު، މީގެ ތެރެއިން ގިނަ ސިޔާސީ ޕާޓީތަކަކީ، އިންތިޚާބުތަކުގައި ވާދަ ނުކުރާ، އެހެންނަމަވެސް ނަމުން ހަރަކާތްތެރި ޕާޓީތަކެވެ. އަދި މިފަދަ ގިނަ ސިޔާސީ ޕާޓީތަކަކީ، ރައްޔިތުންގެ މަޖިލިހުގައި އެޕާޓީތަކުގެ ތަމްސީލު ކުރުމެއް ނުވުމުގެ އިތުރުން، ކައުންސިލްތަކުގައިވެސް އެޕާޓީތަކުގެ މާބޮޑު ތަމްސީލުވުމެއް ނުވާ ޕާޓީތަކެވެ.
އެހެންނަމަވެސް ރިޔާސީ އިންތިޚާބަށް ކޯލިޝަންތައް ހެދިގެން ދާއިރު، މީގެތެރޭގައި ހިމެނޭ ގިނަ ސިޔާސީ ޕާޓީތަކުން ހަރަކާތްތައް އިތުރުކޮށް، ޕާޓީގެ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ގެންދަވަނީ، އަބަދުވެސް ސަރުކާރުގެ އިސް މަގާމްތަކުން ފުރުސަތު ހޯދަމުންކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ރިޔާސީ ނިޒާމެއްގައި ސިޔާސީ ޕާޓިތަކުގެ ދައުރު ނުހަނު ފުޅާކޮށް އޮންނަން ޖެހޭއިރު، މި ދައުރު ހަގީގަތުގައި ތަމްސީލުވާން ޖެހެނީ އިންތިޚާބުތަކުން ކަމެވެ. އިންތިޚާބުތަކުގައި ވާދަކޮށް، ނަތީޖާ ނެރުމަށް ޕާޓީތަކުން ގަދައަޅާ މަސައްކަތްވެސް ކުރަން ޖެހޭކަމެވެ. ސަބަބަކީ، ސިޔާސީ ޕާޓީއެއްކަމަށް ވާނަމަ، އެޕާޓީއެއްގެ ހަކަތައާއި އަދި ބުންވަރު ވަޒަން ކޮށްލެވެން އޮންނާނޭ ހަމައަކަނި މަގަކީ މިއީ ކަމުގައި ވާތީއެވެ.
އެހެންކަމުން، ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަކީ، ހުރިހާ ގޮތަކުންވެސް ރައްޖޭގެ ސިޔާސީ މަސްރަހުގެ ގިނަގުނަ ހަގީގަތްތަކެއް ވަޒަކުރުމަށް ލިބޭ ފުރުސަތެއް ކަމުގައި މިއަދު ބެލެވެން އެބައޮތެވެ. ސިޔާސީ ޕާޓީއެއް ހަދާ، ކައުންސިލް ބައްދަލުވުންތައް ބާއްވާ، ސިޔާސީ ލީޑަރުންގެ ނަމުގައި އެޕާޓީތަކުން ހެޑްލައިންތައް ހަދާ، ރަށްރަށަށް ދަތުރުކޮށް، ޕާޓީއަށް މެމްބަރުން އިރުތުކޮށް، ސޯޝަލް މީޑިއާއަށް ފޮޓޯލަމުން ދިޔައެއްކަމަކު، މި މަންޒަރުގެ ހަގީގަތް ވަޒަންކުރެވު، މި ބައި އިލެކްޝަންއަކީ ޕާޓީތަކުގެ ހަގީގީ ބުންވަރު ވަޒަން ކޮށްލަން ލިބޭ ރަނުގެ ފުރުސަތަކަށް ވެގެން ދާނޭކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ