ދިވެހި ރާއްޖެއާއި އިންޑިއާއާއި އޮތް ގުޅުން ހީނަރުވުމުގެ އެންމެ ފުރަތަމަ މަރުހަލާ ފެށިގެން އައި ހިސާބަކީ ޖީއެމްއާރު ބޭރުކުރަން އަދާލަތު ޕާޓީން އިސްވެ ފެށި މަސައްކަތުން ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމަށް ޣައްދާރުވުމުގެ އަމަލަކަށް ވާތީ އެ ކެމްޕޭންގެ ދަށުން ހަރަކާތްތައް ހިންގަން ސަރުކާރުން ދެން ފުރުސަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ދިޔާނާ ވަނީ ރައްދު ދެއްވާފައެވެ.
ދިޔާނާ ވިދާޅުވީ، ރާއްޖެއަށް އޮތް އެންމެބޮޑު ޣައްދާރުވުމަކީ، އެއްކަމެއްގައި އެއްގޮތަކަށް ނުތިއްބެވި ދެދޫފުޅުން ވާހަކަދައްކަވާ ބޭފުޅުން ތިބުންކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މިއަދު އެންމެ ބޮޑަށް ދެކޮޅު ހައްދަވަމުންދާ ބޭފުޅުންނަކީ މީގެ ލުރިން ރާއްޖޭގައި އިންޑިއާގެ ޖީއެމްއާރު ކުންފުނިން ކުރި މަސައްކަތަށް ހުރަސްއަޅައި އެކުންފުނި ބޭރުކުރުމަށް އެންމެ ބޮޑެތި މަސައްކަތް ކުރެއްވި ބޭފުޅުންކަމަށެވެ.
ޖީއާރުބޭލުމަށް ބޮލުގައި ފޮތިބަދެ، އަޑުގެ ނެތްކޮޅަށް ހަލޭއްލަވައި ހެއްދެވީ، އަދާލަތު ޕާޓީގެ ބޭފުޅުންކަމަށާއި، މިއަދު އަނެއްކާވެސް މިބޭފުޅުން އިސްވެ، އިންޑިއާ ސިފައިން ބޭލުމާއި ދެކޮޅަށް ހިންގޭ ހަރަކާތަށް ފާޑުކިޔުމަކީ މާބޮޑު ޖޯކެއްގެ ގޮތުގައި ދިޔަނާ ވަނީ ސިފަ ކުރައްވާފައެވެ.
މިރާއްޖެއަށް އޮތް އެންމެ ބޮޑު ޤައްދާރުވުމަކީ މިބޭފުޅުން ދެދޫފުޅުން ވާހަކަ ދެއްކުން. ޖީއެމްއާރު ބޭރުކުރަން އަދާލަތުގެ އިސް ވެރިން ބޮލު ވަށާ ފޮތި ތުރުކުރައްވައިގެން ނިކުންނެވި އިރު ކޯއްޗެއް އައުޓޭތޯ ވިދާޅުވީ؟ ފެންނަ ގޮތުގައި އެއީ އިންޑިއާ އާއި ގުޅުން ހީނަރުވުމުގެ ފެށުން.
– ދިޔާނާ ވިދާޅުވިއެވެ.
ޖީއެމްއާރު ބޭރުކުރުމަށް އޭރުގައި އޮތް ސަރުކާރާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލީ އަދާލަތު ޕާޓީންނެވެ. އެއްގަމުގައާއި ކަނޑުމަތީގައި ކުރި މުޒާހަރާތަކަކީ އޭރު ބައިނަލް އަގުވާމީ މީޑިއާގެ ސަމާލުކަމަށްވެސް އައި މުޒާހަރާތަކެކެވެ. މިމުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އަދާލު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި އޭރުގެ ިދިކޮޅު ފަރާތްތަކެވެ.
އިދިކޮޅޫ ފަރާތްތަކުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތަށް ދެން ޖާގަ ނުދޭނެކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ އެހަރަކާތް ހުއްޓުވޭނެ އެެއްވެސް ހައިސިއްޔަތެއް ސަރުކާރަށް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ