އިރާނުގެ ނިއުކުލިއަރ ސައިޓުތަކަށް އިޒްރާއީލުން އަސްކަރީ ހަމަލާ ދީފިނަމަ، އެފަދަ ހަމަލާއެއް ދިނުމަށް ބޭނުންކުރި ކޮންމެ ތަނަކަށް ރައްދު ހަމަލާ ދޭނެކަމަގެ އިންޒާރު، އިރާނުގެ އިރާނިއަން ރިވޮލިއުޝަނަރީ ގާރޑްސް ކޯޕްސް (IRGC) ގެ އިސް ކޮމާންޑަރަކު ހޯމަދުވަހު ދީފިއެވެ.
އިސްރާއީލުން އިރާންގެ ނިއުކުލިއަރ ސައިޓްތަކަށް ހަމަލާ ދޭނެކަމަށް ދައްކަމުންދާ ބިރަށް އަމަލީ ސިފައެއް ގެނެސްފިނަމަ، އެފަދަ ހަމަލާއެއް ދޭން ބޭނުންކުރި "ބޭސްތަކަށާއި، ސެންޓަރުތަކަށާއި، އަދި ހަމަލާ ދޭން ބޭނުންކުރި ރާސްތާއަށް އަދި އެފަދަ ހަމަލާއެއްގައި ބޭނުންކުރި ވައިގެ ސަރަހައްދަކަށް، މިހާރުވެސް އަޖުމަ ބަލާފައިވާ ޕްލޭންތަކެއްގެ ބޭނުން ކޮށްގެން،" އިރާނުގެ އަސްކަރިއްޔާއިން ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު، މޭޖަރ ޖެނެރަލް ގޮލަމާލި ރަޝީދުއާއި ހަވާލާދީ އިރާނުގެ ސެމީ އޮފިޝަލް ފާރސް ނިއުސް އޭޖެންސީން ވަނީ ދީފައެވެ.
ރަޝީދު ވިދާޅުވެފައިވާ ގޮތުގައި، އިސްރާއީލުން އިރާންގެ ނިއުކުލިއަރ ސައިޓްތަކަށް އަސްކަރީ ހަމަލާ ދޭނެކަމުގެ އިންޒާރު ދެމުންދަނީ، އެމެރިކާއިން ފެހި ސިގްނަލް ލިބިގެން އެމެރިކާގެ އެހީތެރިކަމާއެކުއެވެ.
ބާރަށް ކުރިއަރަމުންދާ އިރާންގެ ނިއުކުލިއަރ ޕްރޮގްރާމަށް، މިހާރު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުން ހުއްޓުމެއް ނުގެނެވިއްޖެނަމަ، އިރާނުގެ ނިއުކުލިއަރ ސައިޓްތަކަށް އަސްކަރީ ހަމަލާ ދޭނެކަމުގެ އިންޒާރު އިސްރާއީލުން ދަނީ ދެމުންނެވެ.
2015ވަނަ އަހަރުގެ ނިއުކުލިއަރ އެއްބަސްވުމުގެ ބައިވެރިން ކަމުގައިވާ، އިރާން، ރަޝީއާ، ޖާމަނީ، ޗައިނާ، ފްރާންސް، އަދި އިގިރޭސިވިލާތުން ދަނީ، މި އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށޭނެ މަގެއް ހޯދުމަށް، އޮސްޓްރިއާގެ ވިއެނާގައި މަޝްވަރާ ކުރަމުންނެވެ.
މި މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވަނީ، ނުސީދާ ގޮތުންނެވެ. މިހާރު ކުރިޔަށްދާ މަޝްވަރާތަކުގެ މަގުސަދަކީ، އެއްބަސްވުމަށް އިރާނުން އަލުން އަމަލްކުރަން ފެށުމާއެކު، މިއެއްބަސްވުމުގައި އަލުން އެމެރިކާ ބައިވެރި ކުރުމެވެ.
އިރާނުގެ ނިއުލިއަރ އެއްބަސްވުމަކީ، އެގައުމަށް ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ މަގު ބަންދުކުރުމުގެ ގޮތުން، ޔޫރޭނިއަމް ފައްކާކުރުން އިރާނުން ހުއްޓާލުމުގެ ބަދަލުގައި، އެގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް އެއްބަސްވެ، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކާއެކު އެގައުމުން ވެފައިވާ އެއްބަސް ވުމެކެވެ.
އެހެންނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، 2018ވަނަ އަހަރު އެމެރިކާ މިއެއްބަސްވުމުން ބޭރު ކޮށްފައެވެ. އަދި ޓްރަމްޕްވަނީ، އިރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތައް އިހުނަށްވުރެ ވަރުގަދަ ކޮށްފައެވެ.
ޓުރަމްޕްގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ޖޯ ބައިޑްން ވިދާޅުވެފައިވަނީ، މި އެއްބަސްވުމަށް އެބުރި ރުޖޫޢަވުމަށް އެނާ ބޭނުންފުޅު ވެވަޑައި ގަންނަވާ ކަމަށެވެ. މިއެއްބަސްވުން އެންމެ ފުރަތަމަ އެކުލަވާލީ އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގައެވެ. އޭރު ޖޯބައިޑްން ހުންނެވީ އެމެރިކާގެ ނާއިބު ރައީސްކަމުގައެވެ.
އިރާނުން ބުނެފައިވަނީ، އެގައުމުން އެބުރި މިއެއްބަސްވުމަށް ދިއުމަށް އެއްބަސްވާނީ، ކުރީގެ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެމަތިން، އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެންމެ ފުރަތަމަ އުވާލުމުން ކަމުަގައެވެ.
ކޮމެންޓު ފޮނުވާ