ރާއްޖޭގައިހުރި އަރަބަ ތައުލީމްދޭ އެންމެ ބޮޑު ސްކޫލު އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމަށް ބާޖަމާލުއްދީން ސްކޫލު އޮތް ބިން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
އަރަބިއްޔާ ސްކޫލު މިހާރުހުރި އިމާރާތްބާވެ، އިމާރާތް ބޭނުން ނުކުރެވޭ ހާލާތަށް ދިއުމުން، ސަރުކާރުން ދައްކަވަމުންދިޔަ އެކި ވާހަތަކާއި ގުޅިގެން އަރަބިއްޔާ ސްކޫލުގެ ބެލެނެވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ބެލެނެވެރިންނާއި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަރަބިއްޔާ ސްކޫލު އިމާރާތް ކުރުމަށް ބާޖަމާލުއްދީން ހުރި ބިން ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ. މިބިމަކީ ޖާގައިގެ ގޮތުން ތަނަވަސް، ބޮޑު ބިމެކެވެ.
ރަސްމީކޮށް، މިކަން އަދި ހާމަ ނުކުރިނަމަވެސް ސަރުކާރުން މިކަން ނިންމަވައި ވަރަށް އަވަހަށް ހާމަ ކުރައްވާނެކަމަށް ރައީސްވަނީ އަރަބިއްޔާ ސްކޫލުގެ ބެލެނެވެރިންގެ އަރިހުގައި ވިދާޅުވެފައެވެ.
އަދި އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއ ބެލެނެވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އިއްޒުއްދީން ސްކޫލާއި އެކުގައި އަރަބިއްޔާ ސްކޫލް ޝެއާ ކުރުން އެއީ ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވެސް ވިދާޅުވި ކަމަށް ބެލެނިވެރިން ވަނީ މިބައްދަލުވުމަށްފަހު ބުނެފައެވެ.
މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ މިހާރު އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހިންގާ އިމާރާތުގައި ހުރި ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވައިފައެވެ. އަދި އިމާރާތުގެ މައްސަލަތަކެއް ހުރުމުން އެޑިއުކޭޝަން މިނިސްޓްރީއިން ވަގުތީ ގޮތުން ދެއްވި ޙައްލުތަކާމެދު ހުރި ކަންބޮޑުވުންތައްވެސް މި ބައްދަލުވުމުގައި ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުންވަނީ އެ ބޭފުޅުން މި މައްސަލައިގައި ޙައްލު ހޯދަން ބޭނުންވާ ގޮތްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ މެންބަރުން ހުށަހެޅުއްވި އިތުރު ކަންކަން ބައްލަވައި އެކަންކަމަށް ވެސް ޙައްލެއް ހޯދައިދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން އާއި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ގާތްގަނޑަކަށް 700އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތަށް ދިމާވި މައްސަލަތަކާގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ޢާއްމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި އެމިނިސްޓްރީން ވިދާޅުވީ ޢަރަބިއްޔާއަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކުގެ ތެރެއިންވެސް ޚާއްސަ ސިފަތަކެއް ލިބިގެންވާ ސްކޫލެއްކަމަށެވެ. އަދި އެސްކޫލަކީ ރާއްޖޭގައި ތަޢުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަޙުދަތު އެންމެބޮޑަށް ރަމްޒުކޮށްދޭ ތަންކަމަށާ މިފަދަ އެތައް ސަބަބުތަކަށްޓަކައި އެސްކޫލަށް ސަރުކާރުން އަބަދުވެސް އަހަމިއްޔަތުކަން ދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.