އެމްއެމްޕީއާރުސީގެ ވައްކަމަކީ ނުހިނގާ ކަމަކަށް ނުވާނެކަމަށާއި، އެ ވައްކަމުގެ ޒިންމާ ކުރީގެ ރައީސް އަދި އިދކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނަންގަވަން ޖެހޭނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ނާއިބު ރައީސް ޢަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑަރިންގެ ކުށުން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ކަމާ ގުޅުންހުރި އިދާރާތަކުން ހެއްދެވި ޓެކްނިކަލް ގޯސްތަކުންކަމަށެވެ.
ޢަބްދުﷲ ރިޔާޒް ވިދާޅުވީ ގއ.ވޮޑަމުލާ ކުއްޔަށް ދީގެން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިމައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލުމުގައި، ތަހުގީގީ މަރުހަލާގައާއި ދައުވާކުރުމުގެ މަރުހަލާގައިވެސް ރަނގަޅަށް މަސައްކަތްކުރެވިފައިނުވާކަމަށެވެ. އެކަން ސުޕްރީމް ކޯޓުގެ ޙުކުމް ކިޔާލުމުން އެނގޭކަމަށްވެސް ޢަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.
ޢަބްދުﷲ ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަމެއްކަމަށާއި، އެކަމަށް ރައީސް ޔާމީން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެކަމަށެވެ. މިކަމުގައި އިތުރު ތަހްގީގްތަކެއް ހުރިކަންވެސް ރިޔާޒް ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީގެ ވައްކަން ހިނގައިދިޔައިރު ރައީސް ޔާމީންގެ އެކައުންޓަށް ނުހައްގު ފައިސާ ވަދެފައިވާކަމަށާއި، އެފައިސާގެ ބޭނުން ނަހަމަގޮތުގައި ރައީސް ޔާމީން ހިތްޕެވިކަން ސުޕްރީމް ކޯޓުގެ ޙުކުމުން އެނގޭކަމަށެވެ. އަދި އެފައިސާއިން އިންވެސްޓްކޮށްފައިވާކަންވެސް ހުކުމުން އެނގޭއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާއިރު ވިޔަފާރިކުރުމަކީ ޤާނޫނުން މަނާކަމެއްކަމަށެވެ.
ރިޔާޒް ވަނީ ރައްޔިތުންގެ ފައިސާއިން ރައީސް ޔާމީން ވައްކަން ކުރެއްވިކަމަށްވެސް ތުހުމަތުކުރައްވާފައެވެ. ރިޔާޒް ވިދާޅުވީ، ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަކީ އެކަން ފޮރުވުމަށް ހިންގާ ކަމެއްކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުހުކުމް އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާއެކުއެވެ.