އޮމިކްރޮން ވޭރިއެންޓް ދަނީ ޑެލްޓާ ވޭރިއެންޓަށްވުރެ ބާރަށް ފެތުރެމުން، ހިންދެމިލެވެން އެބަ އޮތްތަ؟

އޮމިކްރޮން ވޭރިއެންޓް ދަނީ ޑެލްޓާ ވޭރިއެންޓަށްވުރެ ބާރަށް ފެތުރެމުން، ހިންދެމިލެވެން އެބަ އޮތްތަ؟

Author
ހުސެއިން
19 ޑިސެމްބަރ 2021 08:45
0

2019ވަނަ އަހަރު ނިމެމުން ދަނިކޮށް މުޅި ދުނިޔެއާއި ކުރިމަތި ލާންޖެހުނު ކޯވިޑް 19 ވެގެން ގޮސްފައިވަނީ މި ގަރުނުގައި ދުނިޔެ ކުރިމަތިލި އެންމެ ނުރައްކާތެރި ސިއްޙީ އާލަމީ ވަބާއަށެވެ.

އަދި މި ނުރައްކާތެރި އާލަމީ ވަބާގައި މިހާތަނަށް ދުނިޔެއިން 5 މިލިއަން މީހުން މަރުވެގެން ގޮސްފައިވާއިރު، އަދިވެސް ގައުމުތަކަށް ވަނީ މި ނުރައްކާތެރި ބަލިން އަރައި ގަނެވޭނެ ފުރިހަމަ މަގެއް ނުހޯދިފައެވެ. އީޖާދު ކުރެވިފައިވާ ވެކްސިންތަކާއެކުވެސް، ގައުމުތަކަށް ވަނީ މިބަލި އެކީ ނައްތާލެވޭނެ ވަރުގެ ހައްލަކާ ދިމާލަށް ދަތުރު ކުރުމުގައި އަދި މިހާތަނަށް ކާމިޔާބު ނުހޯދިފައެވެ.

އެންމެ ބޮޑު ސަބަބަކަށް ވެގެން ގޮސްފައިވަނީ، ކޯވިޑާ ދެކޮޅަށް އިޖާދުކުރި ވެކްސިންތަކަށް، މިހާތަނަށް އާންމު ވެގެން ގޮސްފައިވާ އާ ވޭރިއެންޓްތަކުން ކުރިމަތި ކުރުވާފައިވާ ބޮޑެތި ގޮންޖެހުންތަކެވެ. އަދި، އުފަންވެދާނެ ނުރައްކާތެރި ވޭރިއެންޓްތަކުން ކުރިމަތި ކުރުވާނެ ކަމަށް އަދިވެސް ބެލެވެމުންދާ ގޮންޖެހުންތަކެވެ.

ނަތީޖާއެއްގެ ގޮތުން، ކޯވިޑް19 ދުނިޔެއަށް އާންމު ވާން ފެށިތާ 2 އަހަރެއްހާ ދުވަސް ފާއިތިވެގެން ދާއިރު، ބައްޔާ ދެކޮޅަށް ހޯދާފައިވާ ކުރިއެރުންތަކާއެކު، ދަތުރު ފަތުރުކުރުމާއި އަދި އެނޫން ގޮތްގޮތުންވެސް އާޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިހާތަނަށް ލުއިދީފަ އޮތް އޮތުން މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އިއާދަކުރަމުންނެވެ. އަދި އިގިރޭސިވިލާތްފަދަ އެތައް ގައުމެއްގައި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އެތައް ގުނައަކުން އިތުރު ވަމުންނެވެ.

އޮމިކްރޮން ވޭރިއެންޓްގެ ނުރައްކާއެކު ދުނިޔޭގެ ގައުމުތަކުން ވަނީ އަލިން ބޯޑަރުތައް ބަންދުކުރަން ފަށާފަ

 

އޮމިކްރޮންގެ ކޭސްތައް ދަނީ ކޮންމެ 3 ދުވަހަކުން ދެގުނަ ވަމުން!

މި ހަފްތާގައި، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވަނީމ ކޯވިޑް19ގެ އޮމިކްރޮން ވޭރިއެންޓް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ކޯވިޑް19ގެ ޑެލްޓާ ވޭރިއެންޓަށްވުރެ ބާރު މިނުގައި ފެތުރެމުންދާ ކަމުގައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ވޭރިއެންޓްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ގައުމުތަކުގައި، ކޮންމެ 1.5 ދުވަހާއި 3 ދުވަހާއި ދެމެދު ވޭރިއެންޓް ފެތުރެމުންދާ މިންވަރު ދަނީ ދެގުނަ ވަމުންނެވެ. ޔޫއެންގެ ހެލްތު އޭޖެންސީން ހޮނިހިރު ދުވަހު އާންމު ކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވާ ގޮތުން، އޮމިކްރޮން ވޭރިއެންޓް މިހާރުވަނީ ދުނިޔޭގެ 89 ގައުމެއްގައި ފެތުރެން ފަށާފައެވެ.

ޑަބްލިއުއެޗްއޯއިން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ވަރަށް ބޮޑަށް މިއުޓޭޓްވެފައިވާ އޮމިކްރޮން ވޭރިއެންޓް ބާރަށް ފެތުރެމުންދަނީ، އާބާދީތައް ކޯވިޑަށް އިމިއުއޫން ވެފައިވާ (ކޯވިޑަށް ރައްކާތެރިކަން ލިބިފައިވާ) ގައުމުތަކުގައެވެ. އެހެންނަމަވެސް، މި ގައުމުތަކުގައި ބާރުމިނުގައި ވޭރިއެންޓް ފެތުރެމުންދަނީ، ކޯވިޑް19އިން މިހާރު ލިބިފައިވާ ރައްކާތެރިކަން ފޫއަޅުވާލުމުގައި ވޭރިއެންޓަށް ލިބިފައިވާ ގާބިލްކަމުން ކަމެއް، ނުވަތަ އެކަކު ގައިން އަނެއްކަކު ގަޔަށް ވާސިލް ވުމުގައި ލިބިގެން ގޮސްފައިވާ ގާބިލް ކަމުންކަމެއް ނުވަތަ ދެގޮތުންވެސް ވޭރިއެންޓަށް ލިބިގެން ގޮސްފައިވާ ގާބިލްކަމުން ކަމެއްވެސް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

އެންމެ ފުރަތަމަ ސައުތު އެފްރިކާއިން ފެނުނު، ކޯވިޑް19ގެ އޮމިކްރޯން ވޭރިއެންޓަކީ ކަންބޮޑު ވާންޖެހޭ ވޭރިއެންޓެއްގެ ގޮތުއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައެޅީ ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ 26ވަނަ ދުވަހުއެވެ. އަދި މިއީ، ސިއްޙަތު ޖަމިއްޔާއިން ކަންބޮޑު ވާންޖެހޭ ދަރަޖައިގަ ކަޑައެޅި، ކޯވިޑ19ގެ 5 ވަނަ ވޭރިއެންޓެވެ.

 

އޮމިކްރޮން ވޭރިއެންޓް ފަތާތު!

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި، އިމްރޮކޯން ވޭރިއެންޓް ނުވަތަ، B.1.1.529 ގެ ލައިނޭޖް (އަސްލުގެ ނަކަލްތައް) ފުރަތަމަ ސާމްޕަލް ނެގިފައވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އައި މިވޭރިއެންޓް ޑޮކްޓަރުންގެ ސަމާލުކަމަށް އެންމެ ފުރަތަމަ އައިސްފައިވަނީ ދެކުނު އެފްރިކާގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ކުއްލިއަކަށް މަތިވާން ފެށުމާއި ގުޅިގެންނެވެ.

އޮމިކްރޮން ވޭރިއެންޓް އާންމު ވެގެން ދިއުމުގެ ކުރިން 4 ވޭރިއެންޓެއްވަނީ ދުނިޔޭގައި އާންމު ވެގެން ގޮސްފަ

އޮމިކްރޯކް ވޭރިއެންޓްގެ ޖެނެޓިކް ސީކުއެންސިން (ވޭރިއެންޓްގެ ޑިއެންއޭ އެތުރިފައިވާ ގޮތް) އަށް ބަލާއިރު، ފެންނާން އޮތް އެއް ތަފާތަކަށް ވެގެން ގޮސްފައިވަނީ، މި ވޭރިއެންޓްގެ ސްޕްއިކް ޕްރޮޓީންތަކުން (ވައިރަސް، ދިފާއީ ނިޒާމަށް ހަމަލާ ދޭން ބޭނުންކުރާ، ނުވަތަ ވައިރަސް ހަމަލާދޭ ސެލްތަކާއި ތަތް ވެގަތުމަށް ބޭނުންކުރާ، ވައިރަހުގެ ބޭރު ފަށަލާގައި ކަށިތަކެއްގެ ގޮތަށް އުފެދިފައި ހުންނަ ބައިތައް) އާދަޔާ ޚިލާފު މިންވަރަކަށް މިއުޓޭޓު (އަސްލަށް އައިސްފައިވާ ބަދަލު) ވެފައިވާކަން ފާހަގަވާން ހުރުމެވެ.

އޮމިކްރޯން ވޭރިއެންޓުގެ ސްޕްއިކް ޕްރޮޓީންތަކުން މިގޮތުން ފާހަގަ ކުރެވުނު މިއުޓޭޝަންތަކަކީ، މީގެ ކުރީގެ ވޭރިއެންޓްތަކުންވެސް ފާހަގަ ކުރެވިފައިވާ މިއުޓޭޝަންތަކަކަށް ވާއިރު، މިއީ އެ ވޭރިއެންޓްގެ ނުރައްކާތެރިކަން އިތުރު ކޮށްދީފައިވާ މިއުޓޭޝަންތަކެއް ކަންވެސް ތަޖުރިބާކާރުން ފާހަގަ ކޮށްފައި ވެއެވެ. މިގޮތުން ފާހަގަވި އެއް މިއުޓޭޝަންއަކީ، E484K އެވެ. މިއީ ހަށިގަޑުގެ އެންޓި ބޮޑީސް (ހަށިގަޑަށް ހަމަލާދޭ ވައިރަސްތަކާއި، ހަށިގަޑުގެ ދިފާއީ ނިޒާމުގެ އެންމެ ކުރީސަފުގައި ހަގުރާމަ ކުރާ (ޕްރޮޓީން) މާއްދާ) ތަކަށް ވޭރިއެންޓް ފާހަގަ ކުރުން ކުޑަ ކޮށްދޭ މިއުޓޭޝަންއެކެވެ. އެންޓިބޮޑީސްއަކީ، ވައިރަސްތަކާއި ދެކޮޅަށް ދޭ ބޭސްތަކުގެވެސް މައިގަޑު އެއް އަސާސެވެ.

އަދި މީގެ އިތުރުން، އޮމިކްރޮން ވޭރިއެންޓުގައިވާ މިއުޓޭޝަންތަކަށް ބަލާއިރު، N501Y މިއުޓޭޝަންވެސް ހިމެނެއެވެ. މިއީ މީގެ ކުރިން ފެނިގައިވާ ކޯވިޑް19 ވޭރިއެންޓްތައް ކަމަށްވާ، އަލްފާ އަދި ގާމާ ވޭރިއެންޓަށް ގައިންގަޔަށް ފަސޭހައިން ވާސިލްވުމުގެ ގާބިލްކަން ލިއްބައި ދީފައިވާ މިއުޓޭޝަންއެވެ. ފާއިތުވެދިޔަ ހަފްތާގައި، ޔުނިވަރސީޓީ އޮފް ޓެކްސަސްގެ މެޑިކަލް ބްރާންޗް އެންޑް ކޮލީގްސްގެ ސްކޮޓް ވީވަރ، އެ ޔުނިވަރސީޓިގެ ޖާނަލް ނޭޗަރގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި މިއުޓޭޝަންއަކީ، ވައިރަސް ނޭވާލާ ނިޒާމުގެ މައި ހޮޅީގެ މަތީބައިގައި (މިސާލަކަށް ނޭފަތާއި ކަރުތެރެ) ދަތުރު ކުރަމުން ދާއިރު، ވައިރަސް އެތައް ގުނައަކަށް ގިނަވެގަތުމުގެ ގާބިލްކަން ވޭރިއެންޓަށް ލިއްބައިދޭ މިއުޓޭޝަންއެކެވެ.

މާނައަކީ، މި ވޭރިއެންޓުން ބަލި ޖެހޭމީހުންގެ ކެއްސުމާއި އަދި ކިބިހި އެޅުމާއި އަދި ނޭވޭލުމުން ބަލި ގައިންގަޔަށް އެރުން ފަސޭހަ ކޮށްދެއެވެ.

ހަމައެ ފަދައިން، ޑެލްޓާ ވޭރިއެންޓެކޭ އެއްފަދައިން، އޮމިކްރޯން ވޭރިއެންޓުން ވަނީ D614G މިއުޓޭޝަންވެސް ފާހަގަ ވެގެން ގޮސްފައެވެ. މިއީ، ވައިރަސް ހަށިގަޑުގެ ސެލްއަށް ހަމަލާ ދިނުމަށްފަހުން، ސެލްއާއި ބޮޑަށް ތަތްވެގަތުމުގެ ގާބިލްކަން ވޭރިއަންޓަށް ބޮޑަށް ލިއްބައިދޭ މިއުޓޭޝަންއެކެވެ.

އެހެންނަމަވެސް، ވައިރަހެއް މިއުޓޭޓް ވެގެންދާއިރު، އުފެދޭ އާ ވޭރިއެންޓަކުން ފާހަގަވެގެންދާ މިއުޓޭޝަންގެ އަދަދުތަކަކީ އަބަދުވެސް ސައިންސްވެރިންގެ ކަންބޮޑު ވުމެކެވެ. ސަބަބަކީ، ވައިރަހަކާ ދެކޮޅަށް އުފައްދާ ވެކްސިންތަކުން ޓާރގެޓް ކުރަނީ ސްޕައިކް ޕްރޮޓީން (ވައިރަސް، ދިފާއީ ނިޒާމަށް ހަމަލާ ދޭން ބޭނުންކުރާ، ނުވަތަ ވައިރަސް ހަމަލާދޭ ސެލްތަކާއި ތަތް ވެގަތުމަށް ބޭނުންކުރާ، ވައިރަހުގެ ބޭރު ފަށަލާގައި ކަށިތަކެއްގެ ގޮތަށް އުފެދިފައި ހުންނަ ބައިތައް) ތަކަށް ކަމަށް ވާތީއެވެ.

މިގޮތުން، މިހާތަނަށް ކޯވިޑް19 ވެކްސިންތައް އުފައްދާފައިވާ ކުންފުނިތައް ކަމަށްވާ، ފައިޒާ/ބައޯއެންޓެކް، މޮޑާރނާ، ޖޯންސަން އެންޑް ޖޯންސަން، އެސްޓްރާޒެނެކާ، އަދި މިނޫން ކުރުންފުނިތަކުގެ ވެކްސިންތަކުގައިވެސް ބޭނުންކޮށްފައި ވަނީ، ވައިރަސްތަކުގެ ކުދި ކުދި ބައިތައް ނުވަތަ ވައިރަހުގެ ޖެނެޓިކް ސީކުއެންސް (ވައިރަހުގެ ޑީއެންއޭގެ ބައެއް)ގެ ބައެކެވެ. މުޅި ވައިރަހުގެ ޖެނެޓިކް ސީކުއެންސެއް ނޫނެނެވެ.

ނަތީޖާއެއްގެ ގޮތުން، އޮމިކްރޮން، ވޭރިއެންޓުގެ ޕްރޮޓީން ސްޕައިކަށް އައިސްފައި ހުރި ބޮޑެތި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ހަށިގަށުގެ ދިފާއީ ނިޒާމުގައި، ވައިރަހާ ހަމަލާދިނުމަށް ތައްޔާރުކޮށްފައި ހުންނަ ޕްރޮޓީތަކަށް (އެންޓި ބޮޑީތަކަށް) މި ވޭރިއެންޓް ދެނެގަތުން އުދަގޫ ކަމަކަށް ވެގެން ހިގައިދާނޭ ކަމަށް ޑޮކްޓަރުން އަދިވެސް ދަނީ ލަފާ ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ހަށިގަޑަށް ދީފައި ހުންނަ ވެކްސިންގެ ޒަރީއާއިން، ހަށިގަޑު ދިފާއު ކޮށްދިނުމުގެ ބާރު ދަށްވެގެން ދެއެވެ.

އޮމިކްރޮން ވޭރިއެންޓް ޖެހޭ ފަރާތްތަކަށް ވެކްސިންތަކުން ލިބެނީ ކިހާވަރެއްގެ ލުޔެއްކަން އަދިވެސް ވަނީ ޔަގީން ނުކުރެވިފަ

 

ރާއްޖެއަށް އޮތް ނުރައްކާ!

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޯވިޑް ވެކްސިން ދީފައިވި ނިނަމަވެސް، ރާއްޖެއަށްވެސް އަދިވެސް މި ބަލިން އަރައިގަނެވިފައެއް ނުވެއެވެ. އަދި މިއަހަރުގެ އެޕްރިލް އަދި މޭމަހު، ޑެލްޓާ ވޭރިއެންޓުން އައި ރާޅުގައި، ރާއްޖެއިން މީހުން މަރުވެފައިވާ ނިސްބަތަށް ބަލާއިރު، މިފަދަ ދެވަނަ ރާއްޅެއްގެ ނުރައްކާ ކުރިމަތިވެގެން ދާނޭ މިންވަރު ވަޒަން ކޮށްލުމަކީވެސް ހިތަށް ބިރުވެރިކަން އިހުސާސްކޮށްދޭ ކަމަކަށް ވެގެން ދެއެވެ.

އަދި މިހާރުވެސް ކޯވިޑަށް އެކްޓިވް ކޭސްތައް 2،000 އިން މަތީގައިވާއިރު، ކޯވިޑަށް ކޮންމެދުވަހަކުވެސް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް ހުންނަމުންދަނީ 100 އިން މަތީގައެވެ.

އެހެންކަމުން، ކޯވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ދެއަތް އުރާލެވޭން އަދި އޮތް ކަމުގައި ބެލެވޭކަށް ނެތެވެ. އާންމު ރައްޔިތުންވެސް އަޅާފައިވާ ފިޔަވަޅުތަކުގެ މަތިން ފަރުވާ ކުޑަ ކޮށްލަންޖެހޭ ވަގުތު އަދި ގާތެއްވެސް ނުވެއެވެ. ކޮވިޑާ ދެކޮޅަށް ކުރާ ހަގުރާމަ ބެލެވޭ ގޮތުގައި އަދި އޮތީ ކުރިޔަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.