ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ވަނީ މި މަހުގެ 9 ވަނަ ދުވަހު ކައިވެނިކޮށްފައެވެ.
ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް އާއި ކެޓްރީނާގެ ކައިވެނި،
ރާޖިސްތާނުގައި، ހިންދޫއިންގެ އާދަކާދައާއި އެއްގޮތަށް ކުރިއަށް ގެންދިޔައީ އާއިލާ އާއި ގާތް މީހުންގެ ހާޒިރުގައެވެ. ކައިވެންޏަށް ފަހު ދެތަރިން ވެސް ވަނީ ސޯޝަލް މީޑިއާގައި ކައިވެނީގެ ފޮޓޯތަށް އާންމުކޮށްފައެވެ.
މި ކައިވެނީގެ ދައުވަތު ދީފައިވަނީ ބޮލީވުޑްގެ ވަރަށް މަދު ތަރިންނަށެވެ. ނަމަވެސް ކައިވެނި ހަފްލާއަށް ދައުވަތު ދިން މީހުންވަނީ ޝަރުތުތައް ގިނަ ކަމަށް ބުނެ ޝަކުވާވެސް ކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނިގޮތުގައި މި ހަފްލާއަށް ދިއުމުގެ ދައުވަތު ކެޓްރީނާގެ ކުރީގެ ދެ ލޯބިވެރިން އަދި ބޮލީވުޑްގެ ނަން މަޝްހޫރު ދެ ތަރިން ކަމުގައިވާ ސަލްމާން ޚާނާއި ރަންބީރު ކަޕޫރަށް ދީފައެއް ނުވެއެވެ.
މީޑީއާ ރިޕޯޓް ބުނާގޮތުގައި ކެޓްރީނާ އެންމެ ފުރަތަމަ ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ސަލްމާންގެ ފަރާތުން ހަދިޔާއަކަށް ލިބުނީ 3 ކްރޯޑް އިންޑިއަން ރުޕީސްގެ ރޭންޖް ރޯވާއެކެވެ.
ކެޓްރީނާ އާއި ސަލްމާން ލޯބީގެ ގޮތުން ގުޅިފައިވަނީ 2003 ވަނަ އަހަރުއެވެ. އެއީ ކެޓްރީނާ ބޮލީވުޑަށް ތަޢާރަފްވީތާ ކުރީކޮޅެވެ. ބޮލީވުޑްގައި މަޝްހޫރު ނަމަކަށް ކެޓްރީނާގެ ނަން ހެދުމުގައި ސަލްމާންގެ ދައުރު ވަރަށް ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ގުޅުންމުގައި ސިއްކަ ޖެހުނު ކަމުގައިވިޔަސް ގާތް އެކުވެރިއެއްގެ ގޮތުގައި މިހާރު ވެސް ސަލްމާނާއި ކެޓްރީނާ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދައެވެ. އަދި ޕްރޮފެޝަނަލް ގުޅުމަށް އެއްވެސް ބުރުލެއް ނާރާއެވެ.
2011 ވަނަ އަހަރު ސަލްމާނާ ވަކިވުމަށް ފަހު، ކެޓްރީނާގެ ނަން ގުޅިގެންދިޔައީ ރަންބީރް ކަޕޫރާއެވެ. މިދެތަރިން ލޯބި އުފެދުނީ އެ އަހަރު ފިލްމު "އަޖަބް ޕްރޭމް ކީ ގަޒަބި ކަހާނީ"ގެ ސެޓުންނެވެ. 2016 ވަނަ އަހަރު ރަންބީރާއި ކެޓްރީނާގެ ގުޅުން ކެނޑުނު ކަމުގައިވިޔަސް އެ ދެތަރިން އެކުގައި ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވެއެވެ. ސަލްމާނާއި ކެޓްރީނާގެ ގުޅުން ނިމުނީ ވެސް ބުނެވޭގޮތުގައި ރަންބީރުގެ ސަބަބުންނެވެ.
ކުރީގެ ލޯބިވެރިޔާ ރަންބީރުގެ ފަރާތުން ހަދިޔާއަކަށް ލިބުނީ 2.7 ކްރޯޑްގެ ޖަވާހިރު ހާރެއް ކަމަށް މީޑިއާތަކުން ބުންނެއެވެ.
ކެޓްރީނާ އާއި ވިކީ އަންނަނީ ކައިވެންޏަށް ފަހު އެކުގައި ވަގުތު ހޭދަކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ކުޑަ ހަނީމޫނެއް ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ