ކޮަމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަން ޕްރައިމަރީ މިމަހުގެ 27 ވާ ހޯމަ ދުވަހު ބޭއްވުމަށް އެޕާޓީން ނިންމާފައިވާކަމަށެވެ. ޕްރައިމަރީ އޮންނާނީ އެދުވަހުގެ ހެނދުނު 10 އިން ހަވީރު 5އަށް އެދާއިރާއެއްގެ ރަށްރަށުގައާއި މާލޭގެ ހަރުގޭގައިކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީން ބުނީ، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ 16:00 ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓަށް އީމެއިލް ކުރެއްވުމުން ފޯމް ބަލައިގަންނާނެކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ މެންބަރު ޙުސައިން ވަހީދު އަވަހަރާވުމާއި ގުޅިގެންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިއްމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.