އިންޑިއާ މިލިއަޓަރީ އައުޓް ހަރަކާތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ތާޢީދުކުރައްވާކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓަށް އިޝާރާތްކުރައްވައެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި، އިންޑިއާ ކަނޑުގައި އޮތް އިންޑިއާގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫންކަމަށާއި، އިންޑިއާ އައުޓެކޭ ނުބުނެވޭނެކަމަށެވެ.
އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މިހާރު ފުޅަކުރަމުން އަންނައިރު ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައިވެސް އެ ކެމްޕެއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން މިއަދު މާލެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްވަމަުން ރައީސް ޔާމީން ވަނީ އިންޑިއާ އައުޓާއި ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމިން ވިދާޅުވީ، އިންޑިއާ އައުޓޭ ނުކިޔުނު ނަމަވެސް އިންޑިއާ މިލިޓަރީ އައުޓޭ ކިޔުމަކީ އެމަނިކުފާނަށްވެސް މައްސަލައެއް ނޫންކަންކަމެވެ. އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތާޢީދު ނުކުރެއްވިނަމަވެސް އެ ގޮވާލުމަށް ރައީސް ނަޝީދު ތާޢީދުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ އައުޓެކޭ ނުޖެހޭނެ، މިއީ ރައީސް ނަޝީދު ވިދާޅުވާ ވާހަކަ! މިހެނެއް ނުބުނެވޭނެ! ބުނަން ވާނީ އިންޑިއާ މިލިޓަރީ ބޭރުވާށޭ! އެހެންވީމަ އެމަނިކުފާނު ވެސް ގަބޫލުކުރައްވާ އިންޑިއާ މިލިޓަރީ ބޭރު ވާން ޖެހޭކަން! އެއީ ނޫންތޯ އެބުނި ވާހަކައަކީ!
– ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާޢީދުކުރައްވާ ބޭފުޅުން އުޅުއްވާއިރު، ބަރުލަމާނީ ނިޒާމް ރާއްޖޭގައި ޤާއިމްކުރުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި އޮތުމާއި ގުޅޭގޮތުން ރައްޔިތުންގެ ޝުޢޫރުހުރި ގޮތް ބަލަން ވޯޓެއް ނަގަން ޖެހޭކަމަށެވެ.
އެއް ބޭފުޅަކު އެބަ މަސައްކަތް ކުރައްވާ ނޫންތޯ ބަރުލަމާނީ ނިޒާމާ މެދު ރައްޔިތުންނަށް ފެންނަނީ ކޮން ގޮތެއްތޯ ބަލަން؟ އެހެންވީމަ ބަރުލަމާނީ ނިޒާމާ އެހެން ނިޒާމަކާ މތަނަށް ގެނައުމުގެ ކުރިން އެބަ ބަލައިލަން ޖެހޭ. ރައްޔިތުންގެ ވިސްނުމާ ރައްޔިތުން ޝުއޫރު އޮތީ އިންޑިއާގެ އަސްކަރިއްޔާ މިތާ އޮތުމުގައި ކޮން ގޮތަކަށްތޯ؟ އެހެންވީމަ މި ވޯޓު ނަގަންވީ..
– ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވަނީ ގޮވާލައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ބޭނުންތައް ފުއްދުމަށް އެހީތެރިވެދޭ ޤައުމެއް ނަމަވެސް އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ގޮތަށް ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާން ޖެހޭ ސަބަބެއް ނޫންކަމަށެވެ.