ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެކަމަށް ސަރުކާރުން ބުނެފިއެވެ.
މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ލަސްކަމަށް ކިޔާ ފާޑުކިޔުމަށް ރައްދުދެއްވާ ރޭ ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދޅުވީ، މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަޝްރޫޢުއަކީ ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި ޤާއިމްކުރުންކަމަށެވެ. މިގޮތުން ރާއްޖޭގެ އެތައް ރަށެއްގައި އެ މަޝްރޫޢު ކުރިއަށްދާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ ބްރިޖުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށެވެ.
މިހާރު އެ އަންނަނީ އެ މަޝްރޫޢު އަމަލީ މަސައްކަތާއި ގާތަށް. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގައި ސްޓްރަކްޗާތައް ފެންނަން ފަށާ ހިސާބަކަށް އެ ޕްރޮޖެކްޓް ދާނެ.
– މަބްރޫކް ވިދާޅުވިއެވެ.
އިންޑިއާގެ އެހީގައި ތަރައްޤީކުރާ ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށް ކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.
6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.
މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތަށް ބަލާއިރު މާލެއާއި ވިލިމާލެ ބްރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅާއި ތިލަފުށި ބްރިޖުގައި ވައްބުރު ޖަންކްޝަނެއް ހިމެނޭއިރު، ކޮންމެ ރަށެއްގައިވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލަރ ޕެނަލްތައް ހަރުކޮށް ބޮކިތައް އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ނިޒާމު މި މަޝްރޫޢުގެ ތެރެއިން ޤާއިމުވެގެންދާނެއެވެ.