މިނިވަން މުވައްސަސާތަކަށް އިސްލާހީ ހެޔޮ ބަދަލު ގެނައުން އަރަތަކަށް!

މިނިވަން މުވައްސަސާތަކަށް އިސްލާހީ ހެޔޮ ބަދަލު ގެނައުން އަރަތަކަށް!

Author
ހުސެއިން
14 ޑިސެމްބަރ 2021 09:01
0

ދިވެހިރާއްޖެ ބަލައިގެންފައިވާ ރިޔާސީ ނިޒާމް ބިނާވެފައި އޮތީ މައިގަޑު ތިން ބާރެއްގެ މައްޗަށެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހަދާ ބާރާއި، ޝަރީއަތް ކުރުމުގެ ބާރެވެ. މި ތިން ބާރުގެ މައްޗަށް މުޅި ދައުލަތުގެ ހިންގުމުގެ އޮނިގަޑު އެކުލެވިފައި ވާއިރު، ދައުލަތް އޭގެ ޒާތުގައި ޒިންމާދާރުކޮށް، ޖަވާބު ދާރީ ކުރުވުމާ، އަދި ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކުގެ ޗެކް އެންޑް ބެލްސް (ބާރުތަކުގެ ތިލަފަތް ހަމަހަމަ ކޮށް) ހިފެހެއްޓުމަށްޓަކާ ހަމަ އެގާނޫނު އަސާސީން އެކަށައަޅާފައި އޮތް ގާނޫނީ އޮނި ގަޑަކީ ދައުލަތުގެ މިނިވަން މުވައްސަސާތަކެވެ.

އެހެންނަމަވެސް، އާ ގާނޫނު އަސާސީ ބަލައިގަނެ، ފާއިތުވެގެން މިދާ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް، ސިޔާސީ ގިނަ ފަރާތްތަކެއްގެ އެންމެ ބޮޑު ފާޑު ކިޔުމެއް ނުވަތަ، ނުރުހުމާއި، ރުޅިވެރިކަން އަމާޒުވެގެން ގޮސްފައިވާ ދައުލަތުގެ މުވައްސަސާތަކަކީވެސް މިނިވަން މުވައްސަސާތަކެވެ.

ނަތީޖާއެއްގެ ގޮތުން، އަންނަ ކޮންމެ ސަރުކާރަކުންވެސް، ފާއިތުވެދިޔަ ތަނުގައި ވަނީ، އެބަޔަކު ރުހޭ ބަޔަކަށް މިމުވައްސަސާތަކުން މަގާމްތައް ދީފައެވެ. އަދި އެބައެއްގެ ފުރިހަމަ ކޮންޓްރޯލް ނެތްކަން ރަގަޅަށް ފަހުމް ވުމުން، ދައުރުގެ މެދުތެރެއިން ނަމަވެސް، މެމްބަރުން ބަދަލު ކޮށް މުވައްސަސާތަކަށް ވަނީ ބޮޑެތި ބަދަލުތައްވެސް ގެނެސްފައެވެ. ކޮންޓްރޯ އޮތް މުވާއްސާތަކުގެ މަގާމްތަކަށް އަމިއްލަ ނަފުސުން އާދެވުމުން ވީ ވައުދުތަކާއި، ދެއްކިހާ ވާހަކަ ތަކުގެމަތިން ހަދުމަ ނައްތާލަނީއެވެ.

 

އެސީސީގެ މެމްބަރުން ގޯސް! ޖޭއެސްސީގެ ކޮމްޕޮޒިޝަން ރަގަޅު!

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުގެ ފާޑު ކިއުން ފާއިތުވެދިޔަ ތަނުގައި އެންމެ ބޮޑަށް އަމާޒުވެގެން ދިޔަ އެއް މުވައްސަސާއަކަށް ވެގެން ދިޔައީ އެންޓި ކޮރަޕްޝަން ކޮމިޝަނެވެ. އަދި މި ފާޑު ކިޔުންތަކުގެ ތެރޭގައި، ކޮމިޝަނުން ނިންމާފައިވާ ނިންމުންތައް ބައެއް މެމްބަރުންނަށް ކަމު ނުގޮސްގެން، އެކޮމިޝަނުން ކުރިޔަށް ގެންގޮސްފައިވާ ވަކިވަކި މައްސަލަތަކަށް އަމާޒުކޮށްވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ފާޑު ވިދާޅުވާތަން ފެނިގެން ގޮސްފައިވަނީ ނުހަނު ގިނައިން ކަމުގައި ދަންނަވަން ޖެހެއެވެ.

އޭސީސީގެ މެމްބަރުން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ޖަވާބުދާރީ ވަނީ

އެހެންނަމަވެސް ފާހަގަވާން އޮތް ކަމަކީ، ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ ތެރެއިން އޭސީސީ އެކަށީގެވާ ގޮތެއްގައި މަސައްކަތް ނުކޮށްގެން އެމުވައްސާގެ މެމްބަރުން މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީން ފޫގަޅާލާފައިވާއިރު، އެޕާޓީން 2018ގައި ރިޔާސީ ކެމްޕޭނުގައި ވެފައިވާ ވައުދުތަކާ އެއްގޮތަށް އަދިވެސް އިސްލާހު ކުރަންޖެހިފައިވާ މިނިވަން މުވައްސަސާތަކުގެ މަތިން ސުޕަރ މެޖޯރިޓީ އޮތް މަޖިލިހުން ހަދާން ނައްތާލާފައި ވާކަމެވެ.

މިގޮތުން ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު މުވައްސަސާއަކީ ޖުޑީޝަލް ސާވިސް ކޮމިޝަންއެވެ. މިކޮމިޝަންގެ ކޮންޕޮޒިޝަން އެތުރިފައިވާ ގޮތް ގޯސްވެ، މިކޮމިޝަން އިސްލާހީ ހެޔޮ ބަދަލު ގެނެވިގެން މެނުވީ ރާއްޖޭގެ ޝަރުއީ ނިޒާމް ހަމަމަގަށް އަޅުވާ ނުލެވޭނެ ކަމުގައި ވާހަކައަކީ އެޕާޓީގެ ލީޑަރުންނާއި އެޕާޓީއަށް ތާއީދުކުރާ ސިޔާސީ ފަރާތްތަކުންވެސް ފާއިތުވެދިޔަ ތަނުގައި އެންމެ ހަރުއަޑުން ދައްކަވާފައިވާ ވާހަކައެވެ. އަދި މިއީ 2018ގަ ވެރިކަމާ ހަވާލުވި ކޯލިޝަން ސަރުކާރުގެ މުހިންމު ވައުދެއްވެސް މެއެވެ.

އެހެންނަމަވެސް، އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެވެސް ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވިދާޅުވެފައިވަނީ، ޖޭއެސްސީ އިލާހު ކުރުމުގެ ވައުދަކީ އެޕާޓީން ވެފައިވާ ވައުދެއް ކަމަށާއި، އެހެންނަމަވެސް، އެ ކޮމިޝަން އިސްލާހު ކުރާނޭ ގޮތުގެ ވާހަކަތަކެއް މެނިފެސްޓޯގަ ލިޔެވިފައި ނެތްކަމަށެވެ.

އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ޖޭއެސްސީ އިސްލާހު ކުރާނޭ ގޮތުގެ ވާހަކަ މެނިފެސްޓޯގައި ބަޔާން ކޮށްފައި ނެތްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވިނަމަވެސް، 2018 އަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގެ 105ވަނަ ސަފްހާގައި، އެޕާޓީން ޖޭއެސްސީއަށް ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތަކަކީ ކޮބައިކަން ވަރަށްވެސް ސާފުކޮށް ބަޔާން ކޮށްފައި ވާކަމެވެ.

މިގޮތުން މި މެނިފެސްޓޯގެ 105ވަނަ ސަފްހާގައި ލިޔެފައިވަނީ، އެޕާޓީގެ ވެރިކަމެއްގައި، ފަނޑިޔާރުންގެ ސުލޫކީ މިންގަޑު ބެލެހެއްޓުމަށް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާނޭ ގޮތާއި، އެކުލަވާލާ ގޮތަށް ބަދަލު ގެންނާނޭ ކަމުގެ ވާހަކައެވެ.

މިގޮތުން ގެންނާނޭ ކަމަށް މެނިފެސްޓޯގައި ލިޔެފައިވާ ބަދަލުތަކަކީ:

  1. ޖޭއެސްސީގެ މެމްބަރުން ކަޑައަޅާއިރު ފަނޑިޔާރުންނާއި،މަގާމުގެ ހައިސިއްޔަތުން އައްޔަން ކުރެވޭ ފަރާތްތައް ކޮމިޝަންގައި ނުހިމެނުން.
  2. ކޮމިޝަންގައި ހިމެނޭ ހުރިހާ މެމްބަރުންނަކީ،އާންމު ރައްޔިތުންގެ ތެރެއިން ބަޔަކަށް ވުމާއެކު، އެއްވެސް މެމްބަރަކީ ވަކި ދާއިރާއަކަށް ޚާއްސަވެފައިވާ މީހަކަށް ވާން ނުޖެހުން.
  3. މެމްބަރުންގެ ޝަރުތުތަކުގެ ތެރޭގައި ޑިގްރީއެއް އޮތުމާއި، ކުށުގެ ރެކޯޑެއް ނެތުންފަދަ ޝަރުތުތަކެއް ކަނޑައެޅިފައި އޮތުން.
  4. ޖޭއެސްސީގެ ނިންމުންތައް އެއްވެސް ކޯޓަކުން ނުބެލޭނެކަމަށް ގާނޫނުގައި ކަނޑައަޅާ ބަޔާން ކުރުން.
  5. ޖޭއެސްސީގެދައުރަކީ 3 އަހަރު ކަމުގައި ހެދުން.
ޖޭއެސްސީ އެކުލެވިގެންވާނޭކަމަށް އެމްޑީޕީގެ މެނިފެސްޓީގައި ލިޔެފައިވާ ގޮތް

މަތީގައި މި ބަޔާން ކުރެވުނީ، ޖޭއެސްސީގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސްފަދަ ބޭބޭފުޅުން ތިއްބަވާތީ، އަދި ފަނޑިޔާރުންނާއި މިނޫނަސް ސިޔާސީ ނުފޫޒު ފޯރާގޮތަށް އެކޮމިޝަން އެކުލެވިފައި އޮވެގެން، ކޮމިޝަން އިސްލާހު ކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައިގަޑު އުސޫލުތަކެވެ.

އެހެންކަމުން، މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮވެ، އަދި ބައެއް މިނިވަން މުވައްސަސާތައް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކޮށް، އެމުވައްސަސާތަކުގެ މެމްބަރުން ބަދަލުކުރުމަށް ސުޕަރ މެޖޯރިޓީން މަސައްކަތް ފަށާފައިވާއިރު، އެޕާޓީން ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަދުތަކުގެ މަތިން އިސްލާހު ކުރަންޖެހޭ މިނިވަން މުވައްސަސާތައް އަދިވެސް ހަމަ އެގޮތުގައި އެގޮތުގައި ދެމި ހުރީއެވެ. އޭގެ އިތުރަށް، މި ދެންނެވުނު ކޮމިޝަންތަކުގައި ހުރެގެން ނުވާނެކަމަށް އެބޭފުޅުން ވަކާލާތު ކުރެއްވި މަގާމްތަކަށް ޚުދު އެބޭފުޅުން އިސްވެވަޑައި ގަތީއެވެ.

 

އިސްލާހު ކުރުން އަރަތަކަށް!

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފާއިތުވެދިޔަ ތަނުގައި ފެނިގެން ގޮސްފައިވާ އެންމެ ބޮޑު އެއް ހަގީގަތަކީ ގިނަ ހާލަތްތަކުގައި، ސިޔާސީ ފަރާތްތަކުގެ ނުފޫޒާއި އޮއިވަރުގައި ޖެހި، ނުވަތަ އެތަންތަނުގެ މައްޗަށް ނުފޫޒު ފޯރާ، މިނިވަން މުވައްސަސާތަކާއި އެތަންތަނުގައި ތިބޭ މެމްބަރުން ކޮމްޕްރޮމައިސް ވެގެން ދިއުމެވެ. ބާރުތައް އަތަށް އެރުމުން، އޭރު ފާޑު ކިޔަމުން އައި މުވައްސަސާތައް ރަގަޅުވެ، ކޮމްޕޮޒިޝަންގައިވެސް އެއްވެސް މައްސަލައެއް ނެތިގެން ދިއުމެވެ.

ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތެއްނެތި ތިބި މީހުންގެ މައްސަލަތައް އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ދާދި ފަހުން ބުނެފައިވި ނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަނަށް ރައްޖޭގެ ޖަލުތަކުގެ މައްސަލައެއް ނެތެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި މިހާރު ތިބި މެމްބަރުންނަކީ، މިހާރު އޮތް ސުޕަރ މެޖޯރިޓީގެ ރުހުން އޮތް މެމްބަރުންނަށް ވާތީ، ސުޕަރ މެޖޯރިޓީއަކަށް މި ކޮމިޝަންގެ އެއްވެސް މައްސަލައެއް ނެތެވެ. މިކޮމިޝަނުން ޖަލުތަގެ ހާލަތުގެ ވާހަކަ ނުދެކެވިޔަސްވަސް މައްސަލައަކަށް ނުވެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މިހާރުގެ މެމްބަރުން: ގިނަ މެމްބަރުންނަކީ އެބޭފުޅުން އެކޮމިޝަންގައި މިހާރު ތިއްބެވި މަގާމްތަކުގެ ސިޔާސީ މީހުން ނުތިއްބަވަން ވަކާލާތު ކުރެއްވި ބޭފުޅުން

މިދެންނެވުނު އުސޫލުގެ ދިރިހުރި މިސާލެއްގައި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން މިއަދު ފެންނާން އޮތްއިރު، ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީން ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ ތެރެއިން އެންމެ މުވައްސަސާއަކަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ނުގެނެވިގެން އުޅޭ އުޅުމާ ދޭތެރޭ ގިނަ ބަޔަކު މިއަދުވަނީ ޝައްކުގެ ނަޒަރަކުން ދެކެން ފަށާފައިކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. އަދި މިނިވަން މުވައްސަސާތަކަށް ފާޑިއުމަކީ އެބައެއްގެ މަސްލަހަތާއި އެކަނި ގުޅުންހުރި ކަމަކަށްވެ، މިއީ މިއަދު އަރަތަކަށް ވެގެން ގޮސްފައިވާކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.